އިބޫ ނޫން ގޮތެއް ނެތްކަން ފަތުއަޑުކިޔާފައި ވަނީ އިތުރު

މުއިއްޒުގެ ބޮޓުންނާއި ކުލީ ގަލަންތަކުން އެމްޑިޕީއަކީ ތާއީދެއް ނެތް ބޭކާރު ބައެއްކަމަށް ދައްކަން މަރުފަލި އެބަޖަހައެވެ. ވެރިކަމުގެ ޖަޒްބާތުގައި އެމްޑީޕީ ރޫޅަން ނިކުތް ބައެއް މީހުން އަދިވެސް އެކަންވޭތޯ އެބަ ގައި ވީދައެވެ.
އެމްޑީޕީގެ ކުރީސަފުގައި ތިބި މީހުންނާއެކު އެމްޑިޕީއަށް ކާމިޔާބެއް ލިބެން ނެތްކަމަށް އަޑު ފަތުރައިގެން ވާގި ނައްތާލަން ކުރެވޭ މަސައްކަތް ވަކީން ކުޑައެއް ނޫނެވެ. ރައީސް ސޯލިހާއި އޮނަރަބަލް ފައްޔާޒު އިސްމާއިލާއި އޮނަރަބަލް ޝާހިދާއި އެކުގައި އިތުރަށް ހޯދޭނެ މޮޅެއް ނެތް ކަމަށް ބަޔަކު އެބަކިޔައެވެ.
ރައީސް މުއިއްޒުގެ އައުވާނުންނާއި ރައީސް ޔާމީނަށް ވެރިކަން ހޯދަދޭން އުޅޭ މީހުންނާއި ރައީސް ނަޝިދު ނޫންގޮތެއް ނެތްކަމަށް ގަބޫލުކުރާ މީހުނަށް އެމްޑީޕީއެއް އެމްޑިޕީގެ ލީޑަރޝިޕެއް ކަމަކު ނުދާނެއެވެ.
ވަކިވަކި އެ ހުރިހާ ފިރުގާއަކީ ވަކި މީހަކަށް ނޫނީ އާރާބާރު އޮތުން ގަބޫލު ނުކުރެވޭ ހަނި ވިސްނުމެއްގެ ބައެކެވެ. ހާއްސަކޮށް ރައީސް މުއިއްޒަކީ މައުމޫނިޒަމްގެ ފޮތިވަރެއް ލޫޓުވާލައިގެން ވެރިކަމުގައި ހުރީތީ ބާރުވެރިވެފައިވާ މީހެެއް ކަމުން މުއިއްޒުގެ ތޮއްވަރިން މޮޅުކާ މީހުނަށް މުއިއްޒުވަރެއް ނުއޮންނާނެއެވެ.
އިބޫ ނޫން ގޮތެއް ހޯދަން އެއްވާނަކަށް މުޅި ގައުމުގައި ހިންގި ދޮގާއި ފިތުނައިގައި ދަންތުރާގައި ޖެހި އެމްޑީޕީއަށް ވެރިކަން ގެއްލުނަސް އެއް ލައްކަ ނުވަހާހަށް ވުރެ ގިނަ ވޯޓުދީ އެމްޑީޕީއަށް ގިނަ ބަޔަކު އިތުބާރު ކުރިއެވެ. ރޫޅާލަން އުޅުނު މީހުނަށް ރޫޅާ ނުލެވި ދިޔައީ ޗޮކުންނެވެ.
ހޯދުނު އިބޫ ނޫން ގޮތުން ޖެހެމުންދާ ހާލު އިތުރު ވީވީހެން ކުރެވުނު ކަންތަކުގެ މޮޔަހީވެ އެތައް ބަޔަކު މުއިއްޒަށް ލައުނަތް ދިނުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މުއިއްޒުގެ ދޯހަޅި ނާގާބިލު ވެރިކަމަށް ދެ އަހަރު ނުވެ މުއިއްޒުގެ މަގުބޫލުކަން މުޅިންހެން ގެއްލި ފޫހިވެއްޖެއެވެ.
އިބޫ ނޫން ގޮތެއް އަދި ނެތް ކަމަށް ގަބޫލުކުރާ މީހުން ފަތުއަޑު ކިޔާފައި ވަނީ އިތުރެވެ. އެމްޑީޕީ އެނބުރި ވެރިކަމަށް ގެނައުން ނޫން ރަނގަޅު އެހެން ގޮތެއް މިހާރު ނެތިއްޖެއެވެ. އެމްޑީޕީން މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ހިންގާ ހަރަކާތްތައް މަދުވެގެން މުއިއްޒުގެ އައުވާނުން ވެސް އުޅެނީ މާވަރަކަށެވެ.
އެމްޑީޕީގެ ވާދަވެރިން އެމްޑީޕީ މަގަށް ނިކުމެ ވެރިކަން ވައްޓާ ނުލައިގެން ފޯރިއެއް އެބަހުއްޓެވެ. މުއިއްޒުގެ ލުޓޭރު ސަރުކާރު ވައްޓާލެވޭ ވަރުގެ އެހެން ބަޔަކު އެމްޑީޕީ ނޫނީ ނެތްކަން ލޮލުން ބޮލުން އެންމެންވެސް ގަބޫލުކުރާތީ މުއިއްޒުގެ ވަފާތެރިންނާއި އެމްޑިޕީގެ ހިޔަނިން ވެރިކަން ހޯދަން އުޅޭ މީހުނަށް އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕެއް ހަޖަމެއް ނުވާނެއެވެ.