މުއިއްޒު ސަރުކާރުން އިސްލާމް ދީނަށް ނަސްރުދޭ ގޮތް
ދިވެހީންގެރާއްޖޭގެ ރައީސަށް ކަހެރުވަކެކޭ ވެސް ހީނުވޭ
މަވެތިކަމުގެ އިންތިހާއެވެ. ފުދި އިތުރުވެގެން ބަންޑުން ވަނީއެވެ. ދޫދިނުމެއް ގޮތް ދޫކުރުމެއް ނެތެވެ. ކުރެވުނު ކަންތައް ދިފާއުކޮށް ގަދަ ދައްކަނީއެވެ. ކަންކަން އަޅާކިޔާ އާނ ދޮގޭއޭ ބުނަމުން ދަނީއެވެ.
އަވަށްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މިދަނޑިވަޅުގައި ދިވެހީންގެ ސަރުކާރުން ފާޅުކުރަނީ ބޮޑާކަމާ ގަދަކަމެވެ. ޑެޕިއުޓީ މިނިސްޓަރުންގެ 3 މީހަކު އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާއަށް ފުރައްސާރަ ކުރީ އެ މީހުން ޖަޒްބާތުގައި ޖެހުނު ޖެހުމަކުން ކަމަކަށް މިހާރަކު ނުބެލެވެ.
އެ ތިން މީހުންގެ ބަސްމަގު ހުރިގޮތުން ރާއްޖެއާ ދެކޮޅަށް މުޅި އިންޑިއާ ކެކި އަރާއިރު ދިވެހީންގެ ސަރުކާރުން އަޅާ ކަހާނުލައެވެ. ރާއްޖޭގެ އިގްތިސާދު ފުޑުފުޑުވެ ދިވެހި ރައްޔިތުން ނުރައްކަލަށް ވެއްޓުނަސް ދިވެހީންގެ ސަރުކާރަށް ވަރިހަމައެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފަދަ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށް މަޝްރަހު ފިނިކުރަން ހެސްކިޔާފައި މަސައްކަތް ކުރާއިރު ދިވެހީންގެ ރާއްޖޭގެ ރައީސަށް ކަހެރުވަކެކޭ ވެސް ހީނުވެއެވެ. ޕީއެންސީގެ އިސް ގިނަ މެންބަރުންނާއި އެތައް ސަޕޯޓަރުންގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ދިވެހީންގެ ރައީސް މުއިއްޒު ކުރުމަށްފަހު ޑިލީޓްކުރި ޓްވީޓެއް
ހަމަ ދެއްކުމާ ޖަދަލުކުރުމެވެ. ފުޅާ ދާއިރާއެއްގައި އިންޑިއާގައި ހިންގާ #ބޮއިކޮޓްމޯލްޑިވްސް ކެންޕޭނަކީ ކަން ބޮޑުވުމެއް އޮތް ކަމަކަށް ދިވެހީންގެ ސަރުކާރަކުން ނުދެކެއެވެ. އެމީހުން ތިބީ މާބަޑަށް ފުދިފައެވެ. އެކްސްގައި 46.4 މިލިޔަން ފޮލޯކުރާ އަކްޝޭ ކުމާރާއި 45.5 މިލިޔަން ފްލޯކުރާ ސަލްމާން ޚާންއާއި 48.7 މިލިޔަން ފޮލޯކުރާ އަމީތާބް ބަޗަން ފަދަ އެތައް ބަޔަކު އެއް ފަހަރާ #ބޮއިކޮޓްމޯލްޑިވްސް ޖެއްސުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލޮޅުން އަރާވަރުގެ ކަމެއްކަމަށް ނުދެކެއެވެ.
ޕީޕީއެމް ސެނެޓް މެންބަރެއްގެ ޗެލެންޖެއް
ކުރެވުނު ކަންތައް ހަލާލުކުރަން ވާހަކަ ދައްކާ މީހުން ދެކޭގޮތުގައި އިންޑިއާއިން ބިހާއި އަލުއްވާއި ފިޔާ ގެންނަނީ ފައިސާދީފައެވެ. ފައިސާ ދިނީމާ އެހެން ގައުމުތަކުން ވެސް އެތަކެތި ލިބޭނެއެވެ. އެއީ ވަރަށް ބޮޑުތެދެކެވެ. އެހެނަސް އެހެން ބުނާ މީހުނަށް ނޭނގޭ ކަމަކީ ކުރުމުއްދަތުގައި ހަލާކުވާ އެބާވަތުގެ ތަކެތި ދުރު ހިސާބު ހިސާބުން ގަނެގެން ގެނަސް ރާއްޖޭގައި އަތްފޯރާ އަގެއްގައި ވިއްކުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާނެކަމެވެ. އިންޑިއާއިން ބޭސް ނުކޮށް ސިންގަޕޫރާއި ތައިލެންޑާއި މެލޭސިއާ ފަދަ ގައުމުތަކުން ބޭސްފަރުވާ ކުރުމުގެ ފޯރުންތެރިކަން ދިވެހީންގެ ގިނަ ބައެއްގެ ކިބާގައި ނެތްކަމެވެ.
އާނއެކެވެ ޝުޖާއެވެ. ރިޒްގު ދެއްވަނީ މާތް ރަސްކަލާނގެއެވެ. އަޅުތަކުންނަށް އޮތީ ސަބަބު ތަކުގައި ހިފައިގެން މަސައްކަތް ކޮށް ރިޒްގު ހޯދުމެވެ. ހައްގުން ކަމަކާ ނުލާ ނެތް ހާލަތެއް އުފައްދައިގެން ބަޔަކާ ޖެހިގަނެގެން އުޅުމަކަށް އަމުރެއް ނުކުރައްވައެވެ. ސަބަބުތައް ދޫކޮށް ބޮޑާވެ ގަތުމަކީ ނިއުމަތަށް ފުރަގަސް ދިނުމެވެ. ސިޔާސީ ބޭނުމުގައި ކުރާނެހާ ކަމެއް ކުރަމުން މުސްލިމުންގެ ގޮތޭ ބުނެ ދީން އައްޑަނައަކަށް ހަދައިގެން ވާހަކަ ދައްކާ މީހުންގެ ދީންވެރިކަން ހުރީ ކިހާ މިންވަރެއްގައިތޯ އަމިއްލަ ނަފްސާ ސުވާލުކޮށް ބަލާށެވެ.
އިންޑިއާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. އިންޑިއާގައި 20 ކްރޯޑް މުސްލިމުން އެބަތިއްބެވެ. މުސްލިމުންނަކީ އިންޑިއާގެ %14.2 އެވެ. އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު އާބާދީއަކީ މުސްލިމުންނެވެ. އިންޑިއާގެ ޑިމޮކްރެޓިކް ދައުލަތުގައި މުސްލިމު ވަޒީރުންނާއި މުސްލިމް އެމްޕީން ތިބެއެވެ.
މުސްލިމުންނަށް ނަސްރުދޭކަމަށް ދައުވާކުރާ ދިވެހިންގެ ސަރުކާރުން 20 ކްރޯޑް މުސްލިމުން ހިމެނޭ އިންޑިއާއަށް ފުރައްސާރަކޮށް އޮތް އެކުވެރިކަމާ އަހުވަންތަކަން ދޫކޮށް އިސްލާމް ދީނަށް ނަސްރުދޭން ގުޅުން ބަދަހި ކުރަނީ ކޮމިނިސްޓް ޗައިނާއާއެވެ. ޗައިނާއަކީ އެތާނގެ އާބާދީގައި އެންމެ 1.5 އިންސައްތަ މުސްލިމުން ހިމެނޭ ދައުލަތެކެވެ. މުސްލިމުން ތިބެނީ ނިހާޔަތަށް އެކަހެރި ކޮށްފައެވެ.
ދިވެހީންގެ ރާއްޖޭގެ ސަރުކާރުން އިސްލާމް ދީނަށް ނަސްރުދޭ ގޮތަކީ ދީނުގެ ރީތި އުސޫލުތައް މުގުރުމެވެ. ޣީބަ ބުނުމާއި އަވަށްޓެރިންނަށް ކަމޭ ނުހިތުމެވެ. ހެޔޮ ފޯރުވާދޭ ފަރާތަށް ޝުކުރުވެރި ނުވުމެވެ. އަހުވަންތަ ކަމުގެ ޒަމާންވީ އިހުތިރާމް ގެއްލުވާ ލުމެވެ. ބޮޑާކަމާ ކިބުރުވެރި ކަމުގައި އިންޑިއާ ފަދަ ބޮޑު ގައުމަކާ ޖެހިގަތުމެވެ. ހުރިހާ ގޮތަކުން ގައުމު ނުރައްކަލަށް ވައްޓާލުމެވެ.