މުއިއްޒަށް އައްޑޫ ގެއްލުނަސް އިހުސާނު އެއްލައެއް ނުލެވުނު

މުއިއްޒަށް އައްޑޫ ގެއްލުނަސް އިހުސާނު އެއްލައެއް ނުލެވުނު

ރައްޔިތުންގެ ރުހުމާ ލޯބި ނެތިގެން ރައްޔިތުންގެ ވިންދާ ގުޅުވާ ވަޒީރަކު ދޫކޮށްލާނެ ނަމަ މުއިއްޒުގެ ހޯމް މިނިސްޓަރ އަލީ އިހުސާން ވަކި ކުރީހެވެ. އެކަމަކު މުއިއްޒަށް އެކަމެއް ނުކުރެވޭނެއެވެ. ކުރާކަށް ނުވެސް ކެރޭނެއެވެ. އަލީ އިހުސާނު ވަކިކުރެވޭ ވަރުގެ ހިތްވަރެއް މުއިއްޒުގެ ނެތެވެ. ރައްޔިތުންގެ ތާއީދު ނެތިގެން މީހަކު އެއްލައިލާނެ ނަމަ އެއްލައިލަންޖެހޭ ފުރަތަމަ މީހަކީ ހޯމްމިނިސްޓަރ އިހުސާނެވެ.  

ވަޒީރަކު ވާނެ އެންމެ ބޮޑަކަށް އިހުސާނު އެހުރީ ސިޔާސީ ގޮތުން ފޭލިވެފައެވެ. މީހެއްގެ ސިޔާސީ ކާމިޔާބަކީ އެމީހަކު ނިސްބަތްވާ ތަނެއްގެ ރައްޔިތުންގެ ތާއީދާ ލޯބި އޮތުމެވެ. އޭގެ މިސާލަކީ މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ސްޕޯޓްސް މިނިސްޓަރ ރާފިއުއެވެ. ރާފިއު ނިސްބަތްވާ އއ. އުކުޅަހަކީ ޒަމާނުނއްސުރެ އެމްޑީޕީގެ މިސާލީ ސަޕޯޓް ބޭހެކެވެ. އެރަށުން އެމްޑީޕީ ފެއިލްކުރުމަކީ މީގެކުރީން ދުވަހަކުވެސް ވީކަމެއް ނޫނެވެ. އެކަމަކު އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުދީ އުކުޅަހުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ނެގުނީ ރާފިއުގެ ސްމާޓް ކަމުންނޭ ބުނެވެން އެބައޮތެވެ. އެހެނެކޭ ކިޔާ އިހުސާނަށް ދެއްކޭނެ ސިޔާސީ ކާމިޔާބެއް ނެތެވެ.

އައްޑު އަތޮޅަށް ނިސްބަތްވާ މުއްސަދި ވަޒީރެއް ކަމުގައިވާ އިހުސާނު ބޮޑު ދެ ބައްޔަކުން ސިޔާސީ ގޮތުން ވަނީ އައްޑޫން ބަލިވެފައެވެ. ހަނދާން ހުންނާނެއެވެ. އިހުސާނުގެ ދެބަފައިން މިދިޔަ އަހަރު ހޭވައްޓާލާފައި އުޅުނީ ފޭދޫ އައްޑޫ ސިޓީން ވަކިކުރާށެވެ. އައްޑޫ ސިޓީން ފޭދޫ ވަކުކުރަން އިހުސާނު އިސްވެހުރެ ކުރިހާ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ފޭދޫ ރައްޔިތުން ބުނީ ނޫނެކޭއެވެ. ފޭދޫ ރައްޔިތުންގެ އެބުނި ނޫނެކޭ ބުނުމަކީ އިހުސާނަށް ފޭދޫ ރައްޔިތުން ބޮޑުތަނުން ބުނި ނޫނެކޭ އެކެވެ. 

އިހުސާނަށް ފޭދޫ ރައްޔިތުން ނޫނެކޭ ބުނެފައި އޮއްވާ ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި އައްޑޫސިޓީން އިހުސާނު ފޭލިވެފައިވާކަން ރީތިކޮށް ދައްކާދީފިއެވެ. އިހުސާނު އާރާ ބާރުގައި ހުރެގެން ރައީސް މުއިއްޒާއި މުއިއްޒު ސަރުކާރު އައްޑޫން ފެއިލްވުމަކީ އިހުސާނު އަމިއްލައަށް އިސްތުއުފާދޭން ޖެހޭވަރުގެ ވެއްޓުމެކެވެ. ލަދެކެވެ. 

ޕީއެންސީއަށް ވަގުފޯމު ފުރައިގެން މެންބަރުން ވައްދާ ޕާޓީގެ ޑެޕިއުޓީއަކަށް ވުމަށް އިހުސާނު ކުރި މަސައްކަތުގައި ޕީއެންސީއާއި ސަރުކާރާއި މުއިއްޒާ ބަރަހަނާވެ އަގުވެއްޓި ދިޔުމުންވެސް އިހުސާނަށް ވީކަމެއްނެތެވެ. އިހުސާނު ބޭނުންވުމުން އިމިގްރޭޝަން ކޮންޓްރޯލަރ ޖަލަށްލާ، އެކީގައި އުޅުނު ރިޓަޔަޑް ކޮލީގު އިމިގްރޭޝަނަށްލާ، އިހުސާނުގެ ރިޓަޔަޑް މިތުރުން އެސްއޯއީ ތަކުގެ ވެރިންނަށް އައްޔަނުކޮށް ދިނުން ނޫންގޮތެއް މުއިއްޒަށް ނެތުނެވެ.

ސަރުކާރު މުއައްޒަފުންނަށް މުސާރަ ނުދެވިގެން ބޭންކުތަކުން ނަގާ ކުރުމުއްދަތުގެ ދަރަނި ސަރުކާރުން އަބުރާ ބޭންކްތަކަށް ނުދެއްކުނީމާ ދަރަނި ދައްކާދޭން މެދުވެރިވާ މީހާ ވަކިކުރާނީ ކިހިނެއް ހެއްޔެވެ. ދާދި ފަހުންވެސް ސަރުކާރަށް ބޭންކް އޮފް ސިލޯނުން ނެގި ދަރަންޏެއް މުއްދަތަށް ނުދެއްކުނީމާ އެފައިސާ ދައްކާދިނީ ހެޕީ މާކެޓަށް އެ ބޭންކުން ލޯނެއް ނަގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ރައްޔިތުންގެ ރުހުން އޮތަސް ނެތަސް ކިތަންމެ ބޮޑު ފޭއްޔަކުން އިހުސާނު ސިޔާސީ ގޮތުން ފޭލިވިޔަސް މުއިއްޒަކަށް އިހުސާނު ވަތްކެއް ނުކުރެވޭނެއެވެ. ބުނާހާ ގޮތެއް ހަދާނުދީ ވެސް ފަރަކު ނުޖެއްސޭނެއެވެ. އެއަށް ވުރެ ބޮޑަށް މުއިއްޒު ހުރީ ހެޕީމާކެޓް ދަށުވެ ފިތިފައިކަމަށް ކިޔާއުޅެއެވެ. ބޮޑު ދައުލަތެއް ވަކިވަކި ފަރުދުންގެ ދަށުވީމާ ނުވެނުދާނެ ހުރިހާކަމެއް ރާއްޖެއަށް މިދަނީ ވަމުންނެވެ.