ފ. އަތޮޅު ހުސްކުރަން ޖަހާ ޗައްކަރު: ފުށިދިއްގަރުފަޅު
އަރަބި ޝޭޚެއްގެ ފައިކޭޓަށް ރާއްޖޭގެ އަތޮޅެއް ޖަހާލުން
ފ. އަތޮޅު ވިއްކާލުމުގެ ހީލަތްތެރި ވިސްނުން ޑރ. މުއިއްޒު ބޮލުތެރޭން ފިލާ ނުދެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގެންގުޅުނު ފާފު އަތޮޅު ވިއްކާލުމުގެ ޑީލް އަދިވެސް އެގޮތުގައި އޮތް ކަމަށް މުއިއްޒަށް ހީވަނީތާއެވެ. ސުއޫދީ ޕްރިންސްގެ ޝައުގު ކުރިން އޮތް ވަރަށް އަދިވެސް ފ. އަތޮޅު ހޯދުމަށް އޮންނާނެ ކަމަށް ހަމަ ހީވަނީއެވެ. ފ. އަތޮޅުގެ ޑީލާގުޅިގެން ހިނގާދިޔަ ކަންކަމާ ގުޅިގެން ޕްރިންސްގެ ޝައުގު އެކަމަށް އެއްވެސް ވަރަކަށް ނެތްކަމެއް މުއިއްޒަކަށް ނޭނގެއެވެ. ޕްރިންސް ޝައުގުނެތަސް އަރަބި ޝޭހެއްގެ ފައިކޭޓަށް ވެއްޓިގެންވެސް ފ. އަތޮޅު ވިއްކާލުމަކީ މުއިއްޒުގެ އަމާޒެއް ކަމަށް ހެކި ލިބެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީން ވެރިކަމުގައި އަދީބުމެން ފ. އަތޮޅު މީހުން ހިޖުރަ ކުރުވަން އާބާދު ކުރި ތަނެއްކަމަށް ބުނެވެއެވެ. ރާއްޖޭގެ ސިޔާސީ ކަންކަން ނިއުޅެމުން އައިގޮތުން ހުޅުމާލޭ 2ވަނަ ފޭހަކީ މިހާރަކު ފ. އަތޮޅަށް އޮތް އޮޕްޝަނެއް ނޫނެވެ. ހުޅުމާލެއާއި ގުޅިފަޅާއި އުތުރުތިލަފަޅާއި ގިރާވަޅުފަޅަކީ ވެސް ފ. އަތޮޅު މީހުން ބަދަލު ކުރެވެން އޮތް އޮޕްޝަނަކަށް މިހާރަކު ނުވެއެވެ. މާލެއާއި ގުޅާލެވޭ ގޮތަށް އޮތް އެހުރިހާ ތަނެއް މިހާރު އެވަނީ މާލެ މީހުންނަށާއި މާލޭގައި ދިރިއުޅެމުން އަންނަ މީހުންގެ ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވިފައެވެ. އެ ތަންތަނަކީ ފ. އަތޮޅު މީހުން ބަދަލު ކުރުމަށް އޮތް ހައްލަކަށް މިހާރަކު ނުވެއެވެ.
ވިއްކާލުމަށް ފ. އަތޮޅު ހުސްކޮށްލެވެން އޮތީ އެ މީހުނަށް އެހެންތަނެއް ދައްކައިގެނެވެ. ފުށިދިއްގަރުފަޅަކީ އެކަމަށް އޮތް ހަމައެކަނި ހައްލެވެ. މާލޭ މީހުނަށް ގޯތި ދިނުމުގެ ބަހަނާގައި ފުށި ދިއްގަރުފަޅު ހިއްކަން ބޭނުންވަނީ ފާފު އަތޮޅު ހުސް ކޮށްލާށެވެ.
މާލެއާއި ބްރިޖަކުން ގުޅުވާނުލެވޭ ހިސާބުގައި ފުން ކަނޑެއް ހުރަސްކޮށް މާލޭގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައި އޮތް ބިޔަ ފަޅު ހިއްކައިގެން ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބިން އިތުރު ކުރަން އުޅެނިއްޔަކީ މާލޭ މީހުނަށް ހިޔާވަހިކަން ހޯދާދޭކަށް ނޫނެވެ. މާލެއާއި ގުޅުވާލެވެން ނެތް ރަށެއް ހިއްކައިގެން އެތަނަށް މާލޭ މީހުން ބަދަލު ކުރަން އުޅެނިއްޔަކީ މާލޭ މީހުނަށް ގޮތް ހޯދަ ދޭކަށްވެސް ނޫނެވެ. މާލޭ މީހުނަށް ގޮތް ހޯދަދޭން އުޅޭނަމަ ތަރައްގީ ކުރަން މަސައްކަތް ކުރާނީ މާލެއާއި ގުޅާލެވެން އޮތް ތަންތަނެވެ.
މާލޭ މީހުންގެ ޝައުގެއް ފުށިދިއްގަރުފަޅަކަށް ނެތެވެ. މާލޭ ގިނަ މީހުން އެމީހުންގެ ބޯހިޔާވަހިކަމުގެ ހައްލަކީ ފުށިދިއްގަރުފަޅު ކަމަކަށް އެއްވެސް އިރަކު ނުބަލައެވެ. އެތަނަކަށް ދާން ޝައުގުވެރި ވެގެން އުޅޭ މާލޭ މީހަކުވެސް އަދި މާލޭގައި ދިރިއުޅޭ މީހަކުވެސް ވަރަށް މަދުން ނޫނީ ނުފެނެއެވެ.
އަނެއްކޮޅުން ފުށިދިއްގަރުފަޅު ހިންކަން ބަޖެޓްގައި ފައިސާ ނެތެވެ. ގައުމު އޮތީ ދަރާ ވިކިފައެވެ. މާލޭ މީހުނަށް ހިޔާވަހިކަން ދޭން މާލެއާއި ގުޅުވާލެވެން އޮތް ތަންތަނުގައި މަސައްކަތް ފެށި ގޯތިތަކެއް ވަނީ ދޫކޮށްފައެވެ. އެ ގޯތިތައް މާލޭ މީހުން ނިކަން ބޭނުމެވެ. މިހެން މި ހުރިހާ ކަމެއް ހުއްޓާ ފުށިދިއްގަރުފަޅު ހިއްކުން ނޫން ގޮތެއް މުއިއްޒަށް އޮތްކަމަށް ނުވެގެން މިއުޅޭ އުޅުމަކީ ސަމާސާ ކަމެއްނޫނެވެ. ސީރިޔަސް ނުރައްކާތެރި ކަމެކެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއު ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލު ކުރުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ހެއްޔެވެ. އާބަންކޯ އާއި ސީއެމްސީސީއާ ދެމެދު ސޮއިކުރި ފުށިދިއްގަރުފަޅު ހިއްކުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް ނުދެއެވެ. ސީއެމްސީސީއާ މަޝްރޫއު ހަވާލު ކުރަނީ ކޮން ޝަރުތު ތަކަކަށް ކޮން އަގަކަށް ކަމެއް ނޭނގެއެވެ. ޕްރޮޖެކްޓަށް ފައިސާ ހޯދަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ހަމަގައިމުވެސް އެކަމަށް މިއަހަރުގެ ބަޖެޓްގައި ފައިސާއެއް ނެތެވެ.
ފ. އަތޮޅަކީ އަރަބި ފައިސާވެރިންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ތަނެކެވެ. ވަގުފު ބިނައިންނާއި ޒަކާތު ހައުސް ހަދައިގެންނާއި ހައްޖު ކޯޓާއިން ވިޔާފާރިކޮށްގެން ދީނުގެ ނަމުގައި ޑރ. ޝަހީމް މެނަށް ކައްވާލަން ލިބޭ ފައިސާކޮޅަކަށްވުރެ އަރަބި ޝޭޚެއްގެ ފައިކޭޓަށް ރާއްޖޭގެ އަތޮޅެއް ޖަހާލައިގެން ލިބެން އޮތް ފައިދާ ގަނޑު މާބޮޑަށްވެސް ބޮޑުވާނެ ތާއެވެ. ފ. އަތޮޅު ހުސްކުރާށޭ ނުބުނެ މާލޭ މީހުނަށް ބޯހިޔާވަހިކަން ހޯދާ ދިނުމުގެ ބަހާނާގައި ފ. އަތޮޅު ހުސްކުރަން ޖަހާ ޗައްކަރަކީ ފުށިދިއްގަރުފަޅެވެ.