ވެރިކަމަށް ފާވި މޮޔަގެރިއެއްތަ!
އިންތިހާބީ ރައީސްގެ ހަތަރެސް ފައި ބަނދެލާނެ ދީވަލްޕާއެއް
އިސްލާހީ ހަރަކާތުގެ ދެވަނަ ނަމަކީ އެމްޑީޕީއެވެ. އެމްޑީޕީއަކީ އެތައް ބައެއްގެ ގުރުބާނީއެވެ. އެމްޑީޕީގެ ވެރި ކަމެއްގައި ވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނޫން ކަމަށް ބުނެ ޑިމޮކްރެޓިކް އެކްޓިވިސްޓެއްގެ ސިފައިގާ ދައުލަތް ފޭރިގަންނަން މީހަކު އުޅޭކަމަށް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. މަންޑޭލާގެ ނަމުން ނަން ދީގެން ވަކި މީހަކު ކުރިއަށް ނެރެގެން ގިނަ ދިވެހި ބޭނުންވީ ބަދަލެވެ. ވެރިކަން ކުރަން ބޭނުން ނުވާކަމަށް ބުނި މީހާ ހީލަތްތެރިކަމާއެކު ހަރަކާތުގައި ގުރުބާން ވީހާ މީހުންގެ ބޮލަށް ފައިން އަރާ ވެރިކަން ފޭރިގަތެވެ.
ދެނަކާ ދެނެއް ނެތެވެ. ގާނޫނަކީ ހަމަޔަކީ ވެރިމީހާގެ ހިތުހުރި ގޮތެވެ. ރައްޔިތުންގެ އިހުސާސެއް ޑިމޮކްރެސީގެ ހަމައެއް ގާނޫނީ އިޖުރާތެއް ވެރިކަން ހިންގުމުގާ ނެތެވެ. ރައްޔިތުންގެ މަޖިލީހާއި ސްޕްރީމް ކޯޓަކީ ވެރިމީހާގެ ފީކުދާނަށް ހެދިއެވެ. ކުއްލިއްޔާ އުވާލާ ދިވެހި އިސްލާމް ކިޔަވާ ދިނުން އޮޕްޝަނަލްކޮށް އިޒްރޭލާ ގުޅުން ބަދަހިކޮށް ސްޕްރީމް ކޯޓުގައި ތަޅު އަޅުވާ ގާޒީއަކު ރަހީނުކޮށް ހެދި އިރު ހީވީ ދުނިޔެ ރަންވެގެން އުޅުނު ހެންނެވެ. ސަޕޯޓަރުން ތިބީ ހަކުޅި ކުރިއަށް ކުޅޭތީ ކަނު އަނދިރީގައި އަތް ޖަހާށެވެ.
ގައިރު ގާނޫނީ އަމުރުތަކަށް ކެތްނުވެގެން ސިފައިންނާއި ފުލުހުން ނިކުމެ ދެކޮޅުވެރިކަން ފާޅުކުރުމުން އަމިއްލައަށް އިސްތިއުފާދީފައި ނިކުމެ މުޅި ރާއްޖޭގެ އެތަންމިތާ ހުޅު ޖެއްސުވީ ހިތްތަކުގެ ރައީސެވެ. ހިތުން ހިތްތަކުގެ ރައީސަށް ވެރިކަން ހޯދާ ދިނުމަށް އެމްޑީޕީ ނުވާ ގުރުބާނީއެއް ނެތެވެ. ޕްރައިމަރީއަކާ ނުލާ 2013 ގެ ރިޔާސީ ޓިކެޓް ދީގެންވެސް ވެރިކަން ނުލިބި ދިޔައީ ޗޮކުންނެވެ. ޖަލު ހުކުމުގާ އޮއްވާ ދޮންނަމެޝިނާ ޓައްޕަށް ވޯޓު އަޅައިގެންވެސް 2018ގެ ޓިކެޓް އެމްޑީޕީން ދިނެވެ. މަގުމަތިވުން ނިމުމަކަށް ގެނެސް މަންޑޭލާ މިނިވަންކުރުމަށް އުކުޅަހު ކޮންގްރެސްއިން ކެންޑިޑޭޓަކު ދައްކައިގެން އަނބުރާ ވެރިކަމަށް އެމްޑީޕީ އައިސް މަންޑޭލާ ޖަލުން ނެރުނެވެ. ޖަލުން ނިކުމެވޭއިރަށް ކޮކަޑި ކޭ މީދާ ވާރެފެން ބޮއިގެން ގަދަވެ ދިމާކުރީ އަމިއްލަ ކާލިގަނޑު ކޮށާލާށެވެ. ވެރިކަން ފޭރި ގަންނާށެވެ.
ކުޑަކުޑަ އިދާރީ ދާއިރާއަކުން މަޖިލީހަށް ހޮވިގެން މަޖިލީހުގެ ރިޔާސަތު ފޭރިގަތީ ދެބުޅަލުގެ އަރާރުމުގައި ބޯކިބާ ކާލި ރާމާ މަކުނު ގޮތަށެވެ. ގޮނޑިކޮއްކޮއަށް މަޖިލީހުގެ ނައިބުރައީސްކަން ހޯދާ ދިނީ މަޖިލީހުގެ ބާރުތަކުގައި އެކީ އެކައްޗަކަށް އޮބި އެޅުމަށެވެ. މަޖިލީހުގެ ރިޔާސަތު ލިބުމާއެކު ބަރުލަމާނީ ވެރިކަމަކަށް ވެރިކަން ފޮރޮޅާލައިގެން ޕާޓީގައި އޮތް ސްޕަރ މެޖޯރިޓީ ބޭނުން ކޮށްގެން ބޮޑުވަޒީރުކަން ހޯދާ ރައީސްގެ ބާރުތައް ކަނޑުވާލާ މުލިއާގޭ ގަސް ތަކަށް ފެންދޭން ބަހައްޓަން ޖެހި މަޅި އަތަށް ގޮއްވާލީ މަހެއް ފަހާލާނެ މަހެއް ހުރެދާނެ ކަމަށް ހީނުކޮށް ހުއްޓައެވެ.
އެހިސާބުން މޮޔަގެރިއެއްހެން ލަދެއް ހަޔާތެއް ނެތި ދިމާކުރީ އެމްޑީޕީ ބަރަހަނާކޮށް ރޫޅާލާށެވެ. އިންތިހާބުގައި އެމްޑީޕީއަށް ވެރިކަން ގެއްލި ދާނެހެން ހީވުމުން ދިމާކުރީ އެމްޑީޕީއާ ގުޅިގެން މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީއަށް ވެރިކަން ފުރޮޅާލާ އިންތިހާބުވާ އައު ރައީސްގެ ހަތަރެސް ފައި ބަންނާށެވެ. އެމްޑީޕީން އެކަމަށް އެއްބަސް ނުވުމުން އިންތިހާބީ ރައީސްގެ ކޮޑަށް ދީވަލްޕާ އެއްހެން ސަވާރުވާން ހިފާލާފައި އެހުރީ އަލަށް އުފެދޭ ވެރިކަން ވެސް ހަރާބުކޮށް ކޮށާލުމަށެވެ. ހުރިހާ ވެސް ބޭނުމަކީ ވެރިކަން ފޭރިގަތުމެވެ.
އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރިޔާސަތެއްގައި ބަގުޑި ބައްދައިގެން މެޖޯރިޓީގެ ރުހުންނެތް ރައީސް ކަމެއްގައި ހުރެ އިންތިހާބީ ރައީސްގެ ހުވާގެ ލެޖިޓެމެސީ އާއި މެދު ސުވާލު އުފައްދުވާ ހަރާބުގެ މަގަށް ކަންކަން ދުއްވާލަން އަންނި އެ ކުރަނީ ކުރު މަގަކުން ވެރިކަން ހޯދުމުގެ މަސައްކަތެވެ. ދިވެހިންނަށް ޖެހިފާ މިވާ މުސީބާތަކީ ހައްދެއް ނެތް މިންވަރަށް އެމްޑީޕީން ނަޝީދަށް ދިން އާރާ ބާރުގެ ހިތި ނަތީޖާއެވެ. ހައްދެއް ނެތް މިންވަރަށް ވަކި މީހަކަށް ގޮސް ގިނަ ބަޔަކު ހުސްވުމުގެ ހިތި ނަތީޖާ ރާއްޖެ މިއަދު ދެކެމުން މިދަނީ ވޭން ދެނިވި ގޮތަކަށެވެ.