ގައުމީ ސަލާމަށް ބައި ހަރަމް ބަނުން ހުއްދަކޮށްފި
މުއިއްޒު ހުވާ ކުރި ދުވަހު އެންމެން ގުދަށް ނުތިބިކަން ނަސީބު
މިހާރު އޮތް ފަތުވާ މަޖިލިހުން ބުނަނީ އާދަކާދައިގެ ގޮތުން ގައުމީ ސަލާން ކިޔާ އިރު މޭމަތީގައި އަތް ބޭއްވުން ހުއްދަ ކަމަށެވެ. އެކަމަކު ގައުމީ ސަލާން ކިޔާ އިރު މޭމަތީގައި އަތް ބޭއްވުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ދިވެހިންނަކީ ގައުމީ ސަލާމުގައި ކޮޅަށް ތެދުވުމުގެ އާދަ އެކަނި ގެންގުޅޭ ބައެެކެވެ. ސިފައިން ކޮށްއުޅެނީ ކުރުނީހެވެ.
ދިވެހިން ގައުމީ ސަލާން ކިޔަން ފެށިފަހުން ފާއިތުވެ ދިޔަތަނުގެ މަންޒަރު ފެންނަން އޮތީ އެހެންނެވެ.
ދިވެހިން މޭމަތީގައި އަތް ބާއްވައިގެން ކޮޅަށް ތިބެނީ ހަމަ އެކަނި ނަމާދުގައެވެ. އެއަށް ގިޔާމް ވެސް އަދި ހަރަމް ބަނުން ވެސް ކިޔައެވެ. އެއީ ވާތްމަތީ ކަނާތް ބާއްވައިގެން ހުންނަ ހުރުމެވެ.
ކީރިތި ޤުރުއާނަށް ހުރުމަތްތެރި ކޮށް ހިތުމުގެ ގޮތުން އިހުގައި ޤުރުއާން އުފުލުމުގައި މޭމަތީގައި މުސްހަފު ޖައްސާލައިގެން ކީރިތި ޤުރުއާން އުފުލުމުގެ އާދައެއް ވަރަށް ފަހަކާ ޖެހެންދެން އޮތެވެ.
ގައުމިއްޔަތައިގެން ކަމަށް ދެއްކެން ހިފިނުތިބެވޭ ބަޔަކު ސަރުކާރާ ހަވާލުވެ ގައުމީ ސަލާމުގައި މޭމަތީ ކަނާތް ބާއްވައިގެން ދެބައިކުޅައެއްބައި ހަރަމް ބަނީ މިދިޔަ ނޮވެމްބަރ 17 ގައި ޖުމްހޫރީ މައިދާނުގައި އޮތް ރައީސް މުޢިއްޒުގެ ހުވާ ރަސްމިއްޔާތުގައެވެ.
އެދުވަހު ބަން ބައި-ހަރަމް އެއީ ދިވެހިންގެ އާދަކާދަ ކަމަށް ހަދާ، މި ސަރުކާރުގެ ފަތުވާ މަޖިލިހުން އެކަން ހަލާލު ކުރީމާ އިތުރަށް ދައްކާނެ ވާހަކަ އެއް ނެތެވެ.
މުއިއްޒު ހުވާ ކުރެއްވި ދުވަހު ގައުމީ ސަލާމަށް އެންމެން ދެ ކަކުލުގައި އަތް އަޅައިގެން ބުރަކަށި ސީދާވާ ގޮތަށް ގުދަށް ނުތިބިކަން ނަސީބެވެ.
އެހެން ނަމަ ގައުމީ ސަލާމުގައި ބައި ހަރަމް ބަނުން ހުއްދަ ކުރިގޮތަށް، މި އަދަކީ ފަތުވާ މަޖިލިހުން ގައުމީ ސަލާމުގައި ފުލް ރުކޫޢުގައި ތިބުން ވެސް އާދަކާދައޭ ކިޔާ ހުއްދަކުރި ދުވަހަށް ވީސް ތޯއްޗެކެވެ.
މާއްދިއްޔަތާ އަމިއްލަ އެދުމާ މަގާމާ ޖާހަށްޓަކާ ދީނާ ގައުމާ އަގީދާ ނީލަން ކިޔާ މީހުނަށްވުރެ ވަކި ނުބައި ބަޔަކު ދުނިޔެތާކު ނުވާނެއެވެ.