މީޑިއާ ކަސްތަޅު ބިލަކީ ހަންނާނަށް ދަ ހޯކްސް ފުޑާލަދޭ ކައްފާރާ

ތުޅާދޫ ދާއިރާގެ މެންބަރ ހަންނާނު ހުރީ ހަމަހޭގަހެއްޔެވެ. ހަންނާނު މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑިއާ ކަސްތަޅު ބިލާމެދު ކަންބޮޑުވެގެން އުޅޭ އެއްވެސް މީހަކު ހަންނާނަށް ނުފެނެއޭ ބުނުމަކީ ހަންނާނުގެ ނުބައި ނުލަފާކަމާއި އަމިއްލަ އެދުމުން ފޯވެފައިވާވަރު ހާމަވެގެން ދިޔަކަމެކެވެ.
ހަންނާނު ކުރާ ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ނަމިރާ ނާޒިމާއި ރެޑްވޭވް ސަލީމާ ގުޅިގެން ހަންނާނު ކުރަން އުޅެނީ ކީއްކަން އެބަ އެނގެންޖެހެއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި ގައުމީ ސަލާމަތީ ކޮމެޓީ ބޭނުން ކޮށްގެން ކުރާން އުޅޭ ކަމަކީ ދަ ހޯކްސް ކުންފުނި ފުޑާލުމެވެ. ދުރާލާ ރާވައިގެން މަޖިލިސް ތެރެއިން ހިންގާ އެ ޖަރީމާގެ ކައްފާރާއަކީ މީޑިއާ ބިލުކަން އެއްވެސް މީހަކަށް އޮޅިގެން ނުވާނެއެވެ.
ޗެނަލް 13 އިން ފޮނުވި " ބެލްކަނި" ވީޑިއޯ ރިޕޯޓާއި ގުޅިގެން ޗެނަލް 13 އަށް ފިޔަވަޅު އަޅާ އެ ޗެނަލް ހުއްޓުވާލުމަށް ނިޔަތް ގަނެގެން ނަމިރާ ނާޒިމު ފަރުމާކުރި ބިލު މަޖިލީހަށް ހުށަހަޅާ ދީގެންނޫނީ ހަންނާނަށް ދަ ހޯކްސްގެ ދުވަސް ދުއްވާލެވޭކަށް ނެތެވެ. އަނެއް ކޮޅުން ދޮންއަމާ ވީޑިއޯ ރިޕޯޓާއި ގުޅިގެން ރާއްޖެ ޓީވީ ސައިޒުކޮށްލުމަށް މުއިއްޒު ހުރީ ކެތްމަދުވެފައެވެ.
ޕީއެންސީގެ ގައިން މީޑިއާ ކަސްތަޅު ބިލު ނައްޓާލާ ހަންނާނު ގުރުބާން ކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ނަމިރާ ނާޒިމާއި މުއިއްޒު އެ ހިފަނީ ބަދަލު ހިފުމުގެ ގޮތުންނެވެ. ލިބުނު ރަނުގެ ފުރުސަތުގައި ހަންނާނު ލައްވާ އެއްދޮނުގައި ދެބުޅި ޖާލަނީއެވެ. ހަންނާނުގެ އަމިއްލަ ތެލުގެ ވިޔަފާރި ފުޅާކުރެވެން އޮތީ މުއިއްޒު ބުނިހާ ގޮތެއް ހަދާދީގެން ވާދަވެރިޔާ ނައްތާލައިގެންނެވެ. ދަ ހޯކްސް އާއި ދެކޮޅަށް މަޖިލީހުގެ ކޮމެޓީތައް ބޭނުންކޮށްގެން އެ ޖަހަނީ އެ ސަކަރާތެވެ.
އަމިއްލަ އެދުމާހުރެ ކޮމްޕްރަމައިޒްވެފައިވާ ތުޅަދޫ ހަންނާނަށް ޖެހޭނީ ނަމިރާ ނާޒިމާއި މުއިއްޒު ބުނިހާ ގޮތެއް ހަދާދޭށެވެ. ދަ ހޯކްސް ފުޑާލެވެންދެން ހަންނާނު ހުންނާނީ މުއިއްޒު އެޅިހާ ބަތަކަށް ރިހަވެފައެވެ.