ތަފާތު ބޮޑު މޮޅެއް – މަރުހަބާ އަކްރަމް
އެމްޑީޕީ މަތި އުތުރު ދާއިރާގެ ރައީސް ކަމުގެ މަގާމަށް އަކުރަމް ކަމާލުއްދީން
ހއ.ހދ.ށ އަތޮޅު ހިމެނޭ އެމްޑީޕީ މަތި އުތުރު ދާއިރާގެ ރައީސް ކަމުގެ މަގާމަށް އަކުރަމް ކަމާލުއްދީން އިންތިހާބު ވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. ކުރިން އެ ދައިރާގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުން އެ މަގާމު ހުސްވުމުން އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބު އޮތީ މިއަދުއެވެ.
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމު ކަމާލުއްދީނާ ވާދަ ކުރެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އާއި ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން)އެވެ.
އަކްރަމަށް ލިބިވަޑައިގަތީ 2988 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ %71 އެވެ. އާދިލު 850 ވޯޓު ހޯއްދަވައިގެން %20 ހޯއްދަވާފައި ވާއިރު ހާޝިމަށް ލިބިވަޑައިގަތީ 291 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ އެންމެ %7 އެވެ.
ލިބިވަޑައިގެން ކާމިޔާބީއާއި އެކު އަކްރަމް ވިދާޅުވީ މުސްތަގުބަލްގައި މަސައްކަތް ކުރައްވާނީ އެ ޕްރޮވިންސްގެ ރައްޔިތުންނާއި މެމްބަރުންނާއި އެންމެ ގާތުން ކަމަށެވެ. ހަމަ އެ އާއި އެކު އަކްރަމް ވޯޓްދިން ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ގެންދަނީ އަކްރަމަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.