ސްނާމީއޭ އެއްބައިވަންތަކަމޭ ކިޔަން ސަރުކާރު ލަދެއްނުގަނޭ!

ގާގަނޑަށް ލިބުނުގެ ގެއްލުންތައް ސަރުކާރުން ދުށީ ކަނުލޮލަކުން

ސްނާމީއޭ އެއްބައިވަންތަކަމޭ ކިޔަން ސަރުކާރު ލަދެއްނުގަނޭ!

ރާއްޖޭގައި ސްނާމީގެ ވާހަކައަކީ ދޫދޫ މަތިން ކިޔޭ ތާރީޚީ ވާހަކައަކަށް ބަދަލުވެއްޖެއެވެ. ސްނާމީގެ ހާދިސާއަކީ ސްކޫލުތަކާ ޔުނިވަރސިޓީތަކުގައި ދިރާސާކުރާ މައުޟޫޢަކަށް ވެއްޖެއެވެ. ސްނާމީއަކީ ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ހާދިސާއަކަށް ވެއްޖެއެވެ. 

ސްނާމީގެ ހިތާމަވެރި ބިރުވެރި ހާދިސާއަށް ނަވާރަ އަހަރު ފުރުނީއެވެ. ފަޚުރުވެރިކަމާއެކު ގައުމީ އެއްބައިވަންތަކަމުގެ ވާހަކަ ދައްކާ ރާގުރާގަށް ލަވަކިޔާ ހަދާއިރު ސްނާމީ ހާދިސާއާއި ގުޅިގެން އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ލިބުނު ބައެއް ފަރާތްތައް އަދި އަދަށް ވެސް އެގެއްލުމުން އަރައިނުގަނެވި ތިބިކަން ދެނަ ހުރި މީހަކު ނެތެވެ. އެކިނަންނަމުގައި އެކި ގޮތްގޮތަށް ގެއްލުމުގެ ބަދަލު ބައެއް ފަރާތްތަކަށް ލިބުނު ނަމަވެސް ހަތަރު އަނާއެއްގެ މިންވަރުވެސް ނުލިބޭ ފަރާތްތައް ތިބިކަން ސަރުކާރުތަކުން ދެނަހުރި ކަމަކަށް ނުހަދައެވެ. 

ސްނާމީގައި އެންމެ ބޮޑު ގެއްލުން ލިބުނު އެއްފަރާތް ކަމުގައިވާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މަތީން 2004 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އޮތްހާ ސަރުކާރުތަކުން ވަނީ ހަނދާން ނައްތާލާފައެވެ. އެކުންފުނީގެ އާދޭސް ތަކަށް ކުޑަވެސް ސަމާލުކަމެއް ނުދީ ދީފައިވަނީ ބީރު ކަންފަތެވެ. ދިވެހިރާއްޖޭގެ އިގްތިޞާދަށް ކިތަންމެ ބޮޑު މަންފާއެއް ހޯދާދީފައިވާ ކުންފުންޏެއް ކަމަށްވިޔަސް ސަރުކާރުތަކުން ކޮށްލީ ވަރިހަމައެވެ.

މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އޭ ބުނުމުން އެއީ ކޮންބައެއްކަން ފަހަރުގައި އާއްމުންނަށް ނޭނގިދާނެއެވެ. އެކަމަކު ރާއްޖޭގެ އިގްތިޞާދީ ދާއިރާގައި މަސައްކަތް ކުރާ ރަސްމީ އިދާރާތަކަށް އެއީ ކޮންބައެއް ކަމެއް ނޯޅޭނެއެވެ. 

ސްނާމީގެ ހާދިސާ ހިނގުމާ ހަމަޔަށް މެރިން ކޮރަލް މޯލްޑިވްސްއަކީ ރާއްޖޭގައި މަސްބަންދުކޮށް ރައްކާކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އައި ކުންފުޏެކެވެ. ދިވެހި މަސްވެރިންގެ މެދުގައި މަޝްހޫރު "ގާގަގަނޑު" އެއީ މިދެންނެވި ވިޔަފާރީގެ މަރުކަޒެވެ. މަސްވެރިން އަތުން މަސްގަތުމާއި މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމުގައި އެންމެ ފުޅާދާއިރާގައި ރާއްޖޭގައި އޭރު މަސައްކަތް ކުރި އަމިއްލަ ކުންފުންޏަކީ މެރިން ކޮރަލް މޯލްޑިވްސްއެވެ.

ހެޔޮވަރުގެ ތިން ރިސޯޓުން އެތެރެކުރާ ބޭރު ފައިސާއަށް ވުރެގިނައިން ބޭރު ފައިސާ ރާއްޖޭގެ އިގްތިޞާދަށް ވައްދާދެމުން ދިޔަ އަމިއްލަ ކުންފުންނޏަކީ މެރިން ކޮރަލް މޯލްޑިވްސްއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އެކްސްޕޯޓަރަކީ މެރިން ކޮރަލް ކަމުގައިވެގެން އެކުންފުންޏަށް ދިވެހި ދައުލަތުން އެތައް އަހަރަކު ގައުމީ ފެންވަރުގެ އިނާމުތައް ދީފައިވެއެވެ. 

ގާގަނޑުގައި ހިންގަމުން އައި މެރިން ކޮރަލް ކުންފުނީގެ މަސްބަންދުކޮށް ބޭރުކުރާ ފެކްޓަރީއަށް ސްނާމީ ހާދިސާގައި އިންތިހާ ދަރަޖައަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އިޔާދަ ނުކުރެވޭ ވަރަށެވެ. މަސްރައްކާ ކުރުމަށް އެތާގައި އިންސްޓޯލްކޮށްފައި ހުރި 40 ފޫޓްގެ ދެ ކޮންޓޭނަރު ކަނޑު ބޭރުވެ އޮޔާގޮސް ގެއްލުނެވެ. މެޝިނަރީތަކާއި އިމާރާތްތަކާއި ސްޓޮކް ކޮށްފައި ހުރި އެތައް މިލިޔަން ރުފިޔާގެ މަހަށް ލިބުނުގެ ގެއްލުން އެތައް މިލިޔަން ޑޮލަރަކަށް އަރައިގެން ދިޔައެވެ.

އެހެނެއް ކަމަކު ސްނާމީގައި އެކުންފުންޏަށް ލިބުނު ގެއްލުންތަކަށް އެއްވެސް ސަމާލުކަމެއް އެއްވެސް ސަރުކާރަކުން ނުދިނެވެ. ސްނާމީ ހަދިސާއާއި ގުޅިގެން މާލެ އަތޮޅު ގައުގަނޑުގައި އެކުންފުނިން ގާއިމު ކޮށްގެން ހިންގި މަސްރައްކާކުރާ ކާރުހާނާއަށް ލިބުނު ގެއްލުންތަކުގެ ދިރާސާ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާ އެހީތެރިކަމަށް އެދުނު ނަމަވެސް އަޅާ ކަހާވެސް ނުލިއެވެ. ކުޑަމިނުން ލިބުނު ގެއްލުންތައް ބަލާވެސް ނުލިއެވެ.

ޒިންމާދާރުކަން މިހާވަރަށް ކުޑަ ސަރުކާރުތަކުން ކޮންމެ އަހަރަކު ސްނާމީއޭ އެއްބައިވަންތަކަމޭ ކިޔައިގެން ލަވަކިޔާ ނަށަން ލަދު ނުގަންނަކަމެވެ. ޓޫރިޒަމަށް އެކަނި ބަރޯސާނުވެ މަސްވެރިކަމުގެ ސިނާއަތު ފުޅާކުރާ ވާހަކަ ދައްކަން ސަރުކާރުތަކުން ލަދު ނުގަންނަކަމެވެ. ރާއްޖޭގެ އިގުތިޞާދުގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމުގެ ވާހަކަ ސަރުކާރު ތަކުން ދައްކަނީ ހެޔޮ ނިޔަތެއް އޮވެގެންނެއް ނޫނެވެ.