ވެރިކަމަކީ ކުރާނެ ކަމެއް ކުރަންދޭ ލައިސަންސެއް!
ގޮށްމުށު ވެރިކަމަކަށް މުއިއްޒު ދޮންކުރަނީ
ރައީސް މުއިއްޒުގެ އަމަލުތައް ހުރިއްޔަކީ ބަޔަކު އަޅާނުލާ ތިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ފަސް އަހަރަށް ރައީސް ކަމަށް މީހަކު ހޮވުމަކީ އެމީހަކު ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރަން ދޫކޮށްލާފައި ބަހައްޓަން ޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުން މުއިއްޒު ވެރިކަމަށް ހޮވީ ގާނޫނަކަށް ގަވައިދަކަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކަށް ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތި ވެރިކަން ކުރާކަށް ނޫނެވެ.
ވެރިކަމެއް ލިބިފައި އޮތަކަސް ހަޔާތެއް ގޮތެއް ފޮތެއް އޮންނަންވާނެއެވެ. ދައުލަތުގެ އެހެން ބާރުތަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ. ކޮންމެ ކަމެއްގައި ދައުލަތާ ޗެލެންޖު ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ލިޔެފައި ނެތުމަކީ ގާނޫނުގައި އޮތް ގޮތާއި ދުނިޔޭގެ ހަމަލަމަޔާ ހިލާފުވާން އޮތް ލައިސަންސެއް ނޫނެވެ.
ވަޒީރުކަމަށް މަޖިލީހުން ރުހުންނުދޭ މީހަކު ވަޒީރަކަށް އައްޔަނު ނުކުރެވޭނެކަމަށް ގާނޫނުގައި ނެތީމާ މަޖިލީހުން ރުހުންނުދޭ މީހުން ކެބިނެޓަށް ލައިގެން ދައުލަތުގެ މުދަލާއި ފައިސާ އެމީހުން ލައްވާ މުއިއްޒު އެބަ ހެދަކުރުވައެވެ. ކުރިއްސުރެ ހިނގަމުން އައި ކަންކަން ބަދަލުކޮށް ރައްޔިތުންނަށް ތަކުލީފުތައް އެބަ ޖައްސައެވެ. އުޝާމާއި ޝަހީމާއި ހައިދަރަކީ އޭގެ މިސާލެވެ. އެމީހުން ލައްވާ ދައުލަތުގެ ކަންކަން މުއިއްޒު ކުރުވަނީ އެހެން އެކަން އެމީހުން ލައްވާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތިގެން ނޯލައެވެ. އެއްޖިންސުން ކައިވެނި ކޮށްގެން ނުވާނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ދިމްޔާތުގައި ކޮޓަރި ކުއްޔަށް ދީގެން ހަށިނުވިއްކޭނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ގާނޫނުގައި ނެތޭބުނެ އެއް ޖިއްސުން ކައިވެނިކޮށްދީ ދިމުޔާތުގައިކޮޓަރި ކުއްޔަށް ދީގެން ހަށިވިއްކަން މުއިއްޒު ފަށަންވީނޫން ހެއްޔެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ސިޔާސީ މަގާމު އުފެއްދުމާއި މީހުންނަށް ސިޔާސީ މަގާމުދޭން މުއިއްޒަށް އިހުތިޔާރު ދީފައި އޮތުމުން ދައުލަތުގެ އާމްދަނީއަކަށް އެހެން އެއްޗަކަށް ބެލުމެއް ނެތެވެ. ކުރާނެ ކަމެއް އިށީންނާނެ ގޮނޑިމޭޒެއް ނެތަސް އަތްގުޅި ނުކާވަރު ބޮޑު މުސާރައިގައި އެތައް ހާސް ބަޔަކަށް ސިޔާސީ މަގާމު ދީނަގަނީއެވެ. ރައްޔިތުންގެ މަޖިލީހަށް އެކަން ހުއްޓުވަން ކުރެވޭ ކަމެއް ނެތްތާ ދައުލަތުން ސިޔާސީ މަގާމު ދެނީ ކިތައް މީހުންނަށް ކަމާއި ކޮންބަޔަކަށް ވެސް ބެލޭނެ އޮތް ކަމަކަށް ނުވެއެވެ.
ރައީސް ނަޝީދު ވެރިކަން ވައްޓާލުން ނިކުތީ މާލޭ ބިމުން ދިވެހި ވިޔަފާރިވެރިންނަށް ބިން ވިއްކައިގެންނެވެ. ރައީސް ސޯލިހު ދެކޮޅަށް އެންމެ ބާރަށް ދެއްކި އެއްވާހަކައަކީ ތިލަފުށިން ބޭރުމީހުނަށް ބިން ހިއްކަން އުޅުމެވެ. އެކަމަކު 99 އަހަރަށް ތިލަފުށިން ބޭރުމީހުނަށް ބިން ވިއްކުން ހަލާލު ކޮށްފިއެވެ. އެކަން ހުއްޓުވާނެ މުއައްސަސާއެއް މަޖިލީހެއް ނެތެވެ.