މުއިއްޒުގެ ހަށިފާރަ ކުއްތާ: އޭސީސީ

ވާދަވެރިން ސައިޒުކޮށް މައިތިރިކުރަން އޮންނަ ލަޓިގަނޑެއް

މުއިއްޒުގެ ހަށިފާރަ ކުއްތާ: އޭސީސީ

އެންޓި ކޮރަޕްޝަން ކަމިޝަނުގެ ބޭނުމެއް ރާއްޖެއަކުނެތެވެ. ދައުލަތުން ބަޔަކަށް ބޮޑު މުސާރައާއި އިނާޔަތް ދީގެން ގައުމަށް މޮޅެއް ނުވާތާ ލިބެނީ ހައްދެއް ނެތްވަރުގެ ބޮޑެތި ގެއްލުމެެވެ. އެސީސީ އަކީ ހުދު މުހުތާރު ވެރިޔާ އޭނާގެ ވާދަވެރިން ސައިޒުކޮށް މައިތިރިކުރަން އޮންނަ ލަޓިގަނޑިކެވެ. ގޮށްމުށުގެ ވެރިޔާ ބާރުވެރި ކުރުވާ އަސާއެވެ. 

ރައީސް މުއިއްޒު އޭސީސީ ބޭނުން ކުރަނީ އޭނާގެ ނިވައިފަތް ގަނޑަކަށެވެ. ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއަށް މުއިއްޒު ވަދެގަތީ ވެސް އޭސީސީ މެދުވެރި ކޮށެވެ. ހައްގު ހަލާލު ފުލެޓްތަކަކުން އެތައް ބަޔަކު މަހުރޫމުކޮށް ފްލެޓްތައް ފޭރިގަންނަން މުއިއްޒަށް މަގު ހަދައިދިނީ އޭސީސީއެވެ.

އިހަށް ދުވަހު ދޮންއަމާ ވީޑިއޯ ރިޕޯޓަށް އެވޯޑް ލިބިގެން ހަޖަމް ނުވެގެން މީޑިއާ ކައުންސިލަށް ވެއްދީވެސް އޭސީސީއެވެ. ހީވީ އެ ރިޕޯޓަކާ ހެދި ރާއްޖޭގެ ކޮރަޕްޝަން ފެންއަރުވާ ވަޑާމަކުން އަރައިގަނެ މުޅި ގައުމުގައި ފެން ބޮޑުވެގެން އުޅުނުހެންނެވެ. ދޮން އަމައޭ އެވޯޑޭ ބުނަން ވީއިރު އޭސީސީ އޮތީ މީޑިއާ ކައުންސިލްގައެވެ.

އާސަހަރާ މިސްކިތް ހަދަން ބަޔަކާ ހަވާލުކޮށް މަސައްކަތުގެ އަގުގެ 3/4 ބަޔަކާ ހަވާލުކުރުމަށް ފަހު އެގްރިމެންޓް ބާތިލްކޮށްލާ މަސައްކަތް ނުކޮށް މުއިއްޒު އިސްވެހުރެ ހިންގި ބޮޑު ޖަރީމާ ދިޔައީ އޭސީސީގެ ބޯމަތިންނެވެ. އޭސީސީ ދެނަހުރި ކަމެއްވެސް ނޫނެވެ.  

މުއިއްޒު ރައީސް ކަމުން އަޒުލް ކޮށްފާނެ ކަމުގެ ބިރަށް ރައްޔިތުންގެ މަޖިލީހުގައި ތިބި 13 މެންބަރަކަށް ރިޝްވަތު ދީގެން މުއިއްޒު ޕާޓީއަށް ގެންދިޔައިރު އޭސީސީ އޮތީ ލޮލަށް މިރުސް ފެން އެޅިފައެވެ. ހޭވެސް އަހާލަން ނުކެރުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ހޯދަން މުއިއްޒާއި ޕީއެންސީން ބެހިހާ ރިޝްވަތު އަރައިގެން ދިޔައީ ހަވައަށް ކަމެއް ފައިތަޅާއަށް ވަދެހުސްވީ ކަމެއް އޭސީސީ ނުދެނެ ހުއްޓެވެ. އޭރު އޭސީސީ އޮތީ ކޯމާގައެވެ. 

ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫއާއެކު އެގްރިމަންޓްކޮށް އެ ރަށް ނުހިއްކާ ހުޅުމާލޭން އެތައް ހެކްޓަރެއްގެ ބިން ދިނުމަށްފަހު އެގްރިމަންޓް ބާތިލުކޮށްލި އިރު ކޮރަޕްޝަނުގެ ހިޔަނިވެސް ނެތެވެ. 

މަޖިލީހުގެ ކޮންޓްރޯލް ހިފަހައްޓަން ކޮންމެ މަހަކު ޕާޓީ މެންބަރުންނަށް 50 ހާހުން 75 ހާހުން މުއިއްޒު ރިޝްވަތުދޭ ވާހަކައަކީ ކުޑަކުއްޖަކަށް ވެސް ނޭނގޭ ވާހަކައެއް ނޫނެވެ. އެކަމަކު އޭސީސީއަށް ހިލަން ވެސް ނުވެއެވެ. 

އެންމެ ފަހުން މަޖިލީހުގެ ގޮނޑި ގެއްލުވާލާ އިސްލާހު، ފާސްކުރުވަން މެންބަރުންނަށް ބަހާލި ރިޝްވަތުގެ ވާހަކަވެސް އޭސީސީ ނާހައެވެ. އެހާވަރަށް އޭސީސީ އޮންނަނީ ރޯނާ ކޮށްލާފައެވެ. މިހެން ކިޔާ ހުސްނުވާ މިންވަރަށް ޕީއެންސީއާއި މުއިއްޒު ވަނީ އޭސީސީ ވާގި ނައްތާލާފައެވެ.

ހަމަތެދެކެވެ. މުއިއްޒުގެ އަތަށް ބާރުތައް ކަހަމުން ގޮސް އެންޓިކޮރަޕްޝަން ކޮމިޝަން މުއިއްޒުގެ މުށުތެރެއަށް ގެންގޮސް މިއަދު އެ ނިމުނީއެވެ. ރައްޔިތުންގެ މަޖިލިހުގެ މެގަ މެޖޯރިޓީ މުއިއްޒަށް ލިބިގެން، އޭސީސީގެ ކޮންޓްރޯލް މުއިއްޒަށް ލިބިގެންވެސް ހިތްހަމައެއް ނުޖެހުނެވެ. 

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރ ތޯހާ މުހައްމަދަށް މަޖުބޫރު އެވީ އިސްތިއުފާ ދީފައި ގެއަށް ދާށެވެ. އެމީހުން އިސްތިއުފާ ނުދިންނަމަ އެ ދެމީހުން ވެގެން ދާނީ އިތުބާރު ނެތިގެން މަގާމުން ވަކިކުރެވުނު ދެމީހުންނަށެވެ. ރައީސް މުއިއްޒު ބޭނުން ނުވުމުން އެ މީހުނަށް މުއްދަތު ހަމަވަންދެން މަގާމުގައި ދެމިތިބުމުގެ ހައްގެއް ނެތެވެ. އެ ދެމީހުން ވަކި ކޮށްލެވުމުން އޭސީސީ އަކީ، އެކީ އެކައްޗަކަށް މުއިއްޒުގެ ހަށިފާރަ ކުއްތާއަކަށް ބަދަލުވީއެވެ.