އާސަންދަ: މުއިއްޒު ވެރިކަމުގެ ކެންސަރު

ކަންކަން ކުރެވޭނީ ދާމޫގަނޑުގައި ވަރު ހުރެގެން

އާސަންދަ: މުއިއްޒު ވެރިކަމުގެ ކެންސަރު

ރަންކޮޅާ ރައީސް މުއިއްޒޫއެވެ. ހަމަ ބިމަށް ތިރިވެ މަތި ބަލައިލަ ބަލާށެވެ. ރަން ބުއްދި ނުވެ ވިސްނާ ފިކުރުކޮށްލަ ބަލާށެވެ. ދެއްކޭ ނުދެއްކޭ ވާހަކައަށް އެކަނި އިނދެ ވިސްނާލަ ބަލާށެވެ. ވަށައިގެން ތިބެ ހުޝާމަދު ކުރާ މީހުންނާ މެދު ހުޅުވިފައިވާ ލޮލަކުން ބަލައިބަލާށެވެ. ބޮކަށް ރަންފުށް މައްޗަށް އެރިގެން އުޅޭހެން ނޫޅެބަލާށެވެ.

ރާއްޖޭގެ ވެރިކަމަށް އެރިފަހުން އަދި މިވީ އެންމެ ދެމަހެވެ. ރާއްޖޭގެ ހާލަތާ މެދު ކުޑަކޮށްވެސް ވިސްނާލީމު ހެއްޔެވެ. ރައްޔިތުންގެ އިހުސާސާއި ވިންދު ހުރިގޮތް އެއްވެސް ވަރަކަށް އެނގޭ ހެއްޔެވެ. ސްމާޓް ފޯނު ހިފައިގެން ރީތި ހެދުން ލައިގެން މީހުން އުޅޭތީ ފޯރާފަ އިތުރު ވެގެން އުޅެނީއޭ ހީވަނީ ހެއްޔެވެ. މިލިޔަނުން ޑޮލަރުވަންނަ ރިސޯޓްތައް ރާއްޖޭގައި ހުންނާތީ ރައްޔިތުން ތިބެނީ ވަރަށް ފުދިގެންނޭ ހީވަނީ ހެއްޔެވެ. 

ހަމަ ތެދެކެވެ. ފަސް އިރު ރަނގަޅަށް ކައިބޮއެ އުޅެވެނީ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ. ކަރަންޓް ބިލު ދައްކައިފިއްޔާ އެމަހު ހައިހޫނު ކަން ފިލާވަރަށް ނުކައި ތިބޭ އާއިލާތައް ރާއްޖޭގެ ކަންކޮޅު ތަކުގައި އިންތިހާއެވެ. މަހުން މަހަށް މުސާރައެއް ގަވައިދުން ލިބޭ މީހަކު ވިއްޔާ ހުރީ ދަރަނީގެ ދަންތުރައިގައެވެ. އާޒިމާ ޝުކޫރުމެން މިލިޔަން މިލިޔަނުން ދަރާ ފައިސާ ނުދެއްކިފައި ތިބޭއިރު އާދައިގެ މީހާ ހުންނާނީ ކޮން ހާލެއްގައި ހެއްޔެވެ. މިހެން ކިޔާފަ ނުކިޔާނެ ވަކި ކަމެއް ނެތެވެ.

ކިތަންމެ ބޭނުން ވިޔަސް މަތިހަށި ނަގާފައި ނެތްވަރު ދައްކަން އުޅޭކަށް ނުވާނެއެވެ. ނުވާވަރުން ކަންކަން ކުރަން އުޅެން ހެޔޮނުވާނެއެވެ. މުޅި ދައުލަތް ވެލްފެއަރ ސްޓޭޓަކަށް ބަދަލުކޮށްގެން ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން އެކީ އެކައްޗަކަށް ދައުލަތް އޮތީ މިހާރުވެސް ބަރަހަނާ ވެފައެވެ.

ނުވާވަރުން ކުރަންއުޅޭ ކަންކަމުގެ ތެރެއިން ސަރުކާރުންދޭ އާސަންދަޔަށް އެކަނި ވިސްނާލިޔަސް ހީބިހި ނަގައެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް ތަކާއި ބޭސް ފިހާރަތަކަށް ދައުލަތުން ދައްކަން އޮތް ފައިސާގެ ގިނަ ކަމުން އެތަންތަން ހިންގޭކަށް ނެތެވެ. އާސަންދައިން ފައިސާ ނުލިބިގެން އެތަންތާ ތަޅުއަޅުވަން ޖެހޭނީ މިއަދު ނޫނީ މާދަމާ ނޫންކަމެއް ނޭގެއެވެ.

އަވައްޓެރި ލަންކާއާއި އިންޑިއާގެ ހޮސްޕީޓަލްތަކާއި ލެބޯޓަރީ ތަކާއި ބޭސް ފިހާރަތަކަށް ދަންކަން ފައިސާ އޮތީ މަދެއް ސުމާރެއްކޮށް ނޫނެވެ. އާސަންދައިން ބޭސް ފަރުވާއަށް ފުރަންޖެހި ނުފުރިފައި ތިބީވެސް އެތައް ސަތޭކަ ބައެކެވެ. ވާނީވެސް އެހެންތާއެވެ. ހިދުމަތް ދިނުމުގައި ރާއްޖޭގެ ހޮސްޕިޓަލެކޭ ހެލްތު ޕޯސްޓެކޭ ތަފާތެއް ނެތުމުން އެންމެންވެސް ފުރަފުރައިގެން ބޭހަށް ދާންޖެހެނީ ބޭރަށެވެ.

އާސަންދައިގެ ހާލު އެހެން އޮއްވާ ވެރިކަމަށް އެރިގޮތަށް އަރާ އާސަންދައިން ހަރަދު ކުރާނެ އައު ކަންތައް ތަކެއް އިތުރުކޮށް އާސަންދައިގެ ބުރަ އިހުނަށްވުރެ ވެސް ބޮޑުކޮށްލީއެވެ. ބޯން މެރޯއާއި މެޑިކަލް ޗެކަޕާއި ދަރިމައި ކުރުވުމަށް ދާންދެން އާސަންދައަށް މަހާލީއެވެ. ގިނަކަންކަން ރާއްޖޭން ކުރެވެން ނެތްއިރު އެންމެ ކައިރިން އެންމެ ހަރަދު ކުޑަކޮށް ކުރެވެން އޮތީ އިންޑިއާ އިންނެވެ.

އެހެނެއް ކަމަކު އިންޑިއާއަށް ވުރެ ދެރަނުވާށާއި ބަހުގަ ނުޖެހޭން ބެންކޮކާއި ދުބާއިން އާސަންދައިން ބޭސް ފަރުވާކުރަން ހަމަ ޖެއްސާއިރު އަމިއްލަ ހާލެއް ނޭނގެއެވެ. ކިތަންމެ ވާކަން ދެއްކުމަށް ބޭނުން ވިޔަސް ހިފަން އުޅެންވާނީ ހިފޭ ވަރުންނެވެ. ދުބާއީއާއި ބެންކޮކްގެ ބޭސްފަރުވާ ކިތަންމެހާވެސް ރަނގަޅު ވާނެކަން ނޭނގެނީ ކާކަށް ހެއްޔެވެ. މިހާތަނަށް އެކަން ނުކުރެވި އޮތީ ކުރިން ކުރަން އުޅުނު ބަޔަކަށް އެކަން ނޭގިގެނެއް ނޫނެވެ. ދާމޫގަނޑުގައި އެވަރު ނެތިގެންނެވެ.

ކުއްލި ހާލަތުގައި ބަލިމީހުން ބެންކޮކަށް ކީއްކުރަން ހެއްޔެވެ. އެމެރިކާއަށްވެސް ގެންދެވޭ ވަރުގެ ގޮތްތައް ދުނިޔޭގެ ތަންތާ އެބަހުއްޓެވެ. އެކަމަކު ބަޔަކު ކުރާހާ ކަމެއް އަހަރެމެން ކުރާނީ ކިހިނެއް ހެއްޔެވެ. ޑޭޝް8 ބޯޓުގައި ބަލިމީހުން ބެންކޮކަށް ގެންގޮސްދޭން ބުނެފައި އެހެން ނުބުނާ ކަމަށް ހަދަން ސައިޓަށް އެވާހަކަ ލާލާފައި ނެގިޔަސް ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަމެވެ. ބަޔަކަށް ޖެއްސުމަށް ވެސް ކަމެއް ފަށަން ވާނީ ބަރުމަރުކާ އަޑިއަށް ނުދާވަރު ބަލައިގެނެވެ. މިހާވަރުން ދަންޏާ އާސަންދައަކީ މުއިއްޒު ސަރުކާރުގެ ކެންސަރަށް ނުވެއެއް ނުދާނެއެވެ،