ދަފްތަރު މީހުންގެ އަޑުއުފުލާދޭނެ މެންބަރަކުނެތް: އަލީ ހުސައިން
މާލޭގެ ރައްޔިތުންނަށް ލިބިގެންވާ ހައްގު ދަފްތަރު މީހުންނަކަށް ނުލިބޭ
ދަފްތަރު މީހުންގެ އަޑުއުފުލާދޭނެ މެންބަރަކުނެތް ކަމަށާއި މާލޭ ދަފްތަރު މީހުން ތަމްސީލުކުރާ ގޮނޑިތަކެއް މަޖިލީހުގައި ހުންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ. އުސްތާޒު އަލީ ހުސައިން އެކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިއަށް އިސްލާހު ގެނައުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށައަޅުއްވާފައިވާ ހުށަހެޅުމަކަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މިއަދުއެވެ. ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރާ މެންބަރުންގެ އަދަދާއި ގުޅޭގޮތުން ހުށައަޅާފައިވާ އިސްލާހެކެވެ.
މާލޭ ހާއްސަ ދަފްތަރުގައި 15000އާއި 20000އާއި ދެމެދުގެ ރައްޔިތުން ޖެހިފައިވާކަމަށާއި ޤާނޫނު އަސާސީގައި ބަޔާން ކުރާގޮތަށް އެރައްޔިތުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވުމުގެ ޙައްޤު ހަމަހަމަކަމާއެކު ލިބެންޖެހޭ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވާގޮތުން މަލޭ ހާއްސަ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް އެމީހުން ނިސްބަތްވާ ވަކި ދާއިރާއެއް ނެތުމުން އެމީހުނަށް މަޖިލީހުގައި ތަމްސީލު ވުމުގެ ފުރުސަތެއް ނުލިބެއެވެ. ދަފްތަރު މީހުންނަކީ ރައްޔިތުންގެ މަޖިލީހުގައި އެމީހުންގެ އަޑުއުފުލުުމުގެ ޙައްޤުން މަހުރޫވެފައިވާ ބައެކެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް އެ މީހުން ކޮންމެވެސް ދާއިރާއަކަށް އެބަ ބަހާލާކަމަށް މެންބަރ އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ. އަލީ ވިދާޅުވަނީ ދަފްތަރު މީހުން ރިޔާސީ އިންތިޚާބުގައި ވޯޓު ދޭން ޖެހެނީ މަޖިލިސް އިންތިޚާބުގައި ވޯޓުދޭ ދާއިރާއަކަށް ނޫނެވެ. ކައުންސިލް އިންތިޚާބުގައި އެމީހުނަށް ވޯޓުލާން ޖެހެނީ މުޅިން އެހެން ދާއިރާއަކަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. ދާއިމީކޮށް އެމީހުންނަށް ތިބެވެންޖެހޭ ދާއިރާއެއް އޮންނަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ގޮނޑިތަކެއް މަޖިލީހުގައި ކަނޑައެޅުމަކީ މިކަމަށް އޮތް ޙައްލުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ވިދާޅުވާ ގޮތުގައި "އީސީއަށް ލިބޭ ބާރެއް އެއީ ދަފްތަރަށް ވަކި ގޮނޑިތަކެއް އުފެއްދުން. މިހާރުން މިހާރަށް ކުރަންޖެހޭކަމެއް އެއީ. ދަފްތަރު ދާއިރާ 1،2،3 މިގޮތަށް ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ދާއިރާތައް މަޖިލީހުގައި އުފައްދަންޖެހެ"އެވެ.
އިންތިޚާބުތަކުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ވޯޓުލެވޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެންއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫޢުތަކުގައި މާލޭގެ ރައްޔިތުންނަށް ލިބިގެންވާ ހައްގު ނުލިބި ވަރަށް ބޮޑަށް ތަފާތު ކުރާކަމަށް ވިދާޅުވެ އުސްތާޒް އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.