އޭޓީއެމް ދޮންބެ އޭޓީއެމް މަތިން ފޫހިވެއްޖެ!

ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ނަމުގައި މުއިއްޒު ބައިހަދާފައި ރަށްރަށަށް ކުރާ ދަތުރުތައް ގިނަ ކަމުން އޮބި ނޯވެއެވެ. ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ރަށްރަށަށް ގޮސް ރައްޔިތުންނާ އެއްދާން ނުކުރާކަން ނަސީބެވެ. ރައްޔިތުންނާ ގާތުން ކަމެއްކުރެވޭނީ އެވަރަށް ގާތްވެގެންތާއެވެ.
މިއޮތީ ވާ މަޖާކަމެކެވެ. ފުރަތަމަ ރަށްރަށަށް ދިޔައީ ވައުދުވާށެވެ. އަނެއް ދަތުރު ކުރަނީ ވީ ވައުދު ހަނދާން ކޮށްދީ އައު ވައުދު ވާށެވެ. ދެން ދަނީ ވީ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން ދޭށެވެ. އެހެން ދާ ދިޔުމުގައި ކުރީ ސަރުކާރުން ނިންމާފައިވާ ކޮންމެވެސް މަޝްރޫއެއްގެ ނިމުން ފާހަގަކޮށް ރިބަން ކަޑާ މެޑެލް ޖަހައެވެ.
މުއިއްޒު ރަށްރަށަށް ގޮސް އަލަށް ކުރާނެ ކަމެއް ނޯވެއެވެ. ކުރީ ސަރުކާރުން ގިނަ ރަށްރަށުގައި ހުރީ ޒަމާނީ ފެންވަރަށް އިންޖީނުގެތައް އަޅާދީފައެވެ. އެތައް ރަށެއްގެ ފެނާ ނަރުދަމާ ނިޒާމް ވަނީ ގާއިމު ކޮށްފައެވެ. ގިނަ ބަނދަރުތައް އޮތީ ހަދާ ނިމިފައެވެ. ސްކޫލްތަކާއި މަލްޓި ޕާޕަސް ހޯލުތަކާއި މުހިންމު ރަށްރަށުގެ މަގުތައްވެސް ވަނީ ހަދާފައެވެ. ރަށްރަށުގެ ބޮޑެތި އަސާސީ ހިދުމަތްތައް ގިނަ ރަށްރަށުގައި ހުރީ ނިމިފައެވެ. ނުނިމި ހުރި ރަށްރަށުގައި މަސައްކަތްތައް ހުރީ ފައްޓާފައެވެ. އެހެން ކަމުން މުއިއްޒު އަލަކަށް ކުރާކަށް ކަމެއް ނެތެވެ. ކިތަންމެ މުއިއްޒު ދަތްވިކުނަސް އެކަން ކަމުގެ ކްރެޑިޓް ރަށްރަށުން ދެނީ ރައީސް ސޯލިހަށެވެ.
ކުރީ ސަރުކާރުން ފަށާ ނުނިމިހުރި ކަންކަން ނިންމިޔަސް މުއިއްޒަށް ރަށްރަށު މީހުން އެ ޝަރަފް ނުދޭނެތީ ވީވަރަކުން އެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ވޭތޯ މުއިއްޒު ބަލައެވެ. އަލަށް ރަށްރަށުގައި ކޮށްލާނެ އެއްވެސް ކަމެއް ނެތިގެން ކޮންމެ ރަށެއްގައި ބީއެމްއެލުން އޭޓީއެމް އެއް އަޅުވައިގެން އޭޓީއެމް ހުޅުވުން ނޫންކަމެއް މުއިއްޒަކަށް ރަށްރަށުގައި ނުކުރެވެއެވެ. ރަށެއްގައި އައުޓްޑޯ ޖިމްގަޑެއް ހުޅުވާލެވުނަސް އެހެރަ އުޅޭގޮތަކުން ހީވަނީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭހެންނެވެ.
އޭޓީއެމް ހުޅުވުން ވަރުގެ މުހިންމުކަމެއް ނެތިގެން މޮޅު ވާހަކަ ދެއްކިޔަސް މީހުން އެކަމާ މަލާމާތް ކުރާވަރުން ހުރީ ބަނޑު ނުބައިވެ ފެށުނު މޮޔަ ހީވެފައެވެ. އެންމެ ފަހުން އޭޓީއެމް ހުޅުވާ ހުޅުވާ ވަރުބަލިވީއިރުވެސް ރީތި ނަމެއް ނުލިބިގެން އޭޓީއެމް ހުޅުވަން ދިޔުން ހުއްޓާލާ ފައިނު އާދަނު ކުރާ ކަމަކަށް އޭޓީއެމް ހުޅުވުން ހެދީއެވެ.