މުއިއްޒު ސަރުކާރުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ!

ރާއްޖޭން އިޒްރޭލް ބޮއިކޮޓް ނުކުރަނީސް އިޒްރޭލުން ވަނީ ރާއްޖެ ބޮއިކޮޓް ކޮށްފަ

މުއިއްޒު ސަރުކާރުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ!

މިޔަންމަރ (ބަރުމާ) ގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެތާނގެ ސަރުކާރުން ނަސްލު ނައްތާލުމުގެ ރަހުމުކުޑަ ގަތުލު އާއްމެއް ފާޅުކަން ބޮޑު ގޮތެއްގައި ހިނގިއެވެ. މިޔަންމަރ ސަރުކާރުގެ ރަހުމުކުޑަ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އިހުތިޖާޖު ކުރުމާއި ދަތިކުރުންތައް ކުރިމަތި ކުރުވިއެވެ. މިޔަންމަރ ސަރުކާރުގެ ލާއިންސާނިއްޔަތުކަން ނިމުމަކަށް ގެނައުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގެމްބިއާ ސަރުކާރުން ދައުވާ އުފުލިއެވެ. 

މިޔަންމަރ އާއި ދެކޮޅަށް އުފުލުނު ދައުވާ ސާބިތުކޮށް ދިނުމުގެ ގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުން އެ ދައުވާގެ ތެރެއަށް ތަދައްހުލުވިއެވެ. ދައުވާއަށް ތަދައްހުލުވީ ގައުމުތަކުގެ ތެރޭގައި ދުނިޔޭގައި ނަން ހިނގާ ބޮޑެތި އެތައް ގައުމެއް ހިމެނުނެވެ. ކެނެޑާއާއި ޑެންމަރކާއި ފްރާންސާއި ޖަރމަނީއެވެ. ނެދަރލޭންޑްސްއާއި އިނގިރޭސި ވިލާތުން ވެސް ތަދައްހުލު ވިއެވެ. 

އިގްތިސާދީ ގޮތުންނާއި އަޝްކަރީ ގޮތުން ދުނިޔޭގެ ފެންވަރުގައި ބާރެއް ނެތަސް އިންސާނީ ކަރާމާތާއި މުސްލިމް ރޮހިންޔާ ނަސްލުގެ ހައްގުގައި ދިވެހިރާއްޖެއިން ވެސް އައިސީޖޭ ގައި މިޔަންމަރއާއި ދެކޮޅަށް ގެމްބިއާއިން ކޮށްފައިވާ ދައުވާއަށް ތަދައްހުލުވިއެވެ. ދިވެހި ރައްޔިތުން ތިބީ ރޮހިންޔާ މުސްލިމުންނާއެކުގައި އެމީހުންގެ ހައްގުތައް ދިފާއު ކުރުމުގައިކަން ދުނިޔެއަށް ދިވެހީން ވަނީ ސާބިތުކޮށް ދީފައެވެ. 

ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލު މުޅި ދުނިޔެއިން އެދަނީ ކުށްވެރި ކުރަމުންނެވެ. އެއްވެސް ރަހުމެއް ކުލުނެއް އިންސާނިއްޔަތު ކަމެއް ނެތި އިޒުރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާ ހުއްޓުވުމަށް މުޅި ދުނިޔޭގައި ދަނީ އަޑު އުފުލަމުންނެވެ. އެބަޔަކަށް ލިބުނު އެއްޗެއް އިންސާނީ އެހީގެ ގޮތުގައި ދަނީ ފޯރުވާދެމުންނެވެ. 

ބައެއް ތަންތާނގައި އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރަނީއެވެ. ގިނަ ގައުމުތަކަކުން އިޒްރޭލު މީހުން އައިސް ގޮސް އުޅުން މަނާކޮށް އިޒްރޭލު ޕާސްޕޯޓް ބޭން ކުރަނީއެވެ.

ސައްތައިން ސައްތަ އިސްލާމީ ދިވެހި ރާއްޖެއަށް އެއިން ކަމެއް ކުރުމުގެ ހިތްވަރެއް ދިވެހި ސަރުކާރުގައި ނެތެވެ. ރައްޔިތުން މަޖިލީހުގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރުމަށް ރައީސް އަރިހުގައި އެދުމުންވެސް އެކަން ކުރުމުގެ ހިއްވަރެއް މުއިއްޒުގެ ދިވެހި ސަރުކާރުގައި ނެތެވެ. ރާއްޖޭން އިޒްރޭލް ބޮއިކޮޓް ނުކުރަނީސް އިޒްރޭލުން ވަނީ ރާއްޖެ ބޮއިކޮޓް ކޮށްފައެވެ.

އިސްލާމް ދީނަށް ނަސްރުދީ އިސްލާމީ ޝަހުސިއްޔަތު ނަގަހެއްޓުމަށް އައި ސަރުކާރަށް އިޒްރޭލް ބޮއިކޮޓް ކުރުމުގެ ހިތްވަރެއް ނެތެވެ. ދިވެހި ރައްޔިތުން ބޭނުން ވަނީ އެކީ އެކައްޗަކަށް ރާއްޖެއިން އިޒްރޭލު ބޮއިކޮޓް ކުރުމަށެވެ. އިޒްރޭލުގެ އެކަކުވެސް ރާއްޖެ އައުމަކަށް ދިވެހިން ނޭދެއެވެ. ގާނޫނީ ހުރަސް ތަކެއް ހުރިކަމަށް ބުނެ ދިވެހި ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ފަސްޖެހިފައެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ރާއްޖޭގައި ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ މީހުން ކުށްވެރިކޮށް ފިޔަވަޅު އެޅުން ދިވެހި ސަރުކާރުން ވަނީ އިސްކޮށްފައެވެ.

އިޒްރޭލުން ގާޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ދެކުނު އެފްރިކާއިން މިހާރު ދައުވާ އުފުލިތާ ކިތަންމެ ދުވަހެކެވެ. އަވަށްޓެރި ބަނގްލަދޭޝް ވެސް އެ މައްސަލައަށް މިހާރުވަނީ ތަދައްހުލު ވެފައެވެ. ރޮހިންޔާ މައްސަލައަށް ދިވެހި ރާއްޖެއިން އޭރުވަނަސް، ފަލަސްތީނު މުސްލިމު ރައްޔިތުންގެ ހައްގުގައި އެ މައްސަލައިގެ ތެރެއަށް ތަދައްހުލު ވާކަށް މިއަދު މިއޮތް ދިވެހި ސަރުކާރު ބޭނުމެއް ނުވެއެވެ.