އޭ މިހިރަ ދިދަޔާ! ލާރިކޮޅުކޮބާ!
ފައިސާ ނެތިއްޔާ ކިރިހާ މަސްތައް ހުންނަންވާނެ
ރައީސް މުއިއްޒު ވެރިކަމަށް ހުވާކުރައްވާ އެންމެ ފުރަތަމަވެސް ވާހަކަ ދެއްކެވީ ބޮޑު ދިދަޔާއެވެ. ދިދަޔާ ދެއްކެވިހާ ވާހަކަތައް ދަނީ ބޯމަތިން ލާފައެވެ. ދެއްކެވި ކޮންމެ ވާހަކައެއް ޖެހެނީ އެކޮޅުކޮޅުންނެވެ. މިފަހަރު އެ ވާހަކަތައް ދާކަށް ނެތީމެވެ.
ރައީސް ދެއްކެވި މިސާލުން މިސާލުނަގައިގެން ރައްޔިތުންވެސް މިއަދު ވާހަކަ އެ ދައްކަނީ ދިދަޔާއެވެ. ރައްޔިތުން ދިދަޔާ ދައްކާ ވާހަކައެކޭ ކަނޑުގައި އަޅާ ރޮނގެކޭ ތަފާތެއް ވަނީއެއް ނޫނެނެވެ. ހިރުވާތަން ކަހާނުލައެވެ. ކަހާތަން ހިރުވާ ނުލައެވެ.
މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ހުއްޓާނުލާ މަސްވެރިން މުޒާހަރާ ކުރަމުންވެސް ވަހަކަ ދައްކަނީ ދިދަޔާއެވެ. މުޒާހަރާކޮށް ހަޅޭފަޅޭ ނުޖަހާ އެންމެ ލާރިއެއްވެސް ދޭން ހިތަކަށް ނާރައެވެ. ބަލިމީހަކަށް އައިވީ ދޭހެން މަސްވެރިންނަށް ލާރިކޮޅު ދެމުން ދާނަމަވެސް ރަނގަޅުތާއެވެ. މަސްވެރި ރަށެއްގެ މަސްވެރިއަކަށް މަސްވަޒީރުކަން ދިނުމަކުން މަސްވެރިންނަށް ލިބުނު ތަސައްލީއަކަށް އެކަމެއް ނުވެއެވެ.
މިއަދު އަނެއްކާ އައްޑޫގައި އެތިބީ މަސްވެރިން މުޒާހަރާއަށް ނިކުމެއެވެ. ހަލާލު މަސައްކަތުން ބޭނި މަސްކޮޅު ސަރުކާރުން ޓަކައިގަނެ ފައިސާ ނުދީ ތިބޭތީއެވެ. އަޖައިބެކެވެ. ކަންމަތީ ފިހާރައަކުން ލޭންދޭނަށް ތަކެތި ނަގައިގެން ފައިސާނުދީ ފިލަފިލައިގެން އުޅޭ ޕާޓީއެކޭ ސަރުކާރެކޭ ތަފާތެއް ނެތެވެ. މަސްވެރިންނަށް ފައިސާ ނުދެވެންޏާ މަސްކިރުވާނެ ކަމެއް ނެތެވެ. މަސްކިރުވަންޏާ އެއްބަސްވާ ގޮތަށް ފައިސާ ދޭން ޖެހޭނެއެވެ.
ސަރުކާރުން ދޭ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް އާއްމުންގެ މީހެއްގެ އޮތްނަމަ ތަޅާ މަރައިގެންވެސް އެ ފައިސާއެއް ސަރުކާރަށް ހޯދައެވެ. ދޭ ހިދުމަތް ކަނޑާލައިގެންވެސް އެ ފައިސާއެއް ދަމައިގަނެއެވެ. އެގޮތަށްވެސް ފައިސާ ސަރުކާރަށް ހޯދާނީ ނިކަމެތި ރައްޔިތަކު ދައްކަން އޮންނަ ފައިސާއެކެވެ. ބާރުހުރި ވެރިންނާއި މަހުޖަނުން އަތުން ސަރުކާރަކަށް ފައިސާ އަތެއް ނުލެވެއެވެ.
ސަރުކާރުގެ އާމްދަނީ ދަށްވުމުން ސަރުކާރުން ބޭނުން ކުރަނީ މަސްވެރިންގެ ފައިސާއެވެ. އެންމެ ފަހުންވެސް މަސްވަޒީރު ވިދާޅުވީ ސަރުކާރުގެއާމްދަނީ ރަގަޅުވަމުން ދާވަރަކުން މަސްވެރިން އަތުން ކިރާފައިވާ މަހަށް އަގުދޭނެ ކަމަށެވެ. ސަރުކާރުގެ އާމްދަނީއަކާ މަސްވެރިންގެ އތުން ގަންނަ މަހަށް އަގުދިނުމަކާ ކީކީހެއްޔެވެ. މަސްވެރިން ބާނާ މަހަށް ދައްކަންޖެހޭ ފައިސާއަކީ ސަރުކާރުގެ އާމްދަނީއެއް ނޫނެވެ. ސަރުކާރުގެ ބޭނުންތަކަށް މަހުގެ އަގުގެ ގޮތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބޭނުން ކުރުމަކީ ހިޔާނާތެވެ.
އޭ މިހިރަ ދިދަޔާއެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ކޮބައިހެއްޔެވެ. ފައިސާ ނެތިއްޔާ ކިރިހާ މަސްތައް ހުންނަންވާނެ ނޫން ހެއްޔެވެ. އެވެސް ދިރުވާލީ ހެއްޔެވެ.
މާތްކަލާކޯއެވެ. އެތައްހާސް މަސްވެރި އާއިލާއެއް އެތިބީ ބަޑަށް ޖެހިފައެވެ. ކާބޯތަކެއްޗެއް ގިނަ މީހުންގެ ގޭގައިނެތެވެ. ކަރަންޓް ބިލާއި ފެންބިލު އޮތީ ރަތްވެފައެވެ. މަޖުބޫރު ވެގެން ދަރަނި ނުނަގާ ނުވެގެން ދަރަނި ދިން މީހުން އެމީހުންގެ ފައިސާކޮޅު ހޯދަން މަސްވެރިންގެ އާއިލާތައް ފަހާ ދުވަނީއެވެ. އޭ މިހިރަ ދިދަޔާއެވެ. އަދިވެސް ތިޔަ ހުންނަނީ ވިހުރެލަ ވިހުރެލާ މާމަތީގައެވެ. މަސްވެރިންގެ ހާލު އެނގޭ ވަރަށް ހަމަ ބިމަށްފައިބާ ލާރިކޮޅު ދޭށެވެ.