ބޮޑުމެޖޯރިޓީ ލިބިގެން ޝަރީއާ ތަންފީޒެއް ނުކުރެވޭނެ!
ލާދީނީ ސަރުކާރުން ނުކޮށް އޮތް ހުރިހާކަމެއް ދީނީ ސަރުކާރުން ކުރަންޖެހޭ
ރައީސް މުއިއްޒު ވެރިކަމާއި މަޖިލިސް ހޯއްދަވައިފިއެވެ. އާއްމު ބަހުން ނަމަ ވެރިކަމާއި މަޖިލިސް މުއިއްޒަށް ރައްޔިތުން ތިޔަ އޮތީ ދީފައެވެ. ރެފްރީއަށް ނުފެނި އަތުން ޖަހައިގެން ވިޔަސް ބޯޅަ ގޯލަށް ވައްދާލައިފިއްޔާ ލަނޑުވާނީ ލަނޑަށެވެ. ވެރިކަމާއި މަޖިލިސް ލިބުނީ ކޮންމެ ގޮތަކުން ކަމަށްވިޔަސް ވަރިހަމަތާއެވެ. އަދުރޭ ބުނާހެން ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް މިހާރު ކުރެވޭނެއެވެ.
މަޖިލީހުން ކަމެއް ކޮށްނުދީގެން ނުކުރެވިފައި އެއްވެސް ކަމެއް މުއިއްޒަކަށް މިހާރަކު އޮވެގެން ނުވާނެއެވެ. ބަހަނާއެއް ހުއްޖަތެއް ދައްކައިގެން ކަންކަން ލަސްކޮށް ފަސް ކުރުމުގެ ފުރުސަތެއް ނެތެވެ. އަމްދުން މިލިޔަން މިލިޔަނުން ހޭދަނުކޮށް ގާނޫނާއި އުސޫލަށް ބަދަލު ގެނެސްގެން ކުރެވެން އޮތް ކަންކަން ކުރުމަށް ފަޅި ސިކުންތެއް ވެސް ލަސްވެގެން ނުވާނެތާއެވެ.
ޖުޑިޝަރީ އޮނިގަނޑު ބޭނުން ފެންވަރެއްގައި ކޮށާމަށާ އިސްލާހު ކުރާކަށް މިލިޔަނުން ހަރަދެއް ނުވާނެއެވެ. ގާނޫނަށް ގެންނަ ހެޔޮބަދަލު ތަކަކުން ޖުޑިޝަރީއަށް ގެނެވޭ ބަދަލުތަކުން ކުޑަވެގެން ދާނީ ދައުލަތުން ޖުޑިޝަރީއަށް ކުރާ ބޮޑު ހޭދައެވެ. އުފެދި ބޮޑުވާނީ ޝަރީއަތަށް ކުރާ އިތުބާރެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވެން އޮތް ހުރިހާ ދޮރެއް ބަންދުކޮށް ސަރުކާރުން ބޭނުންވުމުންވެސް ފިއްތާ ނުލެވޭ ގޮތަށް ސަރުކާރުގެ ދިގުއަތް މަޖިލިސް މެދުވެރިކޮށްވިޔަސް ނުފޯރާ ގޮތަށް ފަނޑިޔާރުގެ ނިކަން ބައްޓަން ކޮށްލަ ބަލާށެވެ. ޖުޑިޝަރީގެ ބަޖެޓުން ފެށިގެން އިމާރާތުގެ ފަސޭހަކަން ހޯދަން ފަނޑިޔާރުގެ ސަރުކާރުގެ ފައިބުޑަށް ވެއްޓެން ނުޖެހޭ ގޮތައް އަމިއްލަ ފައި މައްޗަށް ތެދުވެ އޮތް ޖުޑިޝަރީއަކަށް ހަދާ ދީބަލާށެވެ. އެކަން ކޮށްދިނުމަށް އުނދަގުލެއް މިހާރަކު މުއިއްޒަކަށް ނުއޮންނާނެއެވެ.
ޖުޑިޝަރީ އިސްލާހު ކުރުމާއެކު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް މުއިއްޒު ކޮށްދެއްވަންވީ މާބޮޑުކަމެއް އެބައޮތެވެ. ރާއްޖޭގައި ހިންގާ ކޮންމެ ކަމެއް އިސްލާމީ ޝަރީއަތާ އެއްގޮތަށް ހިންގުމެވެ. މަރުގެ ހުކުން ތަންފީޒު ކުރުމެވެ. ރަޖަމް ކުރުމެވެ. ހައްދު ޖެހުމެވެ. އަތް ކެނޑުމެވެ. ރިބާ ހުއްޓުވުމެވެ. ރާގެންގުޅުމާއި އެތެރެކުރުން މަނާކޮށް ހުއްޓުވުމެވެ. ކެރޭނެ ހެއްޔެވެ. ކުރެވޭނެ ހެއްޔެވެ. ތަރައްގީގެ ވާހަކަ ދެއްކެންވެސް އޮތީ އޭގެ ފަހުންނެވެ.