އަލައްބާރަށް ރަސްމާލޭން 500 ހެކްޓަރ ދިނީ މުއިއްޒަށް ގޮތްހުސްވެގެން
ކުޑަވެގެން މުސާރަ ދެވޭނެގޮތްވެސް ނެތިގެން މުއިއްޒު އުޅުނީ
ރަސްމާލޭގައި މެގަ ޕްރޮޖެކްޓެއް ހިންގުމަށް އަލަށް ބާރަށް ހުށަހެޅީ ރައީސް މުއިއްޒެވެ. ރާސްމާލޭގައި އީގަލްސް ހިލްސްއިން ހިންގަން އުޅޭ ބިޔަ މަޝްރޫއަކީ އީގަލް ހިލްސްގެ އިސްނެގުމެއް ނޫނެވެ. އަދި ހޮދު އަލަށް ބާރުގެ އިސްނެގުމެއް ވެސް ނޫނެވެ. އިތުބާރު ހުރި މަސްދަރުތަކުންނާއި ފެންނަން ހުރި ހަގީގަތް ތަކުން އެކަން ވަރަށް ސާފެވެ.
ބައިނަލް އަގުވާމީ ބިޑްކުރުމަކަށް ނުގޮސް ރާއްޖޭގެ ގާނޫނުތައް އެވަރުގެ ކަމަކަށް ތަންނުދެނީސް އަވަސް އަރުވާލައިގެން 500 ހެކްޓަރ ދޫކޮށް ލުމުގެ ފަހަތުގައި އޮތީ މުއިއްޒަށް ގޮތްހުސްވުމެވެ. ދައުލަތުން ފައިސާ ހުސްވެ ދޮޅިއެޅޭތީއެވެ. ދުވަހުން ދުވަހަށް ދައުލަތަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި ބަގުރޫޓުވުމާ ދިމާލަށް ގައުމު ދާތީއެވެ.
ބޭރުގެ އެއްވެސް މާލީ އިދާރާއަކުންވެސް ގައުމަކުންވެސް ލޯނެއް ނުލިބޭތީއެވެ. އިންޑީއާއިން ކޮށްލާވަރުވެސް އެހެން ބަޔަކު ނުކުރާތީއެވެ. އިންޑިއާއި ދެނީ ކުރުމުއްދަތެއްގައި ދައްކާ ގޮތަށް ކިރިޔަކިރިޔާ ނޭވާ ލެވޭ ނުލެވޭވަރުގެ ފައިސާކޮޅެކެވެ. އެވެސް އޭގެ މަންފާ އެމީހުނަށް ލިބޭގޮތަށެވެ.
އެމްއެމްއޭއަށް ބިންވިއްކައިގެންވެސް ސަލާމަތެއް ނުވެވުނެވެ. ބޮންޑެއް ގަންނާނެ ބަޔަކު ރާއްޖެއަކުން ނުވިއެވެ. ރާއްޖޭގައި ހުރިއްޔާ ހުރިި ބޭންކަކަށް ސަރުކާރު އޮތީ ދަރާވިކިފައެވެ. ސަރުކާރުގެ ހަރަދުތައް ފޫބައްދަން އުޅެއުޅެ އެސްއޯއީތައް ހުސްވެއްޖެއެވެ. ޕެންޝަންފަންޑް ނޮޅާލައިގެންވެސް މުއައްޒަފުންގެ ހަމަޖެއްސުނީ ދެ މަހެއްހާ ދުވަހުގެ މުސާރައެވެ.
އެއަރޕޯޓްސް ކުންފުނިން ކުންފުނި އުފައްދައިގެން ރަސްމާލެ ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޖައްރާފެވެ. އެމީހުން އެކަންކުރީ ލިއްލާހިއަށްޓަކައެއް ނޫނެވެ. ރަސްމާލެ ހިއްކަން ރާޖޫއާއި އެކުވީ އެއްބަސްވުން ބާތިލުކުރުމުގެ ބަދަލު ދިނުންގަނޑު ހިލެން ތައްޔާރު ވެއްޖެއެވެ.
ތެލާއި ކާޑާއި ބޭސް ގަނެވޭނެ ފަދަވެސް ދިޔައީ ނެތެމުންނެވެ. އިންޑިއާގެ ހޮސްޕިޓަލްތަކަށް އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި ދައްކަން އެބައޮތެވެ. އެގޮތް މިގޮތަށް ވިއްކާފައި ހުރި ބޮންޑުތައް ދައްކަން ޖެހެއެވެ. ސަރުކާރަށް ހޯދާފައި ހުރި ހިދުމަތް ތަކަށާއި ގަނެފައިވާ މުދަލަށް އަގު ދެއްކޭނެ ގޮތެއް ނެތެވެ. ސަރުކާރުގެ ފީތަކާއި ޖޫރުމަނާތަކާއި ގިނަކޮށް ބޮޑުކުރިޔަސް ދާމޫގަނޑުގައި ވަރެއް ނުޖެހެއެވެ.
ބޮޑާކަމާ ހައިބަތު ދައްކަން އެންމަސީ ހުޅުވުމާއި އެތަންތަން ފުރާ ސިޔާސީން ލުމާއި ޑްރޯނާ ހަތިޔާރު ގަތުމާއި ފަލަސްތީނު އެއިޑް ބޮޑުކުރުން ފަދަ ނުފޯރާފޮތިން ފޫގެޅުމުން ނުވެ ނުދާނެ ގޮތްވީއެވެ. ތާއީދު ހޯދަން އެތައް ހާސް ބަޔަކަށް ވަޒީފާދީ މުޅި ދައުލަތް ގުނބު ހިލުޥާލުމުން އެކަމުން ސަލާމަތްވެވޭ ގޮތްނުވެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ.
އަނެއްކޮޅުން ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. މުއިއްޒުގެ ރިޔާސީ ކެންޕޭނަށް ބިލިޔަނުން ފައިސާ ބޭނުންވެއެވެ. ދައުލަތުގައި އަތްފުނާ އަޅައިގެންވެސް ހޯދޭނެ އެއްޗެއް ނެތޭ ހިސާބަށް ދިޔައިމާ ބޮޑު ގަހެއްގެ ހިޔަލަށް ވަދެވޭތޯ އިސްނަގަން ޖެހުނީއެވެ. ޗައިނާއާއި އިންޑިއާއިން މުއިއްޒު ޖަހާހާ ބެރަކަށް ނުނަށާކަން މުއިއްޒަށް އެނގެއެވެ.
ރަގަޅު ޑީލެއް ލިބޭތޯ ލައްކަ ސަކަރާތް މުއިއްޒު ޖަހައިފިއެވެ. ހުވަދު އަތޮޅުން 12 ފަޅުރަށް ދިގެން ފްލޯޓިން ޓާމިނަލް އެއަރޕޯޓެއް ތިނަދޫގައި އަޅަން އުޅެވުޏީ ކަރުދާސް ކުންފުންޏަކާއެކުގައެވެ. ޑިވްލޮޕްމެންޓް ބޭންކް ހަދަން އުޅެގެން ވެސް ލިބުނީ ކެއްސެވެ. ދުނިޔޭގެ ފިނޭންސަލް ސެންޓަރ ހަދަން އުޅެވުނީވެސް ފޭކް ޕްރިންސްއަކާއެކުގައެވެ. ފައިސާ ފޮއްޗެއް އޮތްކަމަށް ދައްކައިގެން އައި ކޮންމެ ބަޔަކަށް ވެސް މެގަ ގަޑީލެއް މުއިއްޒު ދެއެވެ. އަލަށް ބާރާ ލައްވާލުމުން ދެން ކިހާވަރެއް ހުންނާނެހެއްޔެވެ.
ދުވަހަކު ރަސްމާލެ ދިވެހިންނަށް ނުލިބުނަސް ކިތަންމެ ޔަހޫދީންނެއް ވަޒަންވެރިވިޔަސް ފަހުން ރާއްޖެއަށް އެއްޗެއް ލިބުނަސް ނުލިބުނަސް މުއިއްޒަށް ހެވެވެ. މިހާރުން މިހާރަށް މުއިއްޒު ބޭނުން ވަނީ ފައިސާއެވެ. ރަސްމާލެ ހިއްކުމުގެ އަގު ދައްކާލަދީ ރިޔާސީ އިންތިހާބުގެ ހަރަދުތައް އަލަށް ބާރު ހަމަޖައްސާ ދެނިކޮށް ނިމުނީއެވެ. އެހެން ނޫނަސް މުއިއްޒު ނަގަންވާ އިނީޝިއަލް ޕޭމަންޓް މީހަޜު އޮންނާނީ ނަގާ ކައި ހުސްކޮށްފައެވެ. އެހެން ކަމުން ރައްޔިތުން ނުރުހުނަސް އަލަށްބާރު ބޭނުން ގޮތަކަށް އަލަށްބާރަށް ރަސްމާލެ އަބަދުގެ އަބަދަށް އޮންނާނެއެވެ.




