މުއިއްޒު ހުވާކުރެއްވުމަށްފަހު ޔާމީން ޖަލަށް

ރައީސް ސޯލިހު ގާނޫނު ތަންދޭ އެންމެބޮޑަށް މިނިވަން ކޮށްދެއްވައިފި

މުއިއްޒު ހުވާކުރެއްވުމަށްފަހު ޔާމީން ޖަލަށް

ރިޔާސީ އިންތިޚާބް 2023ގެ ރަސްމީ ނަތީޖާއަކީ ހިސާބު ޢަދަދެއް ނޫނެވެ. އެއީ މީހެކެވެ. އެމީހާ އަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުއްލާ ޔާމީން ޢަބްދުލްގައްޔޫމެވެ. ޝަރުޢީ ހުކުމެއް އޮތަތީވެ ނިމިދިޔަ އިންތިޚާބްގައި ވާދަކުރެއްވުމުގެ ފުރްޞަތު ނެތުމުން އެމަނިކުފާނު ބޭނުންފުޅުވީ ޕީޕީއެމުން ވާދަ ނުކޮށް އިންތިޚާބް ބޮއިކޮޓް ކުރުމަށެވެ.

ސަބަބަކީ ޕީޕީއެމުން އެހެން މީހަކު ނުކުމެއްޖެ ނަމަ  އެމަނިކުފާނަށް  އޮތް އިދިކޮޅު ލީޑަރުކަން ގެއްލި އާދައިގެ ގައިދީ އަކަށްވެ ޖަލުގެ 4 ފާރުގެތެރެއަށް ރައީސް ޔާމީން މާޒީވެ ދާނެތީއެވެ.

އެމަނިކުފާނު ވިދާޅުވިގޮތާ ދެކޮޅަށް 3 ހާސް ހަމަނުވާ ޕީއެންސީ ކިޔާ ޕާޓީ އަކުން ފަހުވަގުތު ލޮނދި ހިކައެއްހެން ދެމިގަނެ ޑރ. މުއިއްޒު ރިޔާސީ ޓިކެޓް ހޯއްދެވި ގޮތާމެދު އަދިވެސް ސުވާލު ކުރާ މީހުން އެބަތިއްބެވެ.

މާކުރިން އިލެކްޝަންގެ ފޯމްތައް ފުރާ މުއިއްޒުގެ ސޮއިކޮށް ތައްގަނޑު ޖެހުމަށް ފަހު ތައްގަނޑުތަށް ވެސް ގެއްލުނު ވާހަކައެވެ. 

އަދުރޭގެ އިތުރަށް މިކަންކަން ހިންގުމުގެ އަޑީގައި ތިބީ ފުލުހުންނާ ސިފައިންގެ މަތީ ރޭންކް ތަކުގައި ކުރިން އުޅުނު އޮފިސަރުން ކަމަށް ކިޔައެވެ.

ރައީސް ޔާމީން އޮންނެވީ ޖަލުގައެވެ. އެކަމަކު އެމަނިކުފާނު އެވެނި މިވެނިހެން އަންގަވައިފިއޭ ކިޔައިގެން ޕީޕީއެމްގެ ޢާންމު މެމްބަރުންނަށް އެތައް ވާހަކަ އެއް އޭރު އަންގަމުން ދިޔައެވެ. އަދި އަދަށް ވެސް ނޭނގޭ ކަމަކީ އެއިން އެއްވެސް ވާހަކައެއް ރައީސް ޔާމީނު އެންގެވިތޯ ނުވަތަ ނޫންތޯއެވެ. ވީނުވީ ސާފުވިއިރު ނައިބު ރައީސް ސެންބެ ވެސް ހުރީ ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ސޮއި ކުރުވާފައެވެ. 

ކެމްޕޭން ހިނގިއިރު އެންމެ ބޮޑު ފޮޓޯ ހުރީ ރައީސް ޔާމީންގެއެވެ. އެންމެ ގިނައިން ކިޔަނީ އެމަނިކުފާނު ނަންފުޅެވެ. އެންމެ ގަދަ ކުލައަކީ ފިޔާތޮއްޓެވެ. ފަހު ދުވަސްކޮޅު ދެތިން ފަހަރު މެޑަމް ފާތުންގެ މޫނުފުޅު ފެނުނު ގޮތުން ވެސް ލައްކަ ގޯސް އަޑީގައި ހިނގާ ކަމަށް ޝައްކު ވާހާ ވެއެވެ.

ކޮންމެ ގޮތެއްވިޔަސް ތާއީދު އޮތީ ރައީސް ޔާމީނަށް ކަން މަންޒަރު ތަކުން ސާފުވެއެވެ. ވީމާ މުއިއްޒުގެ އަނގައިގަ އެއްބައި އޮއްވާ ރައީސް ޞޯލިޙް އެވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. އެކަމަކު އެމަނިކުފާނަކީ ދިރިހުރި މީހަކަށް ވެސް ނުވިއެވެ. ރައްޔިތުންގެ ތާއީދު އޮތް ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ދެން ދެއްވޭނެ އެންމެ ބޮޑުލުއި ރައީސް ޞޯލިހް އެވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ. އެއީ ގޭބަންދުން ރަށުބަންދަށް އެމަނިކުފާނު ވީއްލެވުމެވެ.  

ވެރިއެއްގެ ގޮތުގައި ޕީޕީއެމް މެމްބަރުންގެ އިޙްސާސް ތަކަށް ރައީސް ޞޯލިހަށް އިހްތިރާމް ކުރެއްވޭނީ އެވަރަކަށެވެ. ސްމޫތު ޓްރާންސިޝަން އަށް ޖާގަ ދެއްވުމަށްފަހު ނޮވެމްބަރ 17 ގައި އެ މަނިކުފާނު ރައީސް ކަމުން ވަކިވެ ވަޑައިގަންނަވާނެއެވެ. އޮތް ބިރަކީ އޭގެ ފަހުން ރައީސް ޔާމީން އަނބުރާ ގޭބަންދަށް ނުވަތަ ޖަލަށް ގެންދާނެ ކަމުގެ ބިރެވެ. 

ކުރާނެކަމެއް ނެތެވެ. ރައީސް ޞޯލިހަށް ގާނޫނުން ތަންދޭ އެންމެ ބޮޑަކަށް ރައީސް ޔާމީން މިނިވަން ކުރައްވައިފިއެވެ.