ޢަޒުލް ކުރިޔަސް ނުކުރިޔަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިކިޔާލާ

ކޭޕާރކް މަންޑޭއާ ޑރ. މުއިއްޒަކީ އެއް ހަމައަކުން ޢަމަލު ކުރެވެންޖެހޭ 2 މީހުން

ޢަޒުލް ކުރިޔަސް ނުކުރިޔަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިކިޔާލާ

މެލޭޝިއާ ހައިކޮމިޝަންގައި އެހެން މުވައްޒަފުންނަށް ތުރާކޮށް ބުޑު އަނބުރާފައި މިޒްނާ އުޅުނީ ނިކަން ހަމަ ގަބޫލުކޮށް ގޮތެެއްގައި ހުންނަ  މީހެެއްކަން ދައްކާށެވެ. އެކަމަކު މިޒްނާ އެވަޒީފާގައި ހުރެ ފުއްޕަނީ ބައްޕަގެ ނިވަލުގައި ހުރީމައެވެ. ބައްޕައަކީ އެންމެން ދަންނަ މަވޯޓާ ޝަރީފެވެ. ޝަރީފު އެމްޑީޕީން ވަކިވުމާއެކު މިޒްނާގެ ވަޒީފާއިން ފޫޓެއްގެ މުއްދަތު ދިގުވެެއްޖެއެވެ. އިތުރަށް ގޮތެެއް ވާނީ  އަންނަ މަޖިލިސް އިންތިޚާބުގައި މަރަދޫ ގޮނޑިއަށް ވާގޮތަކުންނެވެ.

މުއިއްޒު އަޒުލް ކޮށްފާނެތީ އެކަމާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަން، ވެރިކަމަށްއަންނަން ވެގެން ކުރިކަންކަމާ މެދު ވިސްނާލީމާ އިދިކޮޅު އެމްޑީޕީއަށް އެނގެންވާނެއެވެ. ކޭޕާރކް މަންޑޭއާ މުއިއްޒުގެ ހުރި ތަފާތު އަންދާޒާ ކޮށްލުމަށް ކުރިއަށް ކިޔާލާށެވެ. 

ކޮރެޔާ މަހުޖަނެއްގެ ލޮލުގައި އަނދުން އަޅުވައިގެން ފައިސާގެ ގޮތުން ނުލާހިކު "ހަންބޯ" ކުންފުންޏެއް ވާވެއްދީ މަންޑޭއެވެ. ހުޅުމާލޭގައި ހަދާ ކޭޕާރކް ރެސިޑެންސްޓްސްގެ ލަގްޒަރީ އެޕާރޓްމަންޓްތަކުގެ ކުރެހުން ތަކާ، ލޯތަރަތަރަ ޖަހައިގެންދާ ވަރުގެ ކޮމްޕިއުޓަރ އެނިމޭޝަން ދިވެހި ކަސްޓަމަރުންނަށް ދެއްކި މީހަކީ ވެސް ހަމަ އޭނާއެވެ. މަންޑޭ އެކަން ކުރީ އޭގެ ފަހަތުގައި އޭނާގެ ބޮޑު އެދުމެއް އޮތީމައެވެ.

ހަމަ އެގޮތަށް މާލޭގެ މޭޔަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު ކިޔާ ބޭފުޅަކު ދިވެހިރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، ގަޔަށްބާރު ޓީޝަރޓްގައި އިންޑިއާ އައުޓް ޖެހިއެވެ. ރާއްޖެ އޮތީ އަވަށްޓެރި އިންޑިއާގެ އަޅުވެތި ކަމުގައޭ ތަކުރާރުކޮށް ރައްޔިތުން ގާތު ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީން ހުންނެވީ ހަރާމް ހުކުމެއްގައި ޖަލުގައި ކަމަށާ، ތިމަން މަނިކުފާނު މިއުޅުއްވަނީ ރައީސް ޔާމީން މިނިވަންކޮށް ރާއްޖެ ހިފައިގެން ތިބި އެތައް ހާސް އިންޑިއާ ސިފައިން ބޭރުކޮށް، "ވިއްކާލި" ކަނޑު އަނބުރާ ހޯދަން ކަމުގެ ފޮޓޯތަކާ އެނިމޭޝަންތައް ރައްޔިތުންނަށް ދެއްކިއެވެ. ނުވިތާކަށް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭނު ކުރެއްވީ ވެސް، ރައީސް ޔާމީނަށް ޚާއްޞަ ހުސްގޮނޑި ކޮޅުވެސް އަރިހުގައި ބަހައްޓައިގެންނެވެ. މިބުނީ ތިމާ ބޭނުންވާ ކަމެއް ޙާޞިލު ކުރުމަށް ކޭޕާރކް މަންޑޭއާ ޑރ. މުއިއްޒު އަމަލު ކުރިގޮތް ނޫން ކަމަކަށް ނުހެދޭނެއެވެ. މިތަނުގައި ކުޑަވެސް ދޮގެއް އިސްވެ ހިނގާއްޖެ ހެއްޔެވެ؟

ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްކެވި މަންޒަރާ ކޭޕާރކް މަންޑޭ ކަސްޓަމަރުންނަށް ދެއްކި އެޕަރޓްމަންޓްގެ ކުރެހުންތަކާ ފޮޓޯތަކާ ތަފާތެއް ނެތެވެ. ހުރިއްޔާ ހުރި ތަފާތަކީ މަންޑޭ މަންޒަރު ދެއްކީ ކޮމްޕިއުޓަރުން އުފައްދައިގެން މަދު އަދަދެއްގެ ކަސްޓަމަރުން ތަކަކަށެވެ. މުއިއްޒު މަންޒަރު ދެއްކެވީ ހަމަލޮލަށް ހޭލާ ތިއްބާ ދިވެހިރައްޔިތުންކުރެ ވޯޓް ހައްގުވާ 2 ލައްކަ 82 ހާހަށްވުރެ ގިނަ ރައްޔިތުންނަށެވެ.

މަންޑޭ ކުރި ކަމަކާ ދެއްކިހާ ވާހަކައަކާ ދަޅަ ދެއްކީ އެޕާރޓްމަންޓްގެ އަވާގައި ބަޔަކު ޖައްސައިގެން މިލިއަން މިލިއަނުން ފައިސާ ހޯދާ ދުނިޔޭގެ އެތަން މިތަނަށް އުދުހި އެފައިސާ ތަޅާ ބުރުވާށެވެ. ފައިސާ ދިން މީހުންނަށް ލިބޭނެ އެޕަރޓްމަންޓެއް ނެތެވެ. ހެދީ ދޮގާ މަކަރާ ޙީލަތެވެ.

ދެން ހުރީ މުޢިއްޒެވެ. ދެއްކި ހުރިހާ ވާހަކަ އާއި ޑްރާމާ އާއި ބެހެއްޓި ހުސް ގޮނޑިއާއި އިންޑިއާ އައުޓް ޖެހި ޓީޝަރޓާ ޗާގޯހަކީ ބޮޑު އޮޅުވާލުމެެއް ކަމާ އަދި  އެއީ މަންޑޭ ބަޔަކަށް ކެހިދިން ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް މުއިއްޒުދިން ކެއްސެއްކަން އެނގިގެން ދިޔައީ މުއިއްޒު ވެރިކަމުގެ ހުވާކުރި ފަހުންނެވެ.

މަންޑޭ ފައިސާ ހޯދި ގޮތަށް މުއިއްޒު ވެރިކަން ހޯދަން ކުޅުނު ހަގީގަތެއް ނެތް ޑްރާމާ ތަކުގައި މުއިއްޒާ މަންޑޭގެ ޢަމަލު ހުރީ ހަމަ އެއްގޮތަކަށެވެ. މަންޑޭ ފައިސާ ހޯދަން ދޮގާ މަކަރު ހެދިގޮތަށް މުއިއްޒު ވެރިކަން ހޯދަންވެސް ހެދީ ހަމަ މަންޑޭ ހެދި ކަހަލަ ދޮގާ މަކަރެވެ.

މަންޑޭއާ މުއިއްޒު ކޮށްގެން ތިބީ އެއް ބާވަތެއްގެ ދެކަންތަކެވެ. އެކަކު ފައިސާ ހޯދާށެވެ. އަނެކަކު ވެރިކަން ހޯދާށެވެ. ކަން މިހެން އޮތް އިރު ބަޔަކަށް މަންޑޭ މާ ގޯސްވެފައި މުއިއްޒު މާ ރަނގަޅުވާން ޖެހޭ ސަބަބެއް ނެތެވެ. މި ދެކަންތައް ތަފާތު ކުރަންޖެހޭ އެއްވެސް ބުއްދީގެ ހަމައެއް އިންސާފެއް ދުނިޔެމައްޗަކުން ނުހޯދޭނެއެވެ. 

ކޭޕާރކް މަންޑޭއާ ޑރ. މުއިއްޒަކީ އެއް ހަމައަކުން ޢަމަލު ކުރެވެންޖެހޭ އެއް ބާވަތެއްގެ މަކަރާ އޮޅުވާލުމާ ހީލަތް ހަދައިގެން އުޅޭ 2 މީހުންނެވެ. ކުރިންވެސް ބުނިހެން އެކަކު ހޯދީ ފައިސާއެވެ. އަނެކަކު ހޯދީ ވެރިކަމެވެ.

ޑރ. މުއިއްޒާ ކޭޕާރކް މަންޑޭ ގެ ޢަމަލު ތަފާތު ކުރާނަމަ މިރާއްޖޭގެ އެއް ވެސް މުއައްސަސާ އެއްގައި ހަމައާ އިންސާފު އޮތްކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެއް ނުފެނެއެވެ.

ރައީސްކަން ހޯދަން ރައްޔިތުންނަށް ކެހިދިން މީހާ އަކީ ކެހި ލިބުނު މީހުންގެ ރައީސް ކަމުގައި ވަންޏާ ފައިސާ ހޯދަން ފްލެޓް ދައްކައިގެން ބަޔަކަށް ކެހިދީގެން ފައިސާ ދިނީމާ އެޕަރޓްމަންޓް ނުލިބުނު މީހުންގެ ފައިސާއަކީ ކޭޕާރކް މަންޑޭގެ ފައިސާއަށް ވެސް ވާން ޖެހޭނެތާއެވެ.