މުނޫ އާއިއެކު އެއްދާން ކުރަންވެސް ކަމުހިގައްޖެ!
އިންޑިއާ އައުޓަކީ ނެގޯޝިބްލް ކަމަކަށް ވެއްޖެ
ރާއްޖޭގައި އިންޑިއާ ސަފީރަކަށް މިއަދުވެސް އެހުންނެވީ މުނޫ މަހާވަރެވެ. ރައީސް މުއިއްޒު ސަރުކާރުގެ ވަޒީރުން އިންޑިއާ ސަފީރާ ހޭނު ބަހައްޓާ އެގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. ހޮދު ސަފީރު އިސްނަވައިގެން ވެސް ބައްދަލު ކުރެއްވުންތައް އެބަ ބޭއްވެއެވެ.
އިންޑިއާ ސަފީރާއި ރައީސް މުއިއްޒާއި ބައްދަލު ކުރައްވައިފިއެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނާއި އިންޑީއާ ސަފީރު ބައްދަލު ކުރައްވައިފިއެވެ. ހާރިޖީ ވަޒީރު މޫސާ ޒަމީރާ ވެސް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބައްދަލު ކުރައްވައިފިއެވެ. ދާހިލީ ވަޒީރު އަލީ އިހުސާނާ ވެސް އިންޑިއާ ސަފީރު ބައްދަލުކުރައްވައިފިއެވެ.
ހަމަ ތެދެކެވެ. އެއީ ހަމަ އެ މުނޫ މަހާވަރެވެ. ދިވެހި ރާއްޖޭގެ ދިފާއީ މައި މަރުކަޒަށް ދާދިފަހުން ކާރުކޮޅުގައި ވެންނެވި އިންޑިއާ ސަފީރު މުނޫ މަހާވަރެވެ. ރައީސް ސޯލިހު ވެރިކަމުގައި ރާއްޖެއަށް ހާސްހާހުން އިންޑިއާ ސިފައިން އަރުވައިގެން ރާއްޖެ އަޅުވެތިކުރަން އުޅުނުކަމަށް ތުހުމަތު ކުރި މުނޫ މަހާވަރެވެ. ރާއްޖޭގެ ނޫސްތަކަށް ފައިސާދީގެން އޮބަހައްޓައިގެން އުޅުނު ކަމަށްކީ މުނޫ މަހާވަރެވެ. އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭހެއް ގާއިމުކުރަން އުޅުނު ކަމަށް ބުނި މުނޫ މަހާވަރެވެ. އައްޑޫގައި އިންޑިއާ ސިފައިންގެ މަރުކަޒެއް ހަދާ އެތަނަކީ ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ތަނަކަށް ހަދައިގެން އިސްކޮށް އުޅުނު މުނޫ މަހާވަރެވެ. ކައްދޫގައި އިންޑިއާ އަޝްކަރީ ފައުޖުތައް ރުކުރުވާލި މުނޫ މަހާވަރެވެ. ތިލަދުން މަތީ ހަނިމާދޫ އިންޑިއާ ސިފައިންގެ އަޝްކަރީ ބޭހަކަށް ހަދަން އުޅުނު މުނޫ މަހާވަރެވެ. ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގައި އިންޑިއާގެ އަޝްކަރީ ސިފައިންގެ ބޭސްތައް ހަދައިގެން ރާއްޖެ އަޅުވެތި ކޮށްގެން ގެންގުޅެން އުޅުނު މުނޫ މަހާވަރެވެ.
މިއްޔަކީ މަށަކު ދައްކާ ވާހަކައެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އައުމަށް އުޅުނު އިރު އިދިކޮޅުގައި ތިބި އިރު ދެއްކި ވާހަކައެވެ. އެ ވާހަކަ ތަކުން ރާއްޖޭގެ ރައްޔިތުން ބިރުގެންނެވި ވާހަކަތަކެވެ. ގައުމީ ސަލާމަތެއް ބައިނަލް އަގުވާމީ ގުޅުމެއް ވެރިކަމަށް އާދެވިއްޖެނަމަ ވެދާނެ ގޮތަކާ މެދު ފިކުރެއް ހިޔާލެއް ނެތި އިދިކޮޅުގައި ތިބެގެން މުއިއްޒުމެން ކާޅަށް ކޮށާ ކާންދިން ޑިޕްލޮމޭޓަކީ އިންޑިއާގެ ސަފީރު މުނޫ މަހާވަރެވެ. ކަމަކީ އެއީ ސިޔާސީ ކަމެކޭބުނެ ހަމަޖައްސާލެވޭ ވަރަށްވުރެ މާ ހައްސާސު ކަމެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލޭ ވަރަށް އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށްފައި ވާކަމަށް ބުނަމުން ދިޔަ މީހުން މިހާރު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. މުއިއްޒުމެން އެބުނި ވަރަށް އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށްފައި އޮތުމުން، ހުވާކޮށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒުރުކޮށް ޑިޕޮލޮމެޓިކް އިމްތިޔާޒު ތަކުން ބޭރުކޮށް ސަފީރު މުނޫ މަހާވަރު އަނބުރާ ގައުމަށް ފޮނުވާލުމެވެ. އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭނީ އޭގެ ފަހުންނެވެ. ވެރިކަމަށް އައުމުގެ ކުރީން މުއިއްޒު ވިދާޅުވިހެން އިންޑިއާ އައުޓް ކުރުމަކީ " ނަން ނެގޯޝިބްލް" ކަމެކެވެ.
އެހެނެއް ކަމަކު ވެރިކަން ލިބުމާއެކު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ކުރިން ބުނި އެތި ކެންސަލް ވެއްޖެއެވެ. އިންޑިއާ އައުޓަކީ ނެގޯޝިބްލް ކަމަކަށް ވެއްޖެއެވެ. ވަޒީރަކަށް ފަހު ވަޒީރެއް އިންޑިއާ ސަފީރު މުނޫ މަހާވަރާ އެކު އެއްދާން ކުރަންވެސް ކަމުހިގައްޖެއެވެ.