އިދިކޮޅުން ހަދަނީ ބުހުތާން ދޮގު: ރައީސް
އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ
ރާއްޖޭގައި އިންޑިއާ ސިފައިން މިލިޓަރީ ހަރަކާތުގައި އުޅޭކަމަށް ބުނެ އިދިކޮޅުން ހަދަނީ ދޮގުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އިންޑިއާ މިލިޓަރީ ހަރަކާތެއް ހިންގާ ކަމަށް ޝައްކުވާ ކޮންމެ ތަނެއް ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ރޭގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ސޯސަސް ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބޭ ވާހަކައަކީ މުޅިން ބުހުތާނު ދޮގޮ ވާހަކައެއް ކަމަށެެވެ. އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީން ރައީސް ދެއްވިއެވެ.
އިންޑިއާގެ މިލިޓަރީ ހަރަކާތް ހިންގާކަމަށް ޝައްކު އުފައްދާ އުތުރު ތިލަފަޅުކަމުގައި ވިޔަސް ކައްދޫ އެއާޕޯޓު ކަމުގައި ވިޔަސް ހަނިމާދޫ ކަމުގައި ވިޔަސް ޝައްކުނުކުރައްވާ ވަޑައިގެން ބައްލަވަން ރައީސް އެދިވަޑައިގަތެވެ. އެއިން އެއްވެސް ތަނެއްގައި އެކަހަލަ ބޭނުމަކަށް އެއްވެސް ގައުމެއްގެ އެއްވެސް މީހަކު ނުތިބޭނެ ކަމަށް ޔަގީން ކަމާއެކު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ބަސް ކިއޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭން ކަންކަން ނިންމާނީ މި ގައުމަށް އެންމެ ފައިދާާ ހުރި ގޮތަށްކަމަށާއި ރާއްޖޭގެ ސިޔާސަތަކީ ރާއްޖެ ގަބޫލުކުރާ އުސޫލުތަކުގައި ދަމަހައްޓާ ހުރިހާާ ގައުމަކާ އެކީގައި ހަމަހަމަ ކަމާއެކީގައި ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިއުންކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ގުޅުން ކަނޑާލައިފައި ހުރި އެތައް ގައުމަކާއެކު މި ސަރުކާރުން އަލުން ގުޅުން ގާއިމުކުރި ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.