ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެގޮތް މިއޮތީ!

ގަސްރު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބިގެންވާ ލުއިފަސޭހަކަމެއް

ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެގޮތް މިއޮތީ!

ނަމާދު ގަސްރުކުރުމާއި ޖަމްއުކުރުމަކީ އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ ލުޔެކެވެ. ކޮންމެ މުސްލިމަކަށްވެސް ނަމާދު ޖަމްއުކުރާށައި ގަސްރުކުރަން އެނގުމަކީ މުހިންމު ކަމެކެވެ. ރަނގަޅަށް މިކަން ފަހުމުވުމަށްޓަކައި ޖަމްއުކުރުމާއި ގަސްރުކުރުމުގެ ތިންގޮތެއް ބަޔާންކޮށްލަމެވެ.  

1- ހަމައެކަނި ޖަމްއުކުރުން

2- ހަމައެކަނި ގަސްރުކުރުން

3- ގަސްރު ޖަމްއުކުރުން

  • ހަމައެކަނި ޖަމްއުކުރުން

ޖަމްއުކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ. ޖަމްއު ދެގޮތަކަށް ކުރެވެއެވެ.

ހ- އިސްކޮށް ޖަމްއުކުރުން

ށ- ފަސްކޮށް ޖަމްއުކުރުން

ނަމާދު ޖަމްއުކުރުން، ޢުޒުރުވެރިންނަށް ހުއްދަވެގެންވެއެވެ. މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ހިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ތަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ހާލަތްތަކުގައި މީހުންނާއި އެނޫންވެސް މީހުނަށް ނަމާދު އޭގެ ވަގުތުގައި ކުރުމަށް ޢުޒުރުވެރިވާ ހާލަތުގައި ޖަމްއުކުރުން ހުއްދަވެގެން ވެއެވެ.

މިސާލެއް:

އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

  • މެންދުރު ނަމާދު ކުރާ ވަގުތު މެންދުރު ނަމާދާއެކު އަސްރު ނަމާދު ޖަމްއުކޮށްލުން.

ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްއަތެވެ. ދެން ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އަސްރު ނަމާދުގެ ހަތަރު ރަކްއަތެވެ.

މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި އަސްރު ނަމާދު އިސްކޮށް ޖަމްއުކޮށެވެ.

  • މަގުރިބް ނަމާދާއި އިޝާ ނަމާދު ޖަމްއުކޮށްލުން. 

އިޝާ ނަމާދުގެ ވަގުތުވުމުން ( މި ހާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން) ބަންގި ދީފައި ފުރަތަމަ ކުރާނީ މަގުރިބް ނަމާދުގެ ތިން ރަކްއަތެވެ. ދެން ސަލާމް ދީފައި ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އިޝާ ނަމާދުގެ ހަތަރު ރަކްއަތެވެ. މިގޮތަށް ޖަމްއުކޮށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މަގްރިބް ނަމާދާއި އިޝާ ނަމާދު ފަސްކޮށް ޖަމްއުކޮށެވެ.

  • ޖަމްޢުކުރެވޭ ނަމާދު ތައް:
  1. މެންދުރު ނަމާދާއި އަސްރު ނަމާދު (4+4)
  2. މަގުރިބް ނަމާދާއި އިޝާ ނަމާދު (3+4)

ނަމާދު ޖަމްއުކުރާ އިރު އިސްކޮށް ކުރި ނަމަވެސް ފަސްކޮށް ކުރި ނަމަވެސް އަބަދުވެސް ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން މެންދުރު ނަމާދުގެ ވަގުތުގައި ޢަސްރު ނަމާދު އިސްކޮށް ޖަމްއު ކުރާނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. އޭގެ ފަހުގައި ޢަސްރު ނަމާދެވެ. އަދި ހަމަ އެހެންމެ، ޢަސްރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދު ފަސްކޮށް ޖަމްއުކުރާ ނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. ދެން އަސްރު ނަމާދެވެ. މަގްރިބް ނަމާދުގެ ވަގުތުގައި އިޝާ ނަމާދު އިސްކޮށް ޖަމްއުކުރާނަމަ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުގައެވެ. އަދި އިޝާ ނަމާދުގެ ވަގުތުގައި މަގުރިބް ނަމާދު ކުރާނަމަ އެންމެ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުންނެވެ.

ދަތުރުވެރިޔަކަށް ނުވާހިނދު، ކުރިން ބަޔާންވެދިޔަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަމައެކަނި ޖަމްއުކުރާނީއެވެ. ޖަމްއާއެކު ގަސްރުކުރާނީ ދަތުރުވެރިޔަކަށް ވުމުންނެވެ.

  • ހަމައެކަނި ގަސްރުކުރުން

މިއީ ކޮންމެ ނަމާދެއް އެ ނަމާދެއްގެ ވަގުތުގައި އެހެން ނަމަވެސް ކުރު ކުރެވޭ ނަމާދުތައް ކުރުކޮށްގެން ކުރުމެވެ.

  • މެންދުރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތްކުރުން
  • އަސްރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން
  • އިޝާނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން

މެންދުރު ނަމާދާއި އަސްރުނަމާދު އަދި އިޝާނަމާދު ފިޔަވައި އެހެން ނަމާދެއް ގަސްރެއް ނުކުރެވޭނެއެވެ. ގަސްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރީންނަށެވެ.

  • ގަސްރު ޖަމްއުކުރުން

ގަސްރު ޖަމްއުކުރުމަކީ ނަމާދު ގަސްރު ކުރުމާއެކު ޖަމްއުވެސް ކުރުމެވެ.

  • އިސްކޮށް ގަސްރު ޖަމްއުކުރުން 

އިސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

  1. މެންދުރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން.
  2. މަގުރިބް ނަމާދުގެ ވަގުތުގައި، މަގުރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްއަތް ކުރުން
  • ފަސްކޮށް ގަސްރު ޖަމްއުކުރުން

ފަސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

  1. އަސްރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން
  2. އިޝާ ނަމާދުގެ ވަވަތުގައި، މަގްރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްޢަތް ކުރުން

މުހިއްމު ބައެއް ނުކުތާ:

ހ- ނަމާދު ހަމައެކަނި ޖަމްއުކުރުމަކީ ބޮޑު ހާޖަތެއް މެދުވެރިވެގެން ނަމާދު އޭގެ ވަގުތުން ފާއިތުވެދާނެނަމަ، ދަތުރުވެރީން ނޫން މީހުންނަށްވެސް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

ށ- ނަމާދު ގަސްރު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

ނ- ދަތުރުވެރީންނަށް އެންމެ ރަނގަޅު ގޮތަކީ ނަމާދުތައް ގަސްރުކޮށް ކުރުމެވެ. އަދި ހާޖަތެއް މެދުވެރިވެއްޖެނަމަ ގަސްރު ޖަމްއުކޮށް ކުރުމެވެ. އެއީ އިސްކޮށް ނުވަތަ ފަސްކޮށެވެ. އަދި ރަށުގައި ގާއިމުވެހުރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނަމަ، ނަމާދުތައް ފުރިހަމަ ކުރާނީއެވެ. މިސާލަކަށް އެފަދަ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރާނަމަ ކުރާނީ 4 ރަކުއަތެވެ. އަދި ސުންނަތް ގޮތަކީ ދަތުރުވެރިއެއް ނަމަ ރަވާތިބު ސުންނަތްތައް ދޫކޮށްލުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތް ފިޔަވައެވެ. ރަސޫލާ ދަތުރުވެރިއެއްކަމުގައި ވެވަޑައިގެންނެވި އިރުވެސް ފަތިސްނަމާދުގެ އިހު ސުންނަތް ދުލެއް ނުކުރައްވައެވެ.

ރ- ދަތުރުވެރިޔާއަށް އެންމެ މޮޅުއިތުރު ގޮތަކީ ދަތުރުމަތީގައި ނަމާދު ގަސްރު ކުރުމެވެ. އަދި ބައެއް ޢިލްމުވެރިން (އިމާމު އަބޫ ހަނީފާ އަދި އިބްނު ހަޒްމު) ވިދާޅުވާގޮތުގައި ދަތުރުމަތީގައި ނަމާދު ގަސްރުކުރުމަކީ ވާޖިބެކެވެ. އަނެއްބައި އިލްމުވެރިން (އިމާމު އަހުމަދު އަދި އިބްނު ތައިމިއްޔާ) ވިދާޅުވާގޮތުގައި ދަތުރު މަތީގައި ނަމާދު ގަސްރު ނުކޮށް ކުރުމަކީ މަކްރޫހަކަމެކެވެ.

  • ދަތުރުވެރިޔަކު ނަމާދު ގަސްރުކުރާއިރު ސީދާ ގަސްރުކުރުމަށް ނިޔަތް ނުގަތަސް ރަނގަޅުވާނެއެވެ. އެހެނީ ދަތުރުވެރިޔާގެ އަސްލަކީ ގަސްރު ކުރުމެވެ. މާނައަކީ ދަތުރުވެރިޔަކު މެންދުރު ނަމާދު ކުރުމަށް ނިޔަތް ގަތުމުން އެ ނިޔަތްގަނެވުނީ މެންދުރު ނަމާދު ގަސްރު ކުރުމަށެވެ. ގަސްރުކުރެވޭ އެހެން ނަމާދު ތަކުގައިވެސް އޮންނާނީ ހަމަ މި އުސޫލެވެ. ސީދާ ނަމާދަށް ނިޔަތް ގަތުމުން ފުދޭނެއެވެ.