ބަނގުރޫޓްނުވެ އޮތީ މުއިއްޒުގެ މޮޅުކަމަކުން ނޫން - އިންޑިއާގެ ހެޔޮކަމުން

ބަނގުރޫޓްނުވެ އޮތީ މުއިއްޒުގެ މޮޅުކަމަކުން ނޫން - އިންޑިއާގެ ހެޔޮކަމުން

ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭޓިންގ އެޖެންސީ އަކުން ރާއްޖޭގެ ރޭޓިންގ ކުޑަތަންފުކެއް މައްޗަށް ޖައްސާލުމުން މިތިބަވާވަރެއް ދޮތައެވެ. ސަރުކާރަށް މާ ބޮޑު ކާމިޔާބީއެއް ހޯދާދެވިގެން ދަތް މައްޗަށް ތުންނާރާ ބައިސާ ކަނޑަމުން މުޅި ސަރުކާރު މޮޔަގެރި ހެދިގެން އުޅޭއިރު ރާއްޖޭގެ ހަގީގީ ހާލަތު އޮތީ އުފަލުން ލަވަކިޔާ ނެށޭ ހިސާބަކު ނޫނެވެ. 

އިންޑިއާއިން ކަރަންސީ ސްވެޕް މިފަހަރުވެސް ނުދިންނަމަ ހެދޭނެ އެއްވެސް ގޮތެއް މުއިއްޒަކަށް ނެތެވެ. ކޮންމެ މަސްލަހަތެއްގައި ނަމަވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށް ނުދިންނަމަ ޗާޕްނުކުރަމޭ ހިކުމަތު އަމަލޭ ވާރުތަ ދަރަންޏޭ ކިޔައިގެން ފޮނުއަރުވާކަށް ފުރުސަތެއް ނުލިބުނީހެވެ. ފިޗް ރޭޓިންގ ހަގީގަތް އެނގޭ އެކަކުވެސް ހިތްހަމަ ޖައްސާލެވޭވަރުގެ ކުރިއެރުމެއް ރާއްޖެއަކަށް ނުލިބެއެވެ. 

ކުރީގެ ރައީސް ޔާމީނު ވިދާޅުވާހެން ފިޗްގެ ރޭޓިންގައި ސީ ގިނަ ވުމަކީ ރޭޓިން ކުރިއަށް ޖެހުންކަމަށް ޕީއެންސީއަށް ހީވިޔަސް ދަރަނި ދެއްކުމުގެ ހިރާސް ނެތިދިޔުމެއް ނޫނެވެ. ދަރަނި އަދާ ނުކުރެވިދާނެ ކަމުގެ ބިރު އަދިވެސް ވަރަށް ބޮޑަށް އެބައޮތެވެ. ފިޗުން ފާހަގަ ކުރާހެން އަވައްޓެރި އެހީދޭ ގައުމުތަކުން އަޅާ ނުލައިފިނަމަ ދަރަނި އަދާކުރެވޭހެ ގޮތެއް އަދިވެސް ނެތެވެ.

ރާއްޖޭގެ ތަޖުރިބާ ކާރު އޮޑިޓަރ އިސްމާއީލް ޒަރިޔަންދު ވެސް ވަނީ ރާއްޖޭގެ ބަޖެޓްގެ ހާލަތު 2023 އިން 2026 އޮތްގޮތް ރަސްމީ ތަފާސް ހިސާބުތަކާ ހަވާލާދެއްވާ މީހަކަށް އެއްޗެއް ވިސްނޭނެ ވަރަށް ހާމަކޮށް ދެއްވާފައެވެ.   

ޒަރިޔަންދު ހާމަ ކުރައްވާފައިވާ 2023 އިން 2026 ގެ ބަޖެޓް  ހަގީގަތް: 

⬅️އާމްދަނީ/އެހީ: 145.5 ބިލިއަން 

⬅️ހަރަދު: 180.1 ބިލިއަން 

⬅️ޑެފިސިޓް: 34.6 ބިލިއަން 

⬅️ދަރަނި އަދާކުރަން : 23.2 ބިލިއަން 

⬅️ނެގި ދަރަނި: 66.9 ބިލިއަން 

ދަރަނީގެ ހާލަތު:

ބަޖެޓުގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2024 އިން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް، މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ޒަރިޔަންދު ވިދާޅުވެއެވެ.

ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު އިންތިހާ ދަރަަޖައަށް އޮއްވާ މުއިއްޒުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރޭޓިން މައްޗަށް ޖެހެލުމުން ފޮނިކަނޑާ އޮޅުވާލަން ރައްޔިތުންގެ ލޮލުގައި އަނދުން ނާޅުވާށެވެ. ބޭރުން އޮފުކުރިޔަސް އެތެރެ ފޮރިބޮއެ ހުސްވެފައިވާ އެއްޗެއް ޗިސްޗިސް ވާނީ ކުއްލިއަކަށެވެ. ޢެރަކުން ކުރާނެކަމެއް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. މިހާރުވެސް ރާއްޖެ ބަނގުރޫޓްނުވެ ހިފެހެއްޓެނީ މުއިއްޒުގެ މޮޅުކަމަކުންނޫނެވެ. އިންޑިއާގެ ހެޔޮކަމުންނެވެ.