އަލީ ސަމީހު ދަރަވަންދޫ ހިންގީ ރައްޔިތުން ބޭނުންވި ގޮތަށް
ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު ވަރަށް އާދަޔާ ހިލާފު ނަތީޖާތަކެއް އަންނަނީ ދައްކަމުންނެވެ. އެ ގޮތުން ބ.އަތޮޅު ދަރަވަންދޫއަކީ ވެސް ތަފާތު ދެއްކި ރަށެކެވެ.
ދަރަވަންދޫ ރައްޔިތުންގެ ގިނަ މީހުނަށް މިފަހަރު ސިޔާސީ ޕާޓީތައް ކަމަކު ނުދިޔައެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީން ވަރުގަދައަށް ވާދަ ކޮށްކޮށް ތިއްބާ ކައުންސިލްގެ ތިން ގޮނޑިއާއި ޑަބްލިޔު ޑީސީ ރައީސްކަން ތަފާތު ބޮޑުކޮށް ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި މިނިވަން ކެންޑިޑޭޓުންނެވެ. ނުފޫޒާއި ބާރާއި ސިޔާސީ ދެ ފިކުރަށް އެ މީހުން ބުނީ ނޫނެކޭއެވެ.
ދަރަވަންދޫގެ އިންތިހާބީ ރައީސަކީ މިހާރުގެ ވެސް ރައީސް އަލީ ސަމީހެވެ. އަލީ ސަމީހަކީ ނިމެމުންދާ ދައުރަށް އަމިއްލަ ގޮތުން ކުރިމަތިލައިގެން ހޮވިގެން ރައީސްކަން ކުރަމުން އަންނަ ރައީސެވެ. ކައުންސިލްގެ އަންހެން ގޮނޑި ކާމިޔާބުކުރި ފަރަަހަ އާދަމަކީވެސް ދަރަންދޫ ކައުންސިލްގެ ސިޓިންގ އަންހެން ކައުންސިލަރެކެވެ. ފަރަހަ އާދަމް މިހާރު ކައުންސިލަރެއްގެ ގޮތުގައި ހުރީ އެމްޑީޕީ ޓިކެޓްގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި ވާދަކޮށް ހޮވިގެންނެވެ.
ހިނގަމުންދާ ދައުރުގެ ކައުންސިލަރުންގެ ތެރެއިން އިއްޔެ ބޭއްވި އިންތިހާބުގައި ވާދަކުރީ 3 ކައުންސިލަރުންނެވެ. އޭގެތެރެއިން ރައީސް އަލީ ސަމީހާއި ފަރަހަ އާދަމް ވާދަކުރީ އަމިއްލަ ގޮތުންނެވެ. އަހުމަދު ޒަނީމް ވާދަކުރީ ވެރިކަން ހިންގާ ޕީއެންސީ ޓިކެޓްގައެވެ. އަލީ ސަމީހާއި ފަރަހަ ތަފާތު ބޮޑުކޮށް ގޮނޑި ދިފާއު ކުރިއިރު ޕީއެންސީ ޓިކެޓްގައި ނިކުތް ޒަނީމަށް މަގާމު ދިފާއެއް ނުކުރެވުނެވެ.
އަހުމަދު ޒަނީމު ވާދަކުރި ކައުންސިލްގެ މެންބަރ ގޮނޑި އޭނާއަށް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓުން ތަފާތު ބޮޑު ބައްޔަކުން ބަލިކޮށް އެ ގޮޑިވެސް ކާމިޔާބު ކުރީ އަމިއްލަ ކެންޑިޑޭޓެއް ކަމުގައިވާ އިބްރާހިމް އާސިމެވެ.
އަނެއްކޮޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަން ވެސް ދިޔައީ އެމަގުންނެވެ. ބޮޑު ދެ ޕާޓީގެ މައްޗަށް ކުރި ހޯދައިގެން މަގާމު ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އަފާފަތު އަހުމަދެވެ.
ސިޔާސީ މަސްރަހު އެނބުރި ފުރޮޅެމުން ދާގޮތުން ވަރުގަދަ ވާދަވެރި ސިޔާސީ މާހައުލެއްގައި އަމިއްލަ ގޮތުން ކުރިމަތިލައިގެން މަގާމުގައި ހުރި ސިޔާސީ ޕާޓީއެއް ފަހަތުގައިނެތް ރައީސަކާއި ޕާޓީއެއްގެ ޓިކެޓް ނެތި ކައުންސިލަރަކު ތަފާތު ބޮޑުކޮށް ގޮނޑި ދިފާއުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަންވެގެން އެދިޔައީ އެ މީހުން މަގާމުގައި ތިބެ ރަށް ހިންގީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވި ގޮތަށްކަން ދަލީލުކޮށްދިން ކަމަކަށް ވެގެންނެވެ.




