އެމްޕީއެލްގެ ކާމިޔާބީ: ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް

އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަ ކުރި 10 ބައިވެރިންނަށް ސެޓްފިކެޓް ލިބުން

އެމްޕީއެލްގެ ކާމިޔާބީ: ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް

އިންސާނީ ވަސީލަތް ބޭނުންވާ މުހިންމު ދައިރާ ތަކުން މީހުން ބިނާ ކުރުމަކީ މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެކެވެ. އެމްޕިއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމުގައި 10 މީހަކު ތަމްރީނުކޮށް ސެޓިފިކެޓް ދިނުމަކީ އެ ގޮތުން އެމްޕީއެލް ހޯދި ބޮޑު ކާމިޔާބެކެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް އެ ކުންފުނީގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދީ އެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަ ކުރި 10 ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވި ގޮތުގައި ތައުލީމީ ގާނޫނު ވުޖޫދުވުމާ ގުޅިގެން އެންމެ ބޮޑަށް ފޯކަސް ކުރާ ކަމަކީ މަސައްކަތްތެރިކަން ރަސްމީ ކަރިކިއުލަމްގެ ތެރެއިން ވެސް ދަސްކޮށް ދިނުމެވެ. މިގޮތަށް އިންޓާންޝިޕް ތަކުގައި ދަރިވަރުން ބައިވެރި ކުރުވުމަކީ އޭގެ އެއްބައިކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ދަރިވަރުން ހަމައެކަނި ކިޔެވުމަށް ހުސްނުކޮށް މިކަހަލަ އަމަލީ މަސައްކަތްތަށް ދަރިވަރުންނަށް ފަހިކޮށް ދިނުމަށް ބެލެނިވެރިން ކިބައިން އެދިވަޑައިގެންނަވަމުން މިފަދަ ފުރުސަތެއް ފަހިކޮށް ދެއްވި ކަމަށްޓަކައި އެމްޕީއެލް އަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ރަސްމިއްޔާތަށް ފަހު އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ މަސައްކަތް ދައްކައިދޭ ޕޯޓްފޯލިއޯއެއް ވެސް މިނިސްޓަރ ބައްލަވަ ލެއްވިއެވެ. 

އިންޓާންޝިޕް ފުރިހަމަ ކުރި 10 މީހުން:

  • މާކެޓިން ފޮޓޯގްރަފީ: ހައިމަން ފިކުރީ
  • މާކެޓިން ފޮޓޯގްރަފީ: މަރިޔަމް އުޔޫން އަހުމަދު ވަސީމް
  • އައިޓީ ވެބް ޑިވެލޮޕިން: ޒެނީޝާ ފަތުހީ
  • ސިވިލް އިންޖިނިއަރިން އޮޓޯކޭޑް ޑްރޮވިން: ރައްޒާން އަހުމަދު އަބްދުލް ރައްޒާގް
  • އިލެކްޓްރިކް އިންޖިނިއަރިން: އަލީ ލުޖައިން
  • ސާވޭ އިން ޔޫސިން އޮޓޯ ލެވެލް: އިސްމާއިލް އަޒްހާން އަހުމަދު
  • އައިޓީ ޑިވެލޮޕްމަންޓް: މުހައްމަދު އިޒްދާން އިމްދާހް
  • ބޭސިކް ހައުސް ހޯލްޑް ވައިލިން: އާދަމް އައިން މުހައްމަދު
  • މެޝިނިން އެންޑް ފެބްރިކޭޝަން: އަހުމަދު ޔަނާލް ރަމީޒް 
  • މެޝިނިން އެންޑް ފެބްރިކޭޝަން: އާޔަން އަހުމަދު ޝަނީޒް