ސީއީއޯ: އޮގަނައިޒޭޝަންގެ އިންޖީނު

ހެޔޮ ބަދަލު ގެނައުމާއި އިނޮވޭޝަނާއި ދެމެހެއްޓެނިވި ކުރިއެރުން ގެނައުމުގެ މޭސްތިރި

ސީއީއޯ: އޮގަނައިޒޭޝަންގެ އިންޖީނު
  • ސީއީއޯ އަކީ އެ އޮގަނައިޒޭޝަނެއްގެ ކާމިޔާބީގެ ދުވެލި އަވަސްކުރުމުގެ މައި ހަކަތަ
  • ވަކި ހަމައަކަށް ފެތޭ އުސޫލެއް ދަމަހައްޓާ ބަޔަކަށް ވާންޖެހޭ

~ ހިލް ހިލްމީ ~

ކޮންމެ ކުންފުންޏެއްގެ ވެސް އަސާސީ މަގުސަދަކީ ވިޔަފާރީގައި ބައިވެރިވެ އެވިޔަފާރިއަކުން ފައިދާ ހޯދުމެވެ. އެއީ ޚިދުމަތެއްކުރާ ކުންފުންޏެއް ކަމުގައި ވިއަސް ނުވަތަ މުދަލެއް ވިއްކާ ކުންފުންޏެއް ކަމުގައި ވިއަސް ނުވަތަ ދައުލަތަކަށް ނިސްބަތްވާ ކުންފުންޏަކަށް ވިޔަސްމެއެވެ. މި މަގުސަދު ހާސިލު ކުރާއިރު  ބޭނުންކުރާ ވަސީލަތްތައް އެކި ކުންފުނީގައި ތަފާތު ވެދާނެއެވެ. ކުންފުނީގެ މިދެންނެވި މަގުސަދު ހާސިލު ކުރުމުގައި އެންމެ އިސްދައުރު އަދާކުރާ މައި އިންޖީނަކީ އެ ކުންފުންޏެއްގެ ހިންގުމާއި ހަވާލުވާ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ.)އެވެ. މިހާރު އޮތް ޑައިނަމިކް ލޭންޑް ސްކޭޕްގައި ސީއީއޯ އެއްގެ  ދައުރަކީ ކުރިއަށްވުރެވެސް މުހިންމު ދައުރެކެވެ. ސީއީއޯ އަކީ އެ އޮގަނައިޒޭޝަނެއްގެ ކާމިޔާބީގެ ދުވެލި އަވަސް ކުރުމުގެ މައި ހަކަތައެވެ. "ހައި ޕާރފޯމަންސް" ސީއީއޯންއިންގެ ކިބައިން ފެންނަ އެންމެ މުހިންމު ތަފާތު ތަކަކީ ބަދަލު ގެނައުމާއި އިނޮވޭޝަން އަދި ދެމެހެއްޓެނިވި ކުރިއެރުން ގެނައުމުގެ މޭސްތިރިކަމާއި ފަންނުވެރިކަމެވެ. މި ލިއުމުގައި މިފަދަ ތަފާތު ލީޑަރުންގެ ތަފާތުވާ ސިފަތަކާއި ބިޒިނަސް ސްޓެރެޓެޖީސް ތެރެއަށް ބަލާލައި އެ މީހުންގެ ޚާއްސަ އުސޫލު ތަކުން ކުންފުނިތައް ކުރިއަރުވާ އުސޫލުތަކާއި ގޮތްތަކާއި މެދު ކުޑަކޮށް އަލިއަޅުވާ ލާނަމެވެ.

މި މައުޟޫއުގައި ލިޔާއިރު މިފަހަރު އެއަރ ލައިން ތަކުގައި ޚިދުމަތްކުރި ސީއީއޯއިންގެ ތެރެއިން އެކެއް ނުވަތަ ދެމީހެއްގެ ހިންގުންތެރި ކަމުން ގެނައި ކުރިއެރުމާއި މެދު ބަލާލާނަމެވެ. އެގޮތުން ސައުތު ވެސްޓް އެއާރލައިންސްގެ ސީއީއޯ ހާބް ކެލެހާރ، އެ  އެއާރލައިން ކާމިޔާބު އަދި މަގުބޫލު އެއަރ ލައިނަކަށް ހެދުމުގައި ބޭނުންކުރި އެއް ހިކުމަތަކީ އެ އެއަރ ލައިންގައި މަސައްކަތްކުރާ މުއައްޒަފުންގެ ހިތްހަމަޖެހުމުގެ ސަގާފަތެއް އުފެއްދުމެވެ. އޭނާގެ މުހިންމު ސިފަތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްސިފައަކީ މިފަދަ ސަގާފަތެއް ކުންފުނީގައި އެކުލަވާލުމެވެ. މުއައްޒިފުންނާއިމެދު އިހުތިރާމާއިއެކު މުއާމަލާތް ކުރުމާއި މުއައްޒިފުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ އެއަރ ލައިން މަޝްހޫރު ވެގެން ދިޔައީ ކަސްޓަމަރުންނާއި އެކުވެސް މުއާމަލާތް ކުރުމުގައި ތަފާތު އުފާވެރި ހިނިތުން ގެނެސްދޭ އެކުވެރި މާހައުލެއް އޮންނަ އެއަރ ލައިނެއްގެ ގޮތުގައެވެ.

ކެލެހާރގެ ލީޑަރޝިޕްގެ ދަށުން ސައުތުވެސްޓަށް ލިބުނު ކާމިޔާބީއާއި ފައިދާގެ އިތުރުން އޭނާ ވަނީ އެއަރ ލައިން އިންޑަސްޓްރީގައި އިހުތިރާމް ލިބިފައިވާ މީހެއްގެ ގޮތުގައި ބަލައިގަނެވިފައެވެ. ހައި ޕާރފޮމަންސް ސީއީއޯ އެއްގެ ގޮތުގައެވެ. އޭނާގެ ލެގަސީގައި ހިމެނެނީ ހަމައެކަނި ސައުތު ވެސްޓުގެ މާލީ ކާމިޔާބީއެއް ނޫނެވެ. އޭނާ ރިޓަޔަރ ކުރިފަހުން ވެސް ސައުތު ވެސްޓުގެ އައިޑެންޓިޓީ މީހުންގެ ސިކުނޑީގައި އަށަގެންފައި ވަނީ އޭނާ ބައްޓަންކުރި ކޯޕަރޭޓް ސަގާފަތެއްގެ  ގޮތުގައެވެ. ބައެއްގެ ހިތުގައި އެ ޚިދުމަތަކާއި މެދު ނުވަތަ އެ ވިޔަފާއިރަކާއި މެދު އިތުބާރު އުފެދި ލޯތްބެއް ޖެހިއްޖެ ނަމަ އެ ވިޔަފާރިއެއްގެ ކާމިޔާބީ ދެމިގެން ދާނެއެވެ. އެ ކުންފުންޏެއްގައި އެ ލަނޑުދަނޑި ހާސިލު ކުރެވޭނެ ފަދަ ސަގާފަތެއް އޮވެއްޖެނަމަ އެކަން ކުންފުނި ހިނގާހާ ހިނަދަކު ދެމިގެން ދާނެވެ.

1981 އިން 2001 އަށް ސައުތު ވެސްޓް އެއަރ ލައިންސްގެ ސީއީއޯގެ މަގާމުގައި ކެލެހާރ ހުރިއިރު އޭނާ ވަނީ އެ އެއަރ ލައިން ސަރަހައްދީ އެއަރ ލައިނަކުން ބޮޑު ނޭޝަނަލް އެއަރ ލައިނަކަށް ބަދަލުކޮށް އިންޑަސްޓްރީގައި ބޮޑު ދައުރެއް އަދާކޮށް އެ ދާއިރާއަށް ބޮޑެތި ބަދަލު ތަކެއް ގެނައި އެއަރ ލައިނަކަށް ސައުތު ވެސްޓް ބަދަލުކޮށްފައެވެ. މިއީ އޭނާ ހޯދި ކާމިޔާބީގެ ތެރެއިން ކުޑަ އެއް މިސާލެވެ. 1981 ގައި އެންމެ 20 އެއަރ ކްރާފްޓް އޮތް ސައުތު ވެސްޓު އެއަރ ލައިންގައ މިހާރު 800 އަށްވުރެ ގިނަ ބޯޓު އޮވެއެވެ. ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ހެކި ކަމުގައި މި އަދަދު ބެލެވެއެވެ.

ކެލެހާރ ކާމިޔާބު ހޯދި އެކިއެކި ސިޔާސަތުގެ ތެރޭގައި ހިންގުމުގު ޚަރަދު ބެލެހެއްޓީ އައިސީޔޫގައި މީހަކަށް ގަޑިން ގަޑިއަށް ކާންދޭ ބޭސް ބަލަހައްޓައި ބަލިމީހާއަށް ދޭން ރޭވިފައިވާ ފަރުވާތައް ބަލަހައްޓާހާ ސީރިޔަސް ކޮށެވެ. ކުރަންޖެހޭ ކަންކަން ސިކުންތުން ސިކުންތައް ކުރުމާއި ހެދިފައިވާ ހަމައާއި ގަވައިދުން ބޭރުނުވުމާއި ތަމްރީނު ދެވިފައި ތިބި އުފަލުން ޚިދުމަތްކުރާ މުއައްޒިފުންގެ އަމިއްލަ ކަމެއްގެ ގޮތުގައި ކަން ކުރުމުގެ ސަގާފަތުގެ ތެރެއިންނެވެ. ނަތީޖާއެއްގެ ގޮތުން ހެޔޮއަގުގައި ޓިކެޓް ވިއްކުނެވެ. ދަތުރު ކުރާނެ މީހުން އިތުރުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިތުރު މަންޒިލް ތަކަށް ދަތުރު ފެށުމާއި އޭގެ ސަބަބުން ރީޖަނަލް އެއަރ ލައިނެއްގެ ގޮތުގައި އޮތް އެއަރލައިން އެ ސަރަހައްދުގެ ނޭޝަނަލް އެއަރލައިންއަކަށް ވިއެވެ.

ގެންގުޅުނު ފައިނޭންޝަލް ކޮންޓްރޯލް ކުރުމުގެ ސިޔާސަތާއި އެކު އެއެރލައިން ވެގެންދިޔައީ އެންމެ ފައިދާ ހޯދާ އެއަރ ލައިނަށެވެ. އެންމެ ދަތި ދުވަސްވަރު ވެސް ކާމިޔާބާއިއެކު އޮޕަރޭޓުކުރާ އެއަރލައިން ކަމުގައިވިއެވެ. ނުހަނު މަގުބޫލު ކޮމްޕެނީ ކަލްޗަރއެއް އޮތް އުފާވެރިކަމާއި އެކު ޚިދުމަތްދޭ ކުންފުންޏެއްގެ ޝަރަފުލިބުނެވެ. މުއައްޒިފުންނަށް ލިބޭ  ހިތްހަމަޖެހުމާއި އެކިއެކި ޔުނިއަން ތަކާއި އެކު ކޮލަބޮރޭޓް ކުރެވުނު އުސޫލު ތަކުން އެތައް ބައެއްގެ ނަޒަރުގައި މަގުބޫލު އެއަރ ލައިނަކަށް ވިއެވެ. މިކަންކަން ހާސިލު ކުރުމުގެ ބޭނުމަކީ ފައިދާ ހޯދުމެވެ. ފައިސާ އިތުރުވުމެވެ. ކުންފުނި މުއްސަނދިވުމެވެ. މިއީ ސީއީއޯގެ ހުރި މޮޅުކަމަކުން އޭނާގެ ތަސައްވުރަކުން ހާސިލު ކުރެވޭ ކަންކަމެވެ.

ކާމިޔާބު އެއަރ ލައިންތަކުގެ ތާރީޚައް ބަލައިލީމާ ލިބުނު ކާމިޔާބީއެއް ލިބުމުގެ ފަހަތުގައި ތިބީ މޮޅު ސީއީއޯއިންނެވެ. މިސާލަކަށް އެއަރ އޭޝިއާގެ ސީއީއޯ ޓޮނީ ފެނާންޑެސް، ގަތަރު އެއަރވޭސް ގެ ސީއީއޯ އަކްބަރ އަލްބޭކަރ، އެމިރޭޓްސްގެ ސީއީއޯ ސަރ ޓިމް ކްލާކް، ކޮންޓަސް ސީއީއޯ އެލަން ޖޮއިސް، ލިސްޓު ކުރެވިދާނެއެވެ.

ކުރާ މަސައްކަތަކަށް އެ މީހަކު މޮޅުވަނީ ލިބިފައިވާ ތައުލީމަކާއި ތަޖުރިބާގެ އަލީގައި ތާއަބަދު މައުލޫމާތު ހޯދާ ވިސްނާ މީހަކަށް ވެގެންނެވެ. ފޮތްކިޔާ ދިރާސާކުރާ މީހަކަށް ވެގެންނެވެ. ހަވާލުވާ މަސައްކަތެއް ކުރުމުގައި ގިނަ ވަގުތު ހޭދަކޮށް ރޭވުންތެރިކަން ފުރިހަމަ ކުރުމުގައި މެދުނުކެނޑި މަސައްކަތް ކޮށްގެންނެވެ. ވަގުތު ބޭކާރު ނުކުރާ ވަގުތުގެ ބޭނުން، އެ މީހަކާއި މަތި ކުރެވުނު ކަމުގައި ކޮށްގެންނެވެ. އަވަހަށް ނިދާ ފުރިހަމަ ސިއްހަތަކަށް މަގުފަހިވާ ދިރިއުޅުމެއް ބައްޓަން ކޮށްގެންނެވެ.

ސީއީއޯއިންނަކީ ނަލަ  ހެދުމުގައި ގޮސް އިށީނދެ ތިބެލާ ދިއްކޮއްލާ އެއްޗެއްގައި ހަމައެކަނި ސޮއިކުރާ ބަޔަކަށް ވެގެން މިބުނި ފަދަ ކާމިޔާބީ ހޯދުމަކީ ވާނެކަމެއް ނޫނެވެ. އެއީ ލިބޭ ޝަރަފެއް ނޫނެވެ. އެއީ ހަވާލުވާ ބޮޑު ޒިންމާއެކެވެ. އެކަން ހަވާލުވީއިރު އޮތް ވަރަށްވުރެ މަތިކުރުމަކީ ލާޒިމްކަމެކެވެ. އެކަން ނުވަނީ ނަމަ ތިމާ އަމިއްލަ ނަފުސާއި ސުވާލުކޮށް އެކަމަކުން ދުރުވުމަކީ ކުރަންޖެހޭނެ ކަމެއްކަން އެނގެންޖެހެއެވެ. އެއީ ދުނިޔޭގަ ކަންހިނގާ މަގެވެ.