ޖުޑިޝަރީއާއި މަޖިލީހުގެ ހުރުމަތްކެނޑި މުއިއްޒު އަޒުލުކުރުން ލާޒިމް!

ޖުޑިޝަރީއާއި މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން

ޖުޑިޝަރީއާއި މަޖިލީހުގެ ހުރުމަތްކެނޑި މުއިއްޒު އަޒުލުކުރުން ލާޒިމް!

ޑރ. މުއިއްޒަށް ގާނޫނާއި ބެސްޓް ޕްރެކްޓިސްއަކީ އެއްވެސް އެއްޗެއް ނޫނެވެ. މުއިއްޒު ބޭނުންވާހާ ގޮތަކީ ހަމައެވެ. ލަމައެވެ. ބެސްޓް ޕްރެކްޓިސްއެވެ. މުއިއްޒު ކަންކަން ހާސިލު ކުރުމުގައި ގެންގުޅޭ ހަމައަކީ އަކުރުން އަކުރަށް ގާނޫނުގައި ނެތް ކޮންމެ ކަމަކީ ހުއްދަކަމެއް ކަމުގައި ދުށުމެވެ.

ބަރަހަނާ ހާލުގައި މަޖީދީމަގު މެދުގައި އަނބިފިރި ކަމުގެ ގުޅުން ނުހިންގޭނެ ކަމަކަށް ގާނޫނަކު ނެތެވެ. އެއްވެސް ގާނޫނަކުން މަނާކަމެއް ނޫނޭ ބުނެ އެކަން އެގޮތަށް ކުރަންވީހެއްޔެވެ. ގާނޫނު ތަކުން ކަންކަން ބަޔާން ކުރެވިފައި ހުންނަނީ އެކަމެއްގެ މުޅި މަފްހޫމް ވަށާޖެހޭ ގޮތަށެވެ. ބަޔަކު ބޭނުން ވީމާ ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. 

ޝަރުއީ ހުކުމެއްގެ ދަށުން ބަންދުގައި ހުރި މީހަކަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވުމަކީ ހުއްދަކަމެއް ނޫނެވެ. ބަންދުގައި ހުރި މީހެއްގެ އަޑާއި ވީޑިއޯއާއި ފޮޓޯ ބޭނުން ކޮށްގެން ސިޔާސީ ކެންޕޭން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތުމުން ތާއީދު ހޯދުމަށް ބަންދުގައި ހުރި މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން ކެންޕޭން ކުރުން އޮތީ ހަލާލުކޮށްފައެވެ.

ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ނުހޯދޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ވަޒީރުންގެ މައްޗަށް ވަޒީރުން އިސްކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ޝަރުއީކޯޓަކުން ކުރާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނެ އަޑުއުފުލާ ޝަރުއީ ނިޒާމްގެ ހުރުމަތް ކަނޑާގެން ކެންޕޭނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން ހަމަ އެ މަގާމަށް އައްޔަނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ.

ކިހާ ފައްކާ ހެއްޔެވެ. މުއިއްޒު ވެރިކަމަށް އައީ ޝަރުއީ ހުކުމް ހަރާންކޮށް ހަރާން ހުކުން ވިއްކައިގެން ދައުލަތުގެ އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ހުރުމަތް ކަނޑާ ބާރު ކަނޑުވާލައިގެންނެވެ. ވެރިކަމަށް އެރުމަށް ފަހު ދައުލަތުގެ އަނެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލީއެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބަޔަކު ރިޝްވަތުދީގެން އެމީހުން ހޮވި ރައްޔިތުންގެ މޫނުގައި މުއިއްޒު ކޮޅުފައި ޖަހާ މަޖިލިސް ގަނޑުކޮށް ހަރާބުކޮށްލާ މަޖިލީހުގެ އިތުބާރު ކަނޑުވާލީއެވެ. ރައްޔުތުންގެ މަޖިލީހުން ރުހުން ނުދިން ތިން މީހުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށް މަޖިލީހުގެ ހުރުމަތާއި ބާރު ކަނޑުވާލީއެވެ. 

ޖުޑިޝަރީގެ ހުރުމަތް ކަނޑާ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ޗެލެންޖުކޮށް މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. ގާނޫނު އަސާސީއާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން މާތްކަލާނގެ ގަންދީ ކޮށްގެން ހުރި ހުވަޔާ ޑރ، މުއިއްޒު ހިލާފު ވެއްޖެއެވެ. މުއިއްޒުގެ މައްޗަށް ހުވަޔާ ހިލާފުވުމުގެ ދައުވާކޮށް ރައީސް ކަމުގެ މަގާމުން އަޒުލު ކުރަން މަޖުބޫރެވެ.