ކުދި ބޮޑު އެންމެންގެ ލޯބި ރައީސަށް

ބައެއްގެ ހިތަށް ވަރަށް ތަދުވާނެ މަންޒަރެއް

ކުދި ބޮޑު އެންމެންގެ ލޯބި ރައީސަށް

ރަސްމީ ދަނޑުގައި ރޭ ބޭއްވި ހެވިކަމުގެ ހަރަކާތްތައް ނިމުނު ފަހުން ފެނިގެން އެދިޔައީ ބައެއްގެ ހިތަށް ވަރަށް ތަދުވާނެ މަންޒަރެކެވެ. ނަފުރަތާ ފިތުނަ އުފައްދަން ވާދަވެރިން ކުރާއެއްވެސް ކަމަކުން ރައީސަށް ރައްޔިތުންގެ ހިތުގައި އޮތްލޯތްބާއި އިހުތިރާމަށް ކުޑަވެސް އަސަރެއް ނުކުރާކަން ރަމްޒުކޮށްދިން ކަމެކެވެ. މިނިވަން ދުވަހުގެ ޝަރަފްގެ ހިނގާލުމާއި ކުޅިވަރުގެ ހަރަކާތްތައް ނިންމާލި ކަން އިއުލާން ކުރިތަނާ އެ ހަރަކާތްތަކުގައި ބައިވެރިވި ކުދިން ކުއްލިއަކަށް ފެނުނީ ދަނޑު މައްޗަށް އަރަން ފެށި ތަނެވެ.

800 އަށް ވުރެ ގިނަ ސްކޫލް ކުދިން ދަނޑަށް އެރީ ދިވެހި ގައުމީ ދިދަ ވިހުރުވަމުންނެވެ. ގޮސް ހުއްޓެމުން ދިޔައީ ރޮސްޓްރަމްގައި އިށީނދެވަޑައިގެން ތިއްބެވި ރައީސްގެ ދެކަނބަލުންނާ ދިމާލުގައެވެ. ގައުމީ ޖޯޝުން ފުރިފައި ތިބެއެވެ. ލޯތްބާ އިހުތިރާމާ އެކުގައެވެ. އޭރު އަދި އެމްއެންޑީއެފް އިން ޕާފޯމްކުރި ހަރަކާތް ނިންމައި ބައެއް ސިފައިންނަށް ދަނޑުމަތީން ނުފޭބެއެވެ.

ކުޑައިރުކޮޅެއް ފަހުން، ރައީސް ސޯލިހް ވެސް ރޮސްޓްރަމްގެ ސިޑިން ތިރި އަށް ފައިބައިވަޑައިގެން، ކުދިންނާ ދިމާލަށް ވަޑައިގަތެވެ. ދެން ފެނިގެން ދިޔައީ ކުދީން ރައީސް ސޯލިހް ވަށާލައި އެންމެ ކުރިން އެ މަނިކުފާނާ ސަލާމް ކުރެވޭ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާން އުޅޭތަނެވެ. ކުދިންނާ ސަލާމް ކުރެއްވުމުގައި ރައީސް ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވިއެވެ.

ކުރިއަށް ވަޑައިނުގެންނެވޭ ވަރަށް ކުދިންގެ ތޮއްޖެހުން ބޮޑުވެ އަރިސްވަމުން ކުދިންތައް ދިޔަނަމަވެސް ކުދިންނާ ސަލާމް ކުރެއްވުން ރައީސް ހުއްޓާ ނުލައްވައެވެ. އެހުރިހާ ކުދިން ރައީސަށް އެއަދާކުރި ލޯތްބާ އިހުތިރާމް ސިފަ އެކޮށްދެނީ ރައްޔިތުންގެ ހިތުގައި ރައީސެއްގެ މައްޗަށް އޮތް ލޯތްބެވެ. އިހުތިރާމެވެ. ތާއީދެވެ. މިނިވަންކަމުގެ ހަގީގީ އިހުސާސް މިހާރު ރައްޔިތުންނަށް ކުރެވެމުން ދާކަމެވެ. 

މަންޒަރު ފެނުމުން ގިނަ ބައެއްގެ މޫނުން ހިނިތުންވުމާއި އުފާވެރިކަމުގެ ކުލަތައް ފެނުނެވެ. ކެމެރާތައް ހުއްޓިފައިވަނީ އެތާރީހީ ހަދާނުގެ ކުޑަނަމަވެސް ތަސްވީރެއް ކުރަހާލުމަށެވެ. 

ރައީސްގެ ދެކަނބަލުން ރަސްމީ ދަނޑުން ރިޔާސީ ކުރުނީހެއް އެރުވިއެވެ. އޭގެފަހުން ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުން ރައީސަށް ކުރުނީހެއް އަރުވާފައިވެއެވެ. އެހެނެއް ކަމަކު އެންމެ ފަހުވަގުތު ދަރުވަރުން އެ ދައްކައިދިން ލޯތްބާއި އިހުތިރާމުން ލިބިގެން އެދިޔަވަރުގެ އުފާވެރި މެސެޖެއް މަދުންނޫނީ ވެރިއަކަށް ނުލިބޭނެއެވެ.