ހިޔާލާއި ފިކުރު ކަފުނަށް: އާޓިފިޝަލް ބީޗްގައި މިރޭ ފޯރަމެއް

"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ފޯރަމެއް އޮންނާނެއެވެ.
ހިޔާލާއި ފިކުރު ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދިނުމާއި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ފޯރަމްގައި އޮންނާނެއެވެ. "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ވެސް ފޯރަމްގައި ކިޔައިދޭނެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ގުޅިގެން އާންމު އެތައް ރައްޔިތުންނަކާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގައި ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި އެމްޖޭއޭއިން ފޯރަމެއް ބާއްވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާއި ދެކޮޅުހެދުމުގެ ގޮތުންނެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން 40 އަށްވުރެ ގިނަ މީޑިއާއިން 150 އަށްވުރެ ގިނަ ނޫސްވެރިނާއި ބައިނަލްއަގުވާމީ އެތައް ޖަމިއްޔާތަކުން ގޮވާލަމުން ދިޔަ ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ ބިލު މަޖިލީހުން ފާސްކޮށް "ހިޔާލާއި ފިކުރު ކަފުނަށް" ލާށެވެ.
ރައީސް މުއިއްޒުގެ ސަޕޯޓަރުންނާއި ސަރުކާރުގެ ކުލީ ގަލަންތަކާއި ބޮޓް އެކައުންޓުތަކުން ސޯޝަލް މީޑިއާގައި ގޮވާލަމުން ދަނީ "ހިޔާލާއި ފިކުރު ކަފުނަށް" ލުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ފާސްކުރުމަށެވެ.