ހުވަދޫ ވެސް އާރްޓީއެލުން ގުޅާލައިފި

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދޭންފެށީ ހަ ރޫޓަކުން

ހުވަދޫ ވެސް އާރްޓީއެލުން ގުޅާލައިފި

މުޅި ރާއްޖެ ދަތުރު ފަތުރުން ގުޅާލުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ އާރުޓީއެލް ނިޒާމު ރާއްޖޭގެ އުތުރާއި ދެކުނުގައި ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ އިސްކަމެއް ދެއްވާ އެއް މަޝްރޫއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށާއި ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ސަރުކާރުން ފަށާފައިވާ ފެރީގެ ހިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން އާރުޓީއެލްގެ ހިދުމަތް ހއ، ހދ، ށ އަދި ޅ އަތޮޅުގައި ވަނީ ހިންގަން ފަށާފައެވެ. ދުވެލި ބާރު އުޅަދު ތަކުގައި އާރުޓީއެލް ހިދުމަތުގެ ފޮނި މީރުކަން އެ އަތޮޅުތަކުގެ ރައްޔިތުން ދަނީ ހޯދަމުންނެވެ. މިހާތަނަށް ޖުމްލަ 46 ރަށެއް ފެރީ ނިޒާމުން ވަނީ ގުޅާލެވިފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރި ކުރުމުގެ ދަތުރުތައް ހުވަދު އަތޮޅު އުތުރުބުރީއާއި ދެކުނުބުރީގައި އިއްޔެ އެ ވަނީ ފަށާފައެވެ. 19 ރަށް އޮންނަ ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދޭންފެށީ ހަ ރޫޓަކުންނެވެ. އަހުލުވެރި ކުރުމުގެ ދަތުރު ތަކަށް އަދި އެއްވެސް އަގެއް ނުނަގައެވެ. ދަތުރު ތަކަށް އަގު ނަގަން ފަށާނީ 20 ޖުލައި 2023 އިން ފެށިގެންނެވެ. 

ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު 6 ސްޕީޑް ފެރީ ބޭނުން ކުރެއެވެ. ޚިދުމަތް ފުރިހަމަ ވާއިރު ޖުމްލަ 9 ފެރީ ބޭނުން ކުރާނެއެވެ. ހުވަދޫ އަތޮޅުގައި މި ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.