ގާސިމަށް ބައިއަޅައިގެން ހަފާކާން މުއިއްޒަށް ފަސްއަހަރު ދެވޭކަށްނެތް
ގާސިމަށް ކަޅާކޮށް ނުލެވެނީސް ވެރިކަން ވެއްޓިގެނެއް ކަމަކުނުދާނެ!
ގާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒަލު ކުރެވޭނެ ކަމަށް ލިޔެފައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމު އިބްރާހީމް އިނދެގެން ފާސްކުރި ގާނޫނު އަސާސީގައެވެ. އެ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުން އިންތިހާބުކުރި ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ބަގާވާތަކުން ވައްޓާލީވެސް ގާސިމް އިބްރާހީމް އިސްވެ ހުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިމީހަކު ގާނޫނީ ހަމަތަކުގެ މަތިން އަޒަލު ކުރާން އުޅެން ފެށީމާ ގާސިމަށް ތިޔަހުރެ ވާވަރެއް ދޮތައެވެ. ޑރ. މުއިއްޒު ވެރިކަމަށް އަރާހުރީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކަމަށް ގާސިމަށް މި ދުވަސްކޮޅު އެބަ ފެނެއެވެ. ގާސިމަށް ފެންނަ ގޮތް ބަދަލުވާނީ އަމިއްލަ އަންބޮޑިއަށް ލާންއުޅޭ އެއްޗެއް ނުލެވޭގޮތް ވުމުންނެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ވެރިކަމަށް ހޮވުނީމާ ވެސް އެފާޑަށް މާޑިމޮކްރެޓިކް ވެގެން ރައްޔިތުންގެ ނިންމުންވެގެން ގާސިމު އުޅެގަތެވެ. އެކަމަކު ރައީސް ނަޝީދު ވެރިކަމުން ވައްޓާލަން ނިކުތްއިރު ގާސިމު އެ ބުނާ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަ އޮތީ ދެއަތަށް އެނބުރޭ ބޯނެއް ބުރުމާއެއްގެ ސިފައިގައެވެ.
ވެރިކަމުން މީހަކު އަޒުލު ކުރެވޭނީ ވެރިކަމަށް އަރާތާ ކިހާ ދުވަހެއް ވީމާ ކަމަކަށް ގާސިމުމެން ހެދި ގާނޫނު އަސާސީގައި ލިޔެފައެއް ނެތެވެ. ފަސް އަހަރަށް ރައްޔިތުން ރައީސަކު އިންތިހާބު ކުރުމަކީ އެ މީހަކު ހަދާނެ އެއްޗެއް ހަދަން 5 އަހަރަށްދޭ ލައިސަންސެއް ކަމަކަށް ގާނޫނު އަސާސީއަކު ނެތެވެ. މުއިއްޒު ވެރިކަމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަހޭ ކިޔައިގެން މާ ހަމްދަރުދީ ވެގެން ގާސިމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ.
މުއިއްޒުގެ ވެރިކަމުގެ ތެރެއިން ގާސިމު ކަޅާކޮށްލަން ބޭނުން ބައިވަރު ގަނޑު ކަޅާކޮށް ނުލެވެނީސް ވެރިކަން ވެއްޓިގެނެއް ކަމަކު ނުދާނެތާއެވެ. މުއިއްޒު ގާނޫނާ ހިލާފަށް ކަމެއްކުރާ ކަމަކަށް އަދިއެއް ގާސިމަކަށް ނުވާނެއެވެ. ގާސިމަކީ އަންނަ ކޮންމެ ވެރިކަމެއް އަންނަތާ ކުރީކޮޅު އެވެރި ކަމަކާ ބައިވެރިވެގެން ދައުލަތް ނޮޅާލަން ވައިޖަހާގެން ދައުލަތް އިރާލައިގެން ކާމީހެއްކަން ނޭނގޭ އެކަކު ނެތެވެ. ގާސިމު ބޭނުންވާ ގޮތަށް ހަމަ އެންމެ ކަމެއްވެސް ނުވާއިރަށް މޮޔަގެރިއެއްހެން ދުއްވައިގަންނަނީ ވެރިކަން ވައްޓާލަންކަން މީހުންނަކަށް ނޯޅެއެވެ.
ރައީސް އަޒުލު ކުރުމަކީ ނިމެމުންދާ މަޖިލީހަކުން ނުކުރެވޭނެ ކަމެކޭ އޮތީ ގާނޫނު އަސާސީގެ ކޮންތާކުހެއްޔެވެ. ގާނޫނު އަސާސީގެ ބަފަޔަށް ހެދިގެން މާ ޑިމޮކްރެޓިކް ވެގެން ގާސިމެއް ކަމަކު އުޅެން ނުހަދާށެވެ. ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ގައުމުގެ ހީރަސް ކަނޑުވާލާ، ރައީސް ނަޝީދު ބަގާވާތަކުން ވައްޓާލާ، ރައީސް ޔާމީނު ބޮލަށް ފިތާލަން ރިޝްވަތު ދީގެން ފަނޑިޔާރުގެއަށް ދަނޑި ބާނައިގެން އުޅުނު ހަދާން ނެތުނީ ހެއްޔެވެ. ގާނޫނޭ ޑިމޮކްރަސީއޭ ރައްޔިތުންގެ ނިންމުމޭ ކިޔައިގެން ކޯތަޅުވަން ގާސިމު ތާހިރެއް ނޫނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމުގެ ސައިޒް ރައްޔިތުން ވަނީ ގާސިމަށް ދައްކާ ލާފައެވެ. އަދިވެސް ހިފިނުހުރެގެން ދައުލަތް އިރާކާން މުއިއްޒުވެގެން އުޅެން ގާސިމަށް ފުރުސަތު ދެވޭކަށް ނެތެވެ. ގާސިމަށް ބައިއަޅައިގެން ދައުލަތް ހަފާކާން ފަސް އަހަރު ދުވަސް މުއިއްޒަށް ދެވޭކަށް ނެތެވެ.