އޭރުގެ ރޯދަމަސް: ސައީދުގެ ގަލަމުން

ދުށްތަނާއި އިވުނު އަޑު

އޭރުގެ ރޯދަމަސް: ސައީދުގެ ގަލަމުން

ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް "ކޯދޮވުމޭ" ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު މައްޗަށް އޫކޮށެވެ. ކުރުނބާގެ ފޫކޮޅު ހުންނަނީ ނާށި ފެންނަވަރަށް މަށާ އޮމާން ކޮށްފައެވެ. 

އެއީ ވޯކުޓޯކީގެ ދުވަސްވަރެވެ. ރޯދައަށް ހަނދު ފެނުމުން ހުޅުޖެހި ޒަމާން އޮތީ އަޅުގަނޑުމެންނާ ހަމައަށް އައިއިރު ފާއިތުވެފައެވެ. އޭރު އަތޮޅު އޮފީސްތަކުގައި ރޭޑިޔޯ ސެޓުތައް ބަހައްޓައިގެން މާލެއާ ވާހަކަ ދައްކައެވެ. އަތޮޅު އޮފީހުން ރަށްރަށާ ވާހަކަ ދައްކަނީ ވޯކީޓޯކީންނެވެ. އެއީ އަޑު ސާފުކުރަން ވޯކީޓޯކީ ހިފައިގެން ރޭގަނޑަށް ކަތީބުން އަތިރިމައްޗަށް ނުކުމެ އެހެލާފައިހުންނަ ވަދުދޯނިފަހަރުގެ ފައްގަނޑު މަތީގައި މެސެޖު ލިޔުން ޒަމާނެވެ. ޓޯޗުބައްތީގެ ޒަމާނެވެ. ވޯކިޓޯކީން ދައްކާ ވާހަކަ އަޑުއަހަން ވައިދަށުގައި ދުރުދުރުން ސިއްރުސިއްރުން މީހުން އުޅުނު ދުވަސްވަރެވެ. ހަނދު ފެނުނުކަން އަންގަނީ ވޯކީޓޯކީންނެވެ. އެކަމަކު އޭރުވެސް ހަނދު ފެނުމުން އުފާފާޅުކުރުމުގެ ގޮތުން ބައެއް ރަށްރަށުގައި ހުޅުޖަހައެވެ. މޫސުން ގޯސްވެ އަޑު ނުސާފުވެގެން ހަނދުފެނުނީ ކަމެއް ނުވަތަ ނޫންކަމެއް ސާފުނުވެ ޝައްކެއްގެ މަތީގައި ވެސް ބައެއް ރަށްރަށު މީހުން އުޅެންޖެހެއެވެ. ހަނދު ފެނުނުކަން ރައްޔިތުންނަށް އަންގަނީ ސަންގު ފުމެގެންނެވެ. ނޫނީ ގޮވާ މީހަކު ރަށުތެރޭގައި ގޮވައިގެންނެވެ. ބައެއް ފަހަރު އެ ކަށަވަރުކަން އެނގެނީ ވަރަށް ދަންވާ ފަހުންނެވެ. މުލުރޯދަ ދުވަހު ހާރުނުކާތީއާއި ނިޔަތް ނުކިޔިގެން ބައެއް މީހުން ރޯދައަށް ނުތިބޭ ފަހަރު ވެސް އާދެއެވެ. މިފަދަ މައްސަލަތައް ރޭޑިޔޯ އާންމުވުމުން މަދުވެގެން ދިޔައެވެ. މާލެއިން ވެސް ބައެއް ފަހަރު ހަނދާމެދު ގޮތެއް ނުނިމި ލަސް ވެސް ވަނީއެވެ.

އަޅުގަނޑުމެން ހޭލައިގެންއިރު ރޭޑިޔޯ ދިޔައީ އާންމުވަމުންނެވެ. ކޮންމެ ރަށު އޮފީހަކަށް ސަރުކާރުން ރޭޑިޔޯއެއް ފޮނުވާފައި ހުރެވެ. މަދުމަދު ގޭގޭގައި ރޭޑިޔޯ ވަރަށް ޢިއްޒަތުގައި މަތިން ފޮތި އަޅައިގެން ގެންގުޅެއެވެ. ބޯޓު ދަތުރުކުރާ މީހުން ކެސެޓު ރޭޑިޔޯ ގެންގޮސް ލަވައާއި ބަދުރު މާލޫދު ޖަހާ އުޅެއެވެ. ބަދުރުމާލޫދު އަޑުއަހަން އެގޭގޭ ދޮށުގައި މީހުން ތިބެއެވެ.

ކުއްލިއަކަށް ރޭޑިޔޯ ރަށުތެރެއަށް އާންމުވެއްޖެއެވެ. އަޅުގަނޑު ވެސް އައީ ބޮޑުވަމުންނެވެ. އެ ހިސާބުން ރޯދަމަހު އެންމެންގެ ވެސް އެންމެ ގާތްއެކުވެރިޔަކީ ރޭޑިޔޯއެވެ. އެހެން މަސްތަކަށްވުރެ ފޮނުވާ ޕްރޮގްރާމުތައް ގިނަވެފައި ތަފާތެވެ. އެހެން މަސްތަކާ ޚިލާފަށް ރޭޑިޔޯ ފެށޭގަޑިއާއި ނިންމާލާ ގަޑި ވެސް ލަސްވާނެއެވެ. ރޭޑިޔޯ އިން ރޯދަމަހު ފޮނުވާ ޚާއްޞަ ޕްރޮގްރާމުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުޤުވެރިވަނީ ޝެއިޚު ފާރޫޤު ހުށައަޅުއްވާ އުލޫމުލް ޤުރުއާނާއި، ކުރުވާހަކަ މުބާރާތާއި، ކީރިތި ރަސޫލާގެ ސިޔަރަތެވެ. އަދި ކޮންމެ ދުވަހެއްގެ އަސުރު ނަމާދުގެ ފަހުން ފޮނުވާ ދީނީ ނަސޭހަތާއި، ރޯދަ ކުރުކުރުމެވެ. ރައީސް މައުމޫނުގެ އަޑުފުޅުން ފޮނުވާ ރޯދައިގެ އަލި ވަރަށް ޚާއްޞައެވެ. އެ ޕްރޮގްރާމަށްފަހު ބަންގި ގޮވާތީއެވެ. ރޭގަނޑުގެ އެންމެ ޚާއްޞަ ޕްރޮގްރާމަކީ ލޯބީގެ ދަރުބާރެވެ. އަދި އެކެއް ޖަހަންދެން ދޮހޮއްކޮބޭ ހުށަހަޅައިދޭ ލަވައިގެ ދިގު ޕްރޮގްރާމެވެ. އޭރުގެ ރޯދަ މަސްތަކުގައި އެންމެ ގިނައިން ރޭޑިޔޯއިން އިވޭ އެއް އަޑަކީ އަލްއުސްތާދު އިބްރާހިމް ރަޝީދު މޫސާގެ އަޑެވެ. ބޭރުގެ އިލުމުވެރިންގެ ދަރުސްތައް އެމަނިކުފާނު ވަގުތުން ތަރުޖަމާކޮށް ދިނުމުގައި އަވަދިނެތި އުޅުއްވާތީއެވެ. އުސްތާޛު ރަޝީދުގެ އަޑު ދޭތެރެ ދޭތެރެދޭތެރެއިން ނޫނީ އިރުއިރުކޮޅުން ރޭޑިޔޯއިން ހުންނާނީ އިވިއިވިއެވެ. ރެޑިޔޯއިން ފޮނުވަންފެށި ދީނީ ސުވާލު މުބާރާތާއެކު އެމަނިފާނުގެ އަޑު އިވޭލެއް އިތުރުވެގެން ދިޔައެވެ.

ރޯދައަކީ ރަށަށް އަންނަ ހާއުފާވެރި އީދެކެވެ. އާންމުކޮށް މިސްކިތްތަކަށް ނާރާ މީހުން ވެސް ބަރާބަރަށް މިސްކިތަށް ގޮސް އުޅެއެވެ. މާލެ ފައިބާތިބޭ މީހުން ރަށަށް ދާތީ އާބާދީ ވެސް އިތުރު ވެއެވެ. ލައިގެންކާނެ މަސް ބާނަން ރިޔާ ދޯނިތަކުގައި ވަދާދާ މީހުން ފިޔަވައި ދިރިއުޅުމުގައި ބުރަ މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. އަޅުގަނޑުގެ އުފަން ރަށުގައި (ނ. މަނަދޫގައި) ދުވާލުގެ ގިނަ ވަގުތުތައް ފިރިހެންވެރިން ހޭދަކުރަނީ އަތިރިމަތީގައި ހުންނަ ހޮޅުއަށިތަކުގައެވެ. ޚާއްޞަކޮށް "ރުންމަގު" ގައެވެ. އެއީ އެ ހޮޅުއަށީގެ ނަމެވެ. އަންހެންވެރިން އުޅޭނީ ބަދިގޭގައެވެ. ސްކޫލުތަކާއި އެދުރުގެތައް ވެސް ހުންނަނީ ބަންދުކޮށްފައެވެ.

އެ ޒަމާނުގައި ދީނީ ހޭލުންތެރިކަން ކުޑަކަމުން ވަރަށް ގިނަ ކަންކަން މިހާރާ ތަފާތެވެ. އެއް ކަމަކީ ރޯދައަށް ނިޔަތް ކިޔުމާއި ހާރު ކެއުމެވެ. ހާރުކާން ނުހޭލެވުނަސް އެ މީހަކު ރޯދައެއް ނުވާނެއެވެ. ބައެއް މީހުން ހާރުކެޔަސް ނިޔަތް ނުކިޔާ އޮވެވުނީތީ ރޯދައެއް ނުވާނެއެވެ. މީހަކު އިހުތިލާމު ވިޔަސް ބަލަނީ ރޯދަ ގެއްލުނީ ކަމަށެވެ. ހިނައިގަންނަޖެހޭ ކަމެއް ކުރިމަތިވެ ހިނައިނުގަނެ އޮއްވާ ފަޖުރުލިޔަސް ރޯދައަކަށް ނުހުރެއެވެ. ދަތް އުނގުޅާނީ ހާރުކައިގެން ފަޖުރުލުމުގެ ކުރިންނެވެ. އޭގެ ފަހުން ދަތް އުނގުޅައެއް ނޫޅެއެވެ. ރޯދައަށް ހުރެ ކުޅެއް ނުދިރުވާނެއެވެ. ރޯދައަށް އުނިކަމެއް ލިބިދާނެތީ އިރު އޮއްސެންދެން އޮންނާނީ ކުޅުޖެހުމެވެ. ބައެއް ދުވަސް ދުވަހު އަޅުގަނޑު ރޯދައަށް ބެހެއްޓި އުމުރުގައި އެހެން ކުދިންނަށް ރޯދަކަން އަންގަން ވެސް ކުޅުޖަހާ އުޅެމެވެ. އެގޮތަށް އުޅުޖަހާޖަހާ އަސުރުން ތިރިވާއިރު މީހުން ތިބެނީ ވަރު ދެރަވެފައެވެ. ދުވަސް ދިގު ވާހަކައާއި ހޫނު ގަދަ ވާހަކަ ދައްކާނެއެވެ. ރޯދައިގެ ބަރަކާތަށްޓަކައި ވަރުބަލިވާ ވާހަކައެއް ނުދައްކާނެއެވެ.

ރޯދައަށް ތިބެ މޫދު އެރުމަކީ ވެސް ދުވަސްވީ މީހުން ދެކޭ ގޮތުގައި ރޯދަ ގެއްލޭނެ ކަމެކެވެ. މެންދުރުފަހަށް އެޅީމާ ފެންވެރުމެއް ވެސް ނޯވެއެވެ. ވުޟޫކުރާއިރު ވެސް އަނގަޔަށް ފެންލާނީ ވަރަށް ވިސްނައިގެން ވަރަށް ކުޑަކޮށެވެ.

ރޭޑިޔޯއިން ސިޔަރަތު އަންނަ ގަޑިއަށް ހޮޅުއަށިތަކަށް މީހުން ޖަމާވެ ސިޔަރަތު އަހަން ތިބެއެވެ. ސިޔަރަތު ނިމުމަށް ފަހު އަސުރު ވަގުތު ވެދާނެއެވެ. އަސުރު ނަމާދުން ފައިބައިގެން އައިސް ބައެއް ހޮޅުއަށިތަކުގައި ވާހަކަ ކިޔުން އޮވެއެވެ. ތަރުޖަމާ ކޮށްފައި ހުންނަ ބޮޑެތި ދިގު ވާހަކަތަކެވެ.

އެއް ދުވަހަކު އިރުމަތީ އަވަށަށް ދެވުނު ދުވަހެކެވެ. ހޮޅުއަށީގައި އިނދެފައި ހާރޫނުބޭ އަޅުގަނޑަށް ގޮވާލައްވައިފިއެވެ. އެއީ އޭރު މަނަދޫ ކަތީބެވެ. އަޅުގަނޑުގެ ބޮޑު ބޭބެއެކެވެ. އަޅުގަނޑު ދިއުމުން ނިކަން ބޯފޮތެއް ދެއްވާފައި ވިދާޅުވިއެވެ. މިހިސާބުން ފެށިގެން މި ވާހަކަ ކިޔައިދީބަލާށެވެ. އެ ދުވަހަކީ އާންމުކޮށް ވާހަކަ ކިޔާ މީހާއަށް ނާދެވުނު ދުވަހަކީއެވެ. ތާނަ ފަރިތަޔަސް އަރަބިން ފިލި ނުޖަހާ ލިޔެފައި ހުންނަ ނަންނަން ގިނަކަމުންނާއި އެ ނަންނަން އާވެފައި ދިގުކަމުން ވަރަށް އުނދަގުލެވެ. ފުރަތަމަކޮޅު ނުބައިކޮށް ކިޔޭ ނަންނަން ހާރޫނުބޭ ރަނގަޅު ކޮށްދެއްވައެވެ. ފަހުން ފަރިތަވެއްޖެއެވެ. އެ ދުވަހު ދޫކޮށްލީ އަނެއް ދުވަހު ވެސް ވާހަކަ ކިޔައިދޭން ދާގޮތަށެވެ. އެކަމަކު އަސްލުގައި އެ ވަގުތަކީ އަޅުގަނޑު ވަރަށް ބިޒީ ވަގުތެކެވެ. ދާހިތްވިޔަސް ދެވޭކަން ނޯވެއެވެ.

މިސްކިތް ދޮށަށް ރޯދަ ވީއްލަންދާ މީހުން އެހާ ގިނައެއް ނޫނެވެ. މިސްކިތް ދޮށުގައި ރޯދަ ވީއްލަނީ ކަދުރާއި ޖޫހުންނެވެ. ރޯދަމަހު ރޯދަ ވީއްލާގަޑިއަށް އަޅުގަނޑަށް ކަމުދަނީ ރޮށްޓާއި ރިހައެވެ. އެ ކަމަކު މަންމަ މޮޑެލާ ގަބުޅި ސަޓަނި ހުރެއްޖެއްޔާ އެވަރެއް ނޯވެއެވެ. ހެދިކާގެ ބާވަތްތަކާއި ދެވައްތަރުގެ ބޯކިބަލާ ސާގުފަނިފަދަ ތަކެތި ޚާއްޞަވަނީ ތަރާސްވީސް ދަމަށެވެ. ހުނިކަހުރަކީ ރޯދަމަހުގެ ހެދިކާއެކެވެ. ހާރު ދަމަށް ފިހުނު މަހާއި ގަރުދިޔައާއި ބަތެވެ. ރޯދަމަހުގައި ހުރިހާ ސުފުރާއެއްގައި ވެސް ބަތްޕެން ހުރެއެވެ. ޚާއްޞަކޮށް ހާރުގެ ސުފުރާގައެވެ.

ރޯދަމަކީ އެ ޒަމާނުގައި ޒުވާނުންނަށް ލޯބީގެ މޫސުމެކެވެ. ހާރުކައިގެން ނޫނީ ޒުވާން ޖޯޑުތައް ނުނިދާނެއެވެ. ގޭގޭ ދޮށަށް ލާފައި ހުންނަ ވެލިގަނޑުތައް ފަޅުފިލުވަނީ އެވެރިންނެވެ. ދޮން ކަށިވެލިގަނޑުގައި ތާސް ބަންޑުން ޖަހައިގެން ތާސްކުޅެއެވެ. މޮޅަށް ގަނޑު ޖަހާލާ އަޑު މާދުރަށް އިވޭނެއެވެ. އަނެއް ބަޔަކު ކުޅޭނީ އޮއްވަޅެވެ. ސަމާސާއާއި މަޖާ ކުރާނެއެވެ. ބައެއް ރޭރޭ ސަމާސާ ވިހަވާނެއެވެ. ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ އަސަރާއި ހަސަދައިގެ ކަންކަން ފެންމަތިވާނެއެވެ. އަނދިރިގަނޑުތަކަށް ވަދެ ފިލާތިބޭ ޖޯޑުތައް ގަޔަށް ފެނާއި ފިއްލެޔޮ ވެސް ޖަހާފާނެއެވެ. އިރުއަރާއިރު ވެލިގަނޑު ހިފަހައްޓަން ޖައްސާފައިހުން ކަށިކެޔޮ މޫތައް ބުރިކޮށް ކޮށާފައި ވެސް ހުރެދާނެއެނެވެ. ބައެއް ސިޓީއާއި ނޯޓާއި ލަވައާއި މަލާމާތުގެ ޅެންތައް ލިޔެ މަގުތަކަށް ނޫނީ ބައެއް ގޯތިތަކަށް ވެސް އަޅާފައި ހުރެދާނެއެވެ. އެކަންކުރާ މީހަކު ބަޔަކު ނޭނގޭނެއެވެ. މި އަޑުތައް އަޅުގަނޑުމެންނަށް އިވުނަސް އެއީ އަޅުގަނޑުމެންގެ ދުވަހެއް ނޫނެވެ.

ރޯދަމަހަކީ ރުޅިގަދަ މީހުންގެ އަޑު ވެސް ގަދަވާ މަހެކެވެ. ހޮޅުއަށިތަކުގައި ޒުވާބާއި ބަހުސްތައް ހޫނުވެ ހުތުރު އެއްޗެތިކިޔާ ގަޔަށް އަތްލާ ވަރަށް ބައެއް ދުވަސް ދުވަހު ފޯރި ގަދަވެއެވެ. އަސުރުން ތިރިވެލީމާ ރުންމަގު ހޮޅުއަށީގެ އަޑު އެތައް ހިސާބަކަށް ހުންނާނެއެވެ. ގަދަޔަށް ދުފާ ބިޑި ސިނގިރެޓު ބޯ މީހުން ރޯދަމަހު ދުވާލު އަލާ ކަނޑުވަނީ އެހެން ތޯއްޗެކެވެ.

މި ވާހަކަތައް ލިޔަމުން ދިޔައިރު އަޅުގަނޑު ހިތަށް އެރިއެވެ. އޭރޭ ކިޔައިގެން މި ވާހަކަތައް ލިޔަން މީ ކާކުހެއްޔެވެ. އަޅުގަނޑު މި ލިޔުނީ އަޅުގަނޑު ދުށްތަނާއި އިވުނު އަޑުތަކެވެ. އަޅުގަނޑަށްވުރެ އުމުރުން ދުވަސްވީ ބޭފުޅުންގެ ތަޖުރިބާ އަދި މާބޮޑަށް ތަފާތުވާނެއެވެ. އެ ވާހަކަތައް މާ ޝައުޤުވެރިވާނެއެވެ.

އެޑިޓަރގެ ނޯޓް: މިލިޔުއްވުމަކީ ނ. މަނަދޫ އަބްދުއްލާ ސައީދުގެ ލިޔުއްވުމެކެވެ. ލިޔުމަށް އަބްދުއްލާ ސައީދު ދެއްވާފައިވާ ސުރުހީއަކީ "އޭރުގެ ރޯދަމަސް"އެވެ ލިޔުންތެރިޔާ މިލިޔުން ޝާއިއު ކުރައްވާފައި ވަނީ އެލިޔުންތެރިޔާގެ އަމިއްލަފުޅުބްލޮގްގައި 2020ވަނަ އަހަރުއެވެ. ރޯދައާއި ގުޅޭ ޝައުގުވެރި ލިޔުމަކަށް ވާތީ ނަކަލު ކޮށްލީއެވެ.