އިހުތިޖާޖަށް އައްޑޫ ތެދުވާންވީ ވަގުތު ޖެހިއްޖެ
މުއިއްޒު ކުރަހާވލި ސޮޔަކުން އައްޑޫން ސަވާހިލި ގެއްލިއްޖެ
އައްޑޫގައި ރައީސް ސޯލިހު ފައްޓަވާފައިވާ ވަށާޖެހޭ ތަރައްގީގެ މަޝްރޫއުތައް އެކި ގޮތް ގޮތަށް އަނބުރާލައްވައިގެން ރައީސް މުއިއްޒު ވަނީ ލަސްކޮށް ފަސްކޮށް ހުއްޓުވާފައެވެ. ކަންކަން ކުރިއަށް ނުކަނޑާނެހާ ގޮތަކަށް އެ މަޝްރޫއުތައް ވަނީ އަގަޑަ ބަގަޑަ ކޮށްފައެވެ. ޓޫރިޒަމް ޒޯނާއި ހަންކެޑެއާއި އެއަރޕޯޓާއި ވިޔަފާރި ބަނދަރާއި މަގުތައް ތަރައްގީކުރުމާއި ފެނާއި ނަރުދަމާ ފަދަ ވަށާޖެހޭ ގޮތަށް ތަރުތީބުކޮށްގެން ހިންގަންފެށި މަޝްރޫއުތަކަށްވެފައި އޮތްގޮތް އައްޑޫ ރައްޔިތުންނަށް ފެންނާނެއެވެ. އައްޑޫ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރައި ދިއުމަކީ ރައީސް މުއިއްޒަށް ގަބޫލުކުރެއްވޭ ވަރުގެ ކަމަކަށް ނުވާކަން ސާފުވާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޝައުގުވެރިވާ ގޮތަށް ސަވާހިލި ތަރައްގީކޮށް، އެތަން ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލުން ވެސް ރައީސް މުއިއްޒަށް ހަޖަމެއް ނުކުރެއްވުނެވެ. ރައީސް އޮފީހުގެ ކޮޓަރިކޮޅުގައި މާލޭގައި ރައީސް މުއިއްޒު އިންނަވައި ގަލަމު ތުޑުން ކުރައްސަވާލެއްވި ސޮޔަކުން އައްޑޫ ސަވާހިލި އެވަނީ އައްޑޫ ރައްޔިތުންގެ އަތުން ފިރުކައިގެންފައެވެ.
ރައީސް މުއިއްޒު އެވަނީ އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރައްވާފައެވެ. ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ސަވަހިލު އެވަނީ ގެންދަވާފައެވެ. އެކަމަކު ސަވާހިލި އަކީ އައްޑޫ ސިޓީގެ ބިމެކެވެ. ސަވާހިލީގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަންވާނީ އައްޑޫ ސިޓީ ކައުންސިލްގައެވެ. ރައީސް އޮފީހުގެ ދަށަކު ނޫނެވެ.
ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްލުމުން އައްޑުއަށް ސަވާހިލީން ލިބޭނެ އެއްޗެއް ނުއޮންނާނެއެވެ. ސާވާހިލީން ލިބޭހާ ފައިސާއެއް ދާނީ ސީދާ މާލެއަށެވެ. ސަވާހިލީން ލިބޭ މަންފާ އައްޑުއަށް ނުލިބި ވަދެގެން ދާނީ އެމްއެމްއޭއަށެވެ.
އައްޑޫން ގޫގުލްއަށް ދިން ބިމާ މެދުވެސް ރައީސް އަމަލުކުރެއްވީ ހަމަ އެފަދައިންނެވެ. ގޫގުލްއިން ދައްކާ ކޮންމެ ޑޮލަރެއް އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓަށް ވަނުމުގެ ބަދަލުގައި ވަންނަނީ ސީދާ އެމް.އެމް.އޭ އަށެވެ. މިހާރު ސަވާހިލި އަށް ވެސް ކުރިމަތި އެވީ ހަމަ އެފަދަ ލޫޓުވުމެކެވެ. މިހާރު މަނީޓަރީގައި ހުންނަ ފައިސާއެކޭ ރައީސް މުއިއްޒުގެ ފައިކޭޓްގައި ހުންނަ ފައިސާއެކޭ ތަފާތެއް ނެތުމުން އެ ފައިސާ ހަރަދު ވެގެން ދާނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތްގޮތަށެވެ. އައްޑޫ ސިޓީއަށް ސަވާހިލީން ލިބޭނެ އެއްޗެއް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
އެހެން ކަމުން އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރި ނިންމުން އަނބުރާ ގެންދަންދެން އައްޑޫ ސިޓީގެ ރައްޔިތުން މެދުނުކެނޑި އިހުތިޖާޖު ކުރަންޖެހެއެވެ. އައްޑޫ ސިޓީއަށް ސަވާހިލި ހޯދުމަށް އައްޑޫ އެންމެހާ ރައްޔިތުން އެއްގަލަކަށް އަރަންޖެހެއެވެ. ސަވާހިލީގެ ކަންތައް އެ ގޮތަށް ދޫކޮށްލައިގެން ނުވާނެއެވެ. ވަރުގަދަ ދެމެހެއްޓެނިވި އިހުތިޖާޖުތަކަކަށް އައްޑޫސިޓީ ތެދުވާންވީ ވަގުތު ޖެހިއްޖެއެވެ.


