ޖޭޕީގެ ބުރަދަނަކީ މަދޮއްޓެއްގެ ބުރަދަން!
ޖޭޕީގެ ހުވަފެން ހަގީގަތަކަށް ކިރިޔާ ވެސް ވާނީ ރައީސް ޔާމީނު މިނިވަންވެ ވަޑައިނުގެން ފިއްޔާ
ޖޭޕީ ރިޔާސީ އިންތިހާބަށް ފައި ނަގާއިރު ދެހަރާ ސައިނުވެ ދާނެކަމަށް ހީވަނީތާއެވެ. ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމުގެ އުންމީދު އައުވާ ކަމަށް ވިދާޅުވާ ވިދާޅުވުމާ ހިޔާލު އެއްގޮތްވާ ސަބަބުތަކެއް އެބަހުއްޓެވެ.
ރައީސް ސާލިހާ ޖޭޕީ ކޯލިޝަން ނުހެދުމުން އެމްޑީޕީއަށް ވެރިކަން ނުލިބުމަށްވުރެ ޖުމްހޫރީ ޕާޓީގެ ހުވަފެން ހަގީގަތަކަށް ނުވުން މާކައިރިއެވެ. ޖުމްހޫރީ ޕާޓީން ތިލަފަތުގެ ކޮޅު ބަރުކުރަން ކޮންމެ ފަހަރަކު ގަދަވާ ބައިގިނަ ކޮޅަށް ޖެހެލައިގެން ކިންގމޭކަރ ހެދި ހެދުން ހުއްޓާލާ މިފަހަރު އަމާޒު ހިފާފައި ހުރީ އަމިއްލަ ބާރުވެރިކަން އޮތް ވެރިކަމެއް އުފެއްދުމަށެވެ. އެވަރުގެ އިސްކޮޅެއް ޖުމްހޫރީގައި ހުރިކަމަށް ހީވެގެން އުޅޭ އުޅުމާ މެދު ވިސްނާލުން ރަނގަޅެވެ.
ޖުމްހޫރީގެ އެވްރެޖް ސައިޒަކީ ވިއްސަކަށް ހާސް ވޯޓެވެ. ޖުމްހޫރީ ލީޑަރުގެ އަމިއްލަ ނަންފުޅަށް ފަނަރަ ވަރަކަށް ހާސް ވޯޓު ރާއްޖޭން އާއްމުކޮށް ލިބެއެވެ. އެނިސްބަތް ވެސް ކޮންމެ ފަސް އަހަރަކުން އަންނަނީ ދަށްވަމުންނެވެ. އެކަން އެނގޭ މިންގަނޑަކީ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ޕޮޕިއުލަރިޓީ ފަހަރަކަށް ވުރެ ފަހަރެއް ދަށް ވަމުން އައި އައުމެވެ. އަނެއް ކަމަކީ ބޭސްފަރުވާއާއި މަތީ ތައުލީމަށް ވިލާގެ އެހީތެރިކަން ހޯދަން ޖެހޭލެއް ކުޑަވެގެން ދިޔަ ދިޔުމެވެ.
އެހެނެއް ކަމަކު 2023 އަކީ ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފަހި އަހަރުކަމަށް ދެކޭ ބަޔަކު އުޅެއެވެ. އެއްޔަކީ އެއްގޮތަކުން ބަލާއިރު މުޅިއަކުން ދޮގެއްވެސް ނޫނެވެ. ޖުމްހޫރީގެ ހުވަފެން ހަގީގަތަކަށް ވެދާނެ ސަބަބުތަކެއް ވެސް އަދި އެބަ ހުއްޓެވެ. އެސަބަބުތައް އެގޮތަށް ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަން ޔަގީނެއް ނުވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފިތުނައިގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ޖުމްހުރީއަށް ކަމަށް ހިސާބުޖަހާ މީހުން އުޅެއެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުފުޅު ހުރިގޮތުން ފިކުރެއްގެ ދިރުމުން ޖުމްހޫރީއަށް ބާރުދޭ ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން ޕީޕީއެމްގެ ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން އޭގެ ފައިދާ ނެގުމުގެ ފުރުސަތު އެންމެ ބޮޑީ ޖޭޕީއަށް ކަމަށް ބެލެވެއެވެ. މި ފަހަރަކީ ޖޭޕީގެ ފަހަރު ކަމަށް ގަބޫލުކުރާ މައިގަޑު ސަބަބު ތަކަކީ މިއެވެ.
ޖޭޕީގެ އެ ހުވަފެން ހަގީގަތަކަށް ކިރިޔާ ވެސް ވާނީ ރައީސް ޔާމީނު މިނިވަންވެ ވަޑައިނުގެން ފިއްޔާއެވެ. މަތީ ކޯޓު މަރުހަލާއިން ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަކީ ވެސް ނެތްކަމެއް ނޫންތާއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގެންފި ނަމަ މުޅި ޕީޕީއެމް ގަނޑުކޮށް އެ މަނިކުފާނު ފަހަތްޕުޅުގައި އޮންނާނެއެވެ. އެ ހިސާބުން ގާސިމުގެ ވެރިކަމުގެ ހުވަފެން ބިލާހަކަށްވެ އަނެއްކާ ވެސް ކޮޅު ބަރުކޮށްލަން ތިލަފަތު ކޮޅަށް ވައްޓާލާ މަދޮއްޓަކަށް ޖޭޕީ ބަދަލުވާނެއެވެ.