ހުރިހާ ގެއްލުމެއް އިންޑިއާއިން ކޮނޑުއަޅަންޖެހޭ ސަބަބެއްނެތް
ހުރިހާ މޮޅެއް ރާއްޖެއަށް އޮންނަ ގޮތަށް އިންޑިއާ ކޮމްޕްރަމައިޒެއް ނުވާނެ
ބައިނަލްއަގުވާމީ މީޑިއާ އަކަށް އިންތިހާބި ރައީސް ޑރ. މުއިއްޒު ބަސްދީގަތުމެއް ދެއްވީ އަލްޖަޒީރާއަށެވެ. އިންތިހާބީ ރައީސް ޑރ. މުއައްޒު ދެއްވި ބަސްދީގަތުމުގެ ބަލާގާތްތެރި ކަމާއި އެ މަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ހުނަރުގެ ފޭރާން ހެޔޮދެރަ ކަމުގެ ވާހަކައަށް ދާކަށް ނެތީމެވެ. އިލްމީ ގޮތުން ބަސްދީގަތުމުގެ މޮޅު ދެރަ މިނެ ކިރާކަށް ވެސް ނެތީމެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި އިންތިހާބީ ރައީސްއަށް ކުރިމަތިވެ ވަޑައިގެން އެންމެ ބޮޑު އެއްސުވަލަކީ އިންޑިއާ އައުޓުގެ ސުވާލެވެ. ބޭރުން ވިޔަސް އެތެރޭން ވިޔަސް ޑރ. މުއިއްޒަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެންމެ ވަރުހުރި އެއްސުވާލަކަށް އިންޑިއާ އައުޓްގެ ސުވާލު ވާނެއެވެ. ވެރިކަން ހޯއްދެވުމަށް އެންމެ ބޮޑަށް ޑރ. މުއިއްޒު ވިއްކެވީ އިންޑިއާ އައުޓެވެ. އެހެންކަމުން އެސުވާލަކީ ތަކުރާރުވޭވޭ ހުންނާނެ ބޮޑު ސުވާލެކެވެ.
އިންޑިއާ އައުޓް ކުރެއްވުމަކީ ޑރ. މުއިއްޒަށް ނުކުރައްވާ ހުންނެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ފަދަ އަގެއް ދައްކަވައިގެންވެސް އިންޑިއާ އައުޓް ކުރައްވަން ޑރ. މުއިއްޒަށް މަޖުބޫރުވެ ވަޑައިގަންނަވާނެއެވެ. ކަމަކީ ހައްސާސް ކަމެކެވެ. ދުވަހެއްގެ އިރު އޮއްސިފައި އިރު އަރަން ވާއިރަށް ކޮށްނިންމާލެވޭ ޒާތުގެ ކަމެއް ނޫނެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއްޔާ ތިބޭނީ އިންޑިއާގެ ވަރަށް ބޮޑު ބޭނުމެއް އޮވެގެންނެވެ. ބޭނުމެއް ނެތި ވައިގެ އުޅަނދުތަކާއި ސިފައިންތަކެއް ފޮނުވާފައި ނުބައިތިއްބާނެއެވެ. އެންމެ ސިފައިންގެ މީހަކުވެސް ސަމާސާއަކަށް ފޮނުވާފައި ނުބަހައްޓާނެއެވެ. އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނެތިގެން ކުރާކަހަލަ ކަމަކަށް އެފަދަ ކަންކަން ނުވާނެއެވެ. އެހެން ކަމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބިނަމަ އިންޑިޔާގެ ހިތުން ރުހުމުން ރާއްޖެއިން އިންޑިއާ ސިފައިންނެއް ނުބާލާނެއެވެ. ގަދަކަމުން އެމީހުން ބޭރުކޮށް ލުމަކަށް ރާއްޖެއަކަށް ކުޅަދާނައެއްވެސް ނުވާނެއެވެ.
ދެގައުމުގެ ގިނަގުނަ މަޝްވަރާ ތަކަކަށް ފަހު އިންޑިއާ ސިފައިން ފަހަރެއްގައި ރާއްޖޭން ބޭލިވެސް ދާނެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއްޔާ އެބަޔަކު އިންޑިއާއިން ބާލާނީ އެންމެ ފަހު ގޮތަކަށެވެ. މަސްލަހަތަށްޓަކާ މަޖުބޫރީ ހާލަތެއްގައި ހިތާ ދެކޮޅަށެވެ. އެހާލަތަކީ އެހާ ފަސޭހައިން އައުން ގާތް ހާލަތަކަށް ނުވާނެއެވެ.
ރާއްޖޭން އިންޑިއާ ސިފައިން ބޭލުމަށް ފަހު އިންޑިއާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކަށް ލުއިހޯދާނެ ކަމަށް ވެސް މުއިއްޒު އެބަ ވިދާޅުވެއެވެ. އަލް ޖަޒީރާއަށް ދެއްވި ބަސްދީ ގަތުމުގައިވެސް މުއިއްޒު އެހެން ވިދާޅުވިއެވެ. ބައެއް ލޯނުތައް މައާފުކޮށް ދޭން ރާއްޖޭން އެދޭނެ ވާހަކައާއި އެހެން ބައެއް ލޯނުތަކަށް ލުއިތައް ހޯދުމަށް އެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތެދެކެވެ. ލޯނު ތަކެއް މާފުކޮށް ދިނުމަށާއި ލޯނު ތަކަކަށް ލުއިތަކެއް ހޯދުމަށް ރާއްޖޭން އެދެވިދާނެއެވެ.
ލޯނު ތަކެއް މާފުކުރުމަށާއި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދަން ކިތަންމެ ވަރަކަށް ރާއްޖޭން އެދުނަސް އެކަންވަނީ އިންޑިއާއިން ކޮށްދިނިއްޔާ ކޮށްދިން އިރަކުންނެވެ. ޑރ. މުއިއްޒު ކިތަންމެ ޔަގީން ކަމާއެކު އެހެން ވިދާޅުވިޔަސް އެ ވާހަކަފުޅު ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ވިދާޅުވާހެން އެކަން ވުމަށްވުރެ ނުވުން ކައިރިކަމަށް ބެލެވެތީއެވެ. އެހެން އެކަންވުން ދުރީ ހުރިހާ މޮޅެއް ރާއްޖެއަށް އޮންނަ ގޮތަށް ކޮންމެ ކަމެއްގައި އިންޑިއާ ކޮމްޕްރަމައިޒްވެ ހުރިހާ ގެއްލުމެއްގައި އިންޑިއާއިން ކޮނޑުއަޅަންޖެހޭ އެއްވެސް ސަބަބެއް ނެތީމައެވެ.