މުއިއްޒު ހުޅުވާދިނީ އިންޑިއާގެ މިލިޓަރީ ބޭހެއްކަމަށް ސިފަކުރި އެއަރޕޯޓް: ޝާހިދު
ރައީސް މުއިއްޒު ރޭގައި ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުއްވައިދެއްވުމަކީ ރައީސް ސޯލިހު ގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫއެއްގެ ނިންމުން ކަމުގައި ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެ މުހިންމު މަޝްރޫއު ހިންގެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިހަށާއި، އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންޑްރަ މޯދީ އަށާއި، އިންޑިއާ ސަރުކާރަށާއި އިންޑިއާގެ ރައްޔިތުންނަށް އެ ބޭފުޅުންގެ މަތިވެރި އެހީތެރިކަމަށްޓަކައި އިހުލާސްތެރި ޝުކުރު ދަންނަވާކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި އެންމެ އަޖައިބުވެ ހައިރާންވާ ކަމަކީ، ރައީސް މުއިއްޒާއި އެ ބޭފުޅާގެ އެކުވެރިން، އިދިކޮޅުގައި ތިއްބެވިއިރު، ހަނިމާދޫ އެއަރޕޯޓް މަޝްރޫއު އިންޑިއާގެ މިލިޓަރީ މަޝްރޫއެއްގެ ގޮތުގައި ސިފަކުރެއްވި ކަމެވެ.
ހަނިމާދޫ އެއަރޕޯޓް އިމާރާތްކުރުމުގެ މަސައްކަތުަގއި އުޅުނު މަސައްކަތްތެރިންނަކީ އިންޑިއާ ސިފައިންގެ ގޮތުގައި ސިފަކޮށް ނުރައްކާތެރި ގައުމިއްޔަތުގެ ދޮގު ވާހަކަތައް ރައީސް މުއިއްޒާއި ބައިވެރިން އާންމުކުރިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އެހީގައި ހިންގި ކޮންމެ މަޝްރޫއެއް ސިޔާސީކޮށް، އިންޑިއާ އާއި ދެކޮޅަށް ރުޅިވެރިކަން އުފެއްދުމަށް ބޭނުން ކުރެވުނު ކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒާއި ބައިވެރިން އޭރު ބައިނަލްއަގުވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރިކަން ހަނދާންކޮށް ދެއްވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު އެ ބޭފުޅާގެ އިންތިހާބީ ކެމްޕޭނުގައި ދެކޮޅުހެދި ހަމަ އެ މަޝްރޫއު އަޖައިބު ކުރަނިވި ގުދުރަތީ ނިޔާފުޅަކުން ރައީސް މުއިއްޒު އެވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރައީސް މުއިއްޒު ސަރުކާރުން ކުރިން ނުބައިކޮށް ދުށް އިންޑިއާ ސަރުކާރުގެ އެހީގައި ވުޖޫދަށް އައިސްފައިވާ މަޝްރޫއެއް ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

