ހެޔޮވެރިކަން: ރައީސް ސްޓެލްކޯ ޗައިލްޑްކެއަރއަށް ވަޑައިގަތުން

ހެޔޮވެރިކަން: ރައީސް ސްޓެލްކޯ ޗައިލްޑްކެއަރއަށް ވަޑައިގަތުން

ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އޮފީސް ތަކުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތަށް ވަޒީފާ އަދާކުރާ މާހައުލު ބިނާ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމާޒެކެވެ. ރައީސްގެ އެ އަމާޒަށް ވާސިލުވުމަށް އެންމެ ފުރަތަމަ އިސްނެގި ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އެވެ.

ސްޓެލްކޯގެ މި އިސްނެގުމަކީ މުއައްޒަފުންގެ ކަންކަމަށް ސްޓެލްކޯއިން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ. ރައިީސް އެދިވަޑައިގެން ފެންވަރުގެ ޗައިލްޑްކެއަރ ސެންޓަރެއް ސްޓެލްކޯގައި ގައިމުކޮށް އެތަނުން ހިދުމަތްދޭން މިހާރު އެވަނީ ފަށާފައެވެ. ސްޓެލްކޯގެ މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި ކުދިންނާ މެދު ފިކުރުކޮށް އެކުދިންނަށް ވާނުވާ ނޭނގިގެން މިހާރަކު އުޅޭކަށް ނުޖެހޭނެއެވެ. ކޮންމެ މުއައްޒަފަކުވެސް އެމީހެއްގެ ދަރިފުޅަށް ޗައިލްޑްކެއަރގެ ރައްކާތެރިކަމާ ލޯތްބާ ހޯދާދީގެން ދަރިފުޅާއެކު ވަޒީފާ އަދާކުރެވޭނެ މާހައުލެއް އެއޮތީ ފަހިވެފައެވެ.

ސްޓެލްކޯގެ ތަޖުރިބާކާރު މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު އެހުންނެވީ މުއައްޒަފުންނަށް ފާގަތިކަމާ އުފާވެރިކަން ހޯއްދަވާ ދެއްވުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމަށް އަތުކުރި އޮޅުއްވައިގެންނެވެ. މުއައްޒަފުންނަށް ފަހި ގޮތްތައް ހޯއްދަވާ ދެއްވަމުން މުއައްޒަފުންގެ ކިބައިން އެމްޑީ އެދި ވަޑައިގަންނަވަނީ އެންމެ ކަމަކުއެވެ. ރައްޔިތުންނަށް ސްޓެލްކޯއިން ފެންވަރުހުރި ލުއި އަވަސް ހިދުމަތެއް ދިނުމަށެވެ.

ސްޓެލްކޯގައި ގާއިމު ކުރެވުނު ޗައިލްޑްކެއަރ ސެންޓަރ ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރަށް ވަޑައިގަތް ވަޑައިގަތުމުން ސްޓެލްކޯއިން މުއައްޒަފުންގެ ލާބައަށް ކުރާ ކަންކަން ސަރުކާރުން ބަލައިގެންފިކަން ކަށަވަރުވެއްޖެއެވެ. ރައީސްގެ އަމާޒު ހިއްޕަވާފައިވާ ކަންކަން ސްޓެލްކޯއިން ފާހަގަކޮށް ރައީސް ސާލިހުގެ ހެޔޮވެރިކަން ދެމެހެއްޓުމުގައި މުޅި ސްޓެލްކޯ އޮތްކަން ސާބިތުވެގެން ދެއެވެ.