ވޯޓު އޮޅުވާލުމުގައި ހަސަނު ވަރެއްނެތް
ހަސަން ލަތީފުމެން އެތެރޭގެ އިންތިހާބުތަކުގައި ވޯޓު އޮޅުވާނުލާ ފަހަރެއް ނުދޭ
ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެހެން ހަސަނަށް ހީވާނެއެވެ. ހަސަނަކީ ފެށުނީއްސުރެ ފުޅަށް ބުޑުން ގޮސް ވަގަށް ކެޔޮގަނޑު ކެނޑުންނޫން ކަމެއް ކުރި މީހެއް ނޫންވިއްޔާއެވެ. ހަސަން ލަތީފަށް ވެސް ވެގެން އެއުޅެނީ އެހެންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހަސަން ލަތީފް ދައްކަނީ އެޒާތުގެ ވާހަކައެކެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ހަސަން ލަތީފް އެ ތުހުމަތު ކުރާނެކަން ކުރިން ވެސް އެނގެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުގައި ހުރެ ހަސަން ލަތީފުމެން އިންތިހާބުގައި ވޯޓު އޮޅުވާނުލާ ފަހަރެއް ދިޔައީއެއް ނޫނެވެ. އެ ވަގުތަކަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަތްހާ ގޮތަކަށް ޕާޓީގެ ޕްރައިމަރީތައް އޮޅުވާލަ ދިނީ ހަސަން ލަތީފް އިސްވެ ހުރެއެވެ. ވޯޓު އޮޅުވާ ޑަބަލް ސްޓެންޑަރޑް ދައްކަން ހަސަން ލަތީފު ވަރެއް ނުހުންނާނެއެވެ. ވޯޓު އޮޅުވާލަން ކުރާނެ ކަންތައް ވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ނޫސް ކޮންފަރެންސްގައި އެކިޔާ ދިނީ ވޯޓު އޮޅުވަން ހަސަންމެން ކޮށްއުޅުނު ކަންކަމުގެ ކުޑަ މިންވަރެކެވެ. ޕާޓީގެ ދަފުތަރު ސާފުނުކޮށް އިންތިހާބުތައް ގަޑުބަޑުކުރުމުގައި އުޅުމަށް ފަހު އެ ސަކަރާތްތައް ޖަހަން ފުރުސަތު ގެއްލުނީމާ ލައްކަ މޭ ކަރާނެއެވެ.
އާނއެކެވެ. އިންތިހާބު އޮޅުވައެއް ނުލެވޭނެއެވެ. އޮޅުވައެއް ނުވެސްލާނެއެވެ. ހަސަނުމެން އިސްވެތިބިއިރު އެމްޑީޕީގެ އިންތިހާބުތައް އޮޅުވާލެވުނުހެން އޮޅުވާލެވުނު ޒަމާން ހިނގައްޖެއެވެ. އެކި ޒާތުގެ މައްސަލަ އުފައްދާ ދޮގުވާހަކަ ފަތުރައިގެން މެންބަރުން ނުތަނަވަސް ކުރުވަން ހަސަނުމެން ތިޔަ އުޅެނީ ކާމިޔާބު ކުރެވޭ ވަރުގެ ތާއީދެއް ނެތީމައެވެ.
އެންމެ ފަހުން ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގައި ފާހަގަ ވެއްޓޭތީ ވެސް މީހަކު އުޅުނެވެ. ވޯޓު ކަރުދާސް ޗާޕްކުރި ޗާޕްހަނާ ވެސް އޭރު އޮތީކުށް ވެރިވެފައެވެ. ފާހަގަ ވެއްޓޭތީ ކޯޓަށް ގޮސްގެން ވެސް ވީކަމެއް ހަރާމެވެ. ހަމައެހެން ނަޝީދަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އިންތިހާބު އޮޅުވާލިއްޔޭ ހަސަނުމެން ނުކިޔާނެ ގޮތެއް ނުއޮންނާނެއެވެ. ހަގީގަތަކީ އިންތިހާބެއްގައި ކޮންމެސް މީހަކު ބަލިވާނެއެވެ. އެއްޔަކީ އޮޅުވާލައިގެން ވާކަމެއް ނޫނެވެ. މަގުބޫލުކަން ކުޑަވެގެން ވާކަމެކެވެ.