ރައްބާއި ރަސޫލު ހަނގުރާމަ އިއުލާން ކުރެއްވި ފާފަ: ރިބާ

ރިޒުގުން ބަރަކާތް ކެނޑި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫހުނެތިދޭ

ރައްބާއި ރަސޫލު ހަނގުރާމަ އިއުލާން ކުރެއްވި ފާފަ: ރިބާ

އިސްލާމްދީނުގައި ރިބާވަނީ ހަރާމް ކުރައްވާފައެވެ. ގިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ކީރިތި ގުރުއާނުގައި ސިފަކުރައްވާފައިވެއެވެ. މާތް ވެގެންވާ ބަގަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި އާލަމުތަކުގެވެރި ރައްބު ވަހީކުރައްވާފައިވެއެވެ.

"ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިތާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ގިޔާމަތް ދުވަހު ނުތެދުވާނެތެވެ. އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. ނަމަވެސް އާލަމްތަކުގެވެރި ރައްބު ވަނީ ވިޔަފާރި ކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ހަރާމްކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރައްބުގެ ހަޒްރަތުން ދެއްވާ ވައުޒާއި ނަސޭހަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ. (އެބަހީ: ރިބާގެ ހުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެމީހެއްގެ ކަންތައްއޮތީ، އާލަމްތަކުގެވެރި ރައްބަށް ހާއްސަވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ." 

ޖެހިގެން އޮތް 276 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ސޮދަގާތް ދިނުމަކީ މޮޅުއިތުރު ކަމެއް ކަމުގައެވެ. ސޮދަގާތުގެ ބަރަކާތް ދުނިޔޭގައި އިތުރު ކުރައްވައި، އާހިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވާނެ ކަމަށެވެ. ފާފަވެރި، އެއްވެސް ކާފިރަކު ދެކެ، ލޯބިވެ ވޮޑިގެނެއް ނުވާކަމަށެވެ. 

އަނެއް ކޮޅުން ހަމަ އެ ސޫރަތުގެ 278 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ، އެއިލާހަށް ބިރުވެތިވުމަށެވެ. އީމާންވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. ހަމައެއާއިއެކު 279 ވަނަ އާޔަތުގައި އިންޒާރު ކުރައްވާފައި ވަނީ ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް އާލަމު ތަކުގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ، ހަނގުރާމަ އިއުލާން ކުރައްވާ ކަމަށެވެ. އިންސާނެއްގެ މައްޗަށް އޭނާގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމުގެ ނުރައްކާތެރި ކަމުގެ ބޮޑުކަމާއެވެ.

ބަޔާންވެ ދިޔަ އާޔަތްތަކުގައި ރިބާ ކާމީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ އުގޫބާތެއް ބަޔާން ކުރައްވާފައިވެއެވެ. 

  • ފުރަތަމަ އުގޫބާތަކީ އޭނާ ގިޔާމަތް ދުވަހު ގަބުރުން ތެދުވާނީ، އަދި ގިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައިވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓި ހުރުމެވެ.
  • ދެވަނަ އުގޫބާތަކީ، ރިޒުގުން ބަރަކާތް ކެނޑުމެވެ.
  • ތިންވަނަ އުގޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް އާލަމުތަކުގެވެރި ރައްބާއި އެ ކަލާނގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމެވެ.
  • ހަތަރުވަނަ އުގޫބާތަކީ، ރިބާ ހަރާމްކަން އެނގިހުރެ އެ ކާމީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިގަކަށްވުމެވެ.
  • ފަސްވަނަ އުގޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ އަޒާބު ލިބުމެވެ.

ޔަހޫދީން ކަމުގައިވީ މީހުންނަށް ހަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ހަރާމް ކުރެއްވި ސަބަބެއްކަމުގައި އެ ބައިމީހުން ރިބާ ހިފުން ހިމެނިގެންވާކަމަށް ސޫރަތުއްނިސާ ގެ 160 އަދި 161 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. 

ރިބާ ހަރާމް ކުރެއްވުމުގެ ހިކުމަތް:

  1. އަނިޔާވެރިކަމުގެ ދޮރުތައް ހުޅުވުން.
  2. ފަގީރުން އިތުރަށް ފަގީރުވުން.
  3. ފައިދާހުރި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫހު ނެތިގެން ދިޔުން.