ހަނިމާދޫ އާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް މަރުހަބާ: ރައީސް ސޯލިހު
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާ ގުޅިގެން ހަނިމާދޫގެ އަދި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މަރުހަބާ ވިދާޅުވުމަށް ރައީސް ސޯލިހު ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި "މި އެއަރޕޯޓަކީ އެ ސަރަޙައްދުގެ އިގުތިސާދީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެ"އެވެ.

އެއަރޕޯޓާއެކު، ހަނިމާދޫގެ މުޅި އިގުތިސޯދީ ނިޒާމު ވަރުގަދަކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ގާބިލިއްޔަތު އިތުރުކޮށް، އެ ސަރަޙައްދުގައި ހުރި ކުރިއެރުމުގެ ގާބިލުކަން ފުރިހަމައަށް ހާސިލުކުރުމަށް އައު ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށެވެ. "އުންމީދަކީ ސަރުކާރުން މި މަސައްކަތް ފުރިހަމަކުރުމުގައި ސާބިތުކަމާއެކު ކުރިއަށް ދިއުން" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި މުހިންމު މަޝްރޫއު (ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް) ހަގީގަތަކަށް ހެދުމުގައި ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

