މަޖިލީހުގެ އަމީން އާންމު ގާނޫނު އަސާސީ އިރާލުން

މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ހައްގެއް އިދާރާއަކަށް ނުއޮންނާނެ

މަޖިލީހުގެ އަމީން އާންމު ގާނޫނު އަސާސީ އިރާލުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަކީ މަޖިލީހުގައި މަރުތަޅު އަޅުވަން ޖެހޭ ކަމެއް ނޫނެވެ. މަޖިލީހުގެ ރައީސަކީ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް އެ މަގާމުގައި ބައިންދާފައި އިންނަ މީހެކެވެ. މަޖިލީހުގެ ރައީސް ވަކިކުރުމުގެ ބާރުވެސް އޮންނަނީ މަޖިލީހުގެ މެންބަރުންނަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ލިބުމުން ގަރާރު މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި ގަރާރުގެ ނޯޓިސް މަޖިލީހުން ރައީސަށް ދޭންޖެހެއެވެ. ނޯޓިސް ދޭ ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ޖެހެއެވެ. މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ގަވައިދުގައި ބުނަނީ މަޖިލީހުގެ ނައިބު ރައީސެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން 49 މީހުނަށް ފެނިގެން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމުން ގަރާރު މަޖިލީހަށް ލިބުނުތާ ތިން ދުވަސް ތެރޭގައި ގަރާރުގެ ނޯޓިސް މަޖިލީހުން ރައީސަށް ދިނެވެ. ނޯޓިސް ދިން ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އައި ރަސްމީ ބަންދު ނޫން ދުވަހު (29 އޮކްޓޯބަރ 2023ގައި ) މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މެންބަރުންނަށާއި ރައީސަށް ނޯޓިސް ފޮނުވިއެވެ. މަޖިލީހުގެ އެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމުގައި ގަވައިދުގައި ބަޔާންކޮށްފައި އޮތުމުގެ ބޭނުން ވަރަށް ސާފެވެ. އެއީ މަޖިލީހުގެ ރައީސަށް ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔަސާތު ނުބެލެހެއްޓޭނެކަން ޔަގީން ކޮށްދިނުމެކެވެ. އެވާހަކަ ގަވައިދުގައި ބަޔާން ކޮށްފައި އެވަނީ އެ ޖަލްސާގެ ރިޔާސަތު ރައީސް އިނދެގެން ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ރައީސަށް ނުލިބޭނެ ކަން މެންބަރުންނަށް ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ.

މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭ ނައިބުރައީސް، ޖަލްސާއަށް ސަލާން ބުނެ ޖަލްސާއަށް ހާޒިރެއް ނުވެއެވެ. ނައިބު ރައީސް އެ ޖަލްސާއަށް ހާޒިރުނުވި ނުވުމަކީ ސަބަބަކަށް ހަދާ މަޖިލީހުގެ ޖަލްސާ ކެންސަލްކުރި ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެކެވެ.  

ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެގެން ނައިބު ރައީސް ހާޒިރު ނުވުމުން ޖަލްސާ ކެންސަލް ކުރިއިރު ނޯޓިސް ދިން ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހު އޮންނަ ޖަލްސާއަށް ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅަން ޖެހޭ ކަމަށް އޮންނަ އޮތުމާ ހިލާފް ވެއެވެ. 

އަނެއް ކޮޅުން މަޖިލީހުގެ ގަވައިދުގައި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭކަމަށް ވަކި މާއްދާއެއްގައި އޮތް ނަމަވެސް ނައިބު ރައީސް ހާޒިރުވެ ރިޔާސަތު ބަލަހައްޓަން ޖެހޭ ޖަލްސާއަކަށް ނައިބު ރައީސް ހަޒިރުނުވާނަމަ ހަދަން ޖެހޭގޮތުގެ ފަރުވާ ގާނޫނު އަސާސީގައި އެބަ އޮތެވެ.   

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ވަރަށް ރަނގަޅަށް އެކަމުގެ ހައްލު ދައްކާދީފައިވެއެވެ. އެ މާއްދާގައިވަނީ " ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ. ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" އެވެ. އެހެން ކަމުން ނައިބު ރައީސް ނެތިގެން ވަކި ދުވަހަކު ބޭއްވުމަށް ގަވައިދު ލާޒިމުކުރާ ޖަލްސާއެއް ނުބާއްވާ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ހައްގެއް މަޖިލީހުގެ އިދާރާއަކަށް ނުއޮންނާނެއެވެ. މަޖިލީހުގެ ރައީސް ވަކިކުރާ ގަރާރު ހުށަހަޅަން ޖެހޭ ޖަލްސާ ނުބާއްވާ މަޖިލީހުގެ އަމީން އާންމު ގާނޫނު އަސާސީ މުގުރާލީއެވެ.