އެސްޓީއޯގެ އަހަރީ ޖަލްސާގައި ވާޗުއަލްކޮށް ބައިވެރިވެވޭނެ

އަހަރީ ޖަލްސާ އޮންނާނީ މިމަހު 31ގައި

އެސްޓީއޯގެ އަހަރީ ޖަލްސާގައި ވާޗުއަލްކޮށް ބައިވެރިވެވޭނެ

ކާބޯތަކެތީގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދާދިނުން މައިގަނޑު އަމާޒަކަށް ހަދައި ސަރުކާރުން 1964 ގައި އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ)ކުންފުނި ވެގެންދިޔައީ މިހާރު މި ފެންނަ އެސްޓީއޯގެ ފެށުމަށެވެ. ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބުނު ކާމިޔާބީތަކާއެކު، އޭޓީއޭ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމަށް ބަދަލުވީ1979 ގައެވެ. މިއާއެކު އެސްޓީއޯގެ އަސްލު މިޝަނަށްވެސް ބަދަލު އައިސް އިންޕޯޓްކުރުން އިތުރަށް ފުޅާކޮށް، ތަކެތީގެ ބާވަތްތައް އިތުރުކޮށް، ޒަމާނީ ކޮންސްޓްރަކްޝަން މެޓީރިއަލްއާއި، ގޭތެރޭގެ ސާމާނާއި، ކޮންސިއުމަރ މުދަލަށް ވަނީ ފުޅާވެގެންގޮސްފައެވެ.

މިފަދައިން ފެށުނު މިކުންފުނިން މިއަދާހަމައަށް ދިވެހިރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުވެ ތިބިތިބުމަކީ އެފަދަ ދެގޮތެއް ނުވާނެ ލާމަސީލު މިސާލެކެވެ. މިގޮތުގައި ދުވަހެއް ދުވަހަކަށް ކުރިހޯދަމުން އައި އިރު ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ޖަލްސާއެއްބާވާ މުވައްޒަފުންނާއި ހިއްސާދާރުން ސާމިލް ވާހެން އަގުވަޒަން ކުރުމަކީވެސް މި ކުންފުނިން ދިރުވާ އާލާކުރަމުން އަންނަކަމެކެވެ.

މި އަހަރުގެ އަހަރީ ޖަލްސާ ބޭވުމަށް ހަމަޖެހިފައިވަނީ މި މެއި މަހު 31 ގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް ޖާގަ ދިނުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދަން ނިމާފައެވެ. ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ އެއް ދުވަސް ކުރިން ރަޖިސްޓްރީ ވާންވާނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން އަހަރީ އާންމު ޖަލްސާ ބާއްވާ ރޭ 20:25 ގެ ކުރިން ލޮގިން ވާންވާނެއެވެ. މި ޑުއަލް ފޯމެޓްގެ ސަބަބުން އިތުރު ލުއިފަސޭހަކަމެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ހިއްސާދާރުންނާއި ސްޓޭކްހޯލްޑަރުންނަށް މި ޖަލްސާގައި އަމަލީގޮތުން ބައިވެރިވެވޭނެ މަގު ފަހިވެގެންދާނެ ކަމައް އެސްޓީއޯއިން ހާމަކުރެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އަބްދުالله ސައީދު ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާއެވެ. އެސްޓީއޯއަށް  މިހާރު ލިބެމުންދާ ކާމިޔާބީގައި ސައީދުގެ ލީޑަޝިޕްގެ ދައުރު ވަރަށް ވެސް ބޮޑެވެ. އަދި ކުންފުނީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މާކެޓުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އެސްޓީއޯ ހިމެނިގެން ދިއުމުގައި ވެސް ސައީދުގެ ދުރުވިސްނުން ހިމެނިގެން ދާނެކަން ޔަގީނެވެ.