އިންތިގާލީ ތަރުޖަމާނަށް: ބުނާ އެއްޗަކުން ބޮލާފޮށާ އެޅިދާނެ!
މޫސުމީ ބަދަލުގެ ބިރަކީ ދައްކާ އަސްލެއް ނެތް ވާހަކައެއް: ޑރ. މުއިއްޒު
ސްމޫތު ޓްރާންސިޝަންއަކީ ފަސޭހަ އެއްޗެއް ނޫނެވެ. މިފަހަރު ތިޔަކަމެއް ތިޔަހާ ފަށުވިކޮށް ތިޔަ ދަނީ އިންތިޚާބުން ބަލިވި ކެންޑިޑޭޓާ ބަލިވި ޕާޓީގައި ކޮލިޓީ ހުރީމައެވެ. ފިރުޒުލް މޮޅެވެ. އުމުރުން ޅަވެފައި ބަސްމަގު އޮމާން ސާފެވެ. ގުރުއާން ހިތުދަހެވެ. އެކަމު ތިޔަ ނިސްބަތްވެ ހުރި މީހުން ބަލިވި ފަހަރު ވީގޮތް ދުށީމު ހެއްޔެވެ؟ ބަލި ގަބޫލު ކުރުމަށް ފަހު އަނެއް ދުވަހު ތެޅި ފޮޅިގަނެ ކޯޓަށް ދިޔައެވެ. މަތީގައި ޖެހި ފާހަގަ ތިރިއަށް ވެއްޓިގެންނޭ ކިޔާ ހޭކުޑަވީއެވެ. މަގުމައްޗަށާ އެބުނާ ދެދޮރު ދޭތެރެއަށް ގުޅަކެރުވިގަތް މީހުންގެ ކުރީގައި ހުންނެވި އެކަކީ މިހާރު ތިޔަ ތަރުޖަމާ ކޮށްދެއްވާ އިންތިޚާބީ ރައީސެވެ. ފިރުޒުލް މޮޅަކަސް މާޅަވެފައި ތަޖުރިބާ މަދުވެ ކުޅި ހިނގާ މަގު އަދި އެހާ ސާފު ނުވަނީ ތޯއްޗެކެވެ.
ވިދާޅުވާ އެއްޗެއް މާސާފުކޮށް އެނގެން އޮއްވާ އޭގެ ތަރުޖަމާ އަމުދުން މިހާ ކުރީކޮޅު ދެއްވަން ޖެހުނީމާ ކަމަކު ނުދެއެވެ. ރައީސް ނަޝީދު ވިދާޅުވާ ބަސްފުޅު ތަކުގެ ތަރުޖަމާ ދެއްވަން އޭރުގެ ތަރުޖަމާނު އަވަދިވޭވޭ ހުއްޓާ އެންމެ ފަހުން އަވަދިވީ އެ ވެރިކަމެވެ. އޭގެ ފަހުން ރައީސް ވިދާޅުވާ އެއްޗެއްގެ ތަރުޖަމާ ފަހުން އެހެން ބަޔަކު ދޭން ޖެހުނު ރައީސަކީ ރައީސް ޔާމީނެވެ. އެ ދެބޭފުޅުންގެ ބަސްފުޅު ތަކުގެ ތަރުޖަމާ އެހެން މީހުން ކުރަން ޖެހުނު އިރު އެއީ ރައީސުލްޖުމްހޫރިއްޔާގެ ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ދެ ރައީސުންނެވެ.
ފިރުޒުލްއަށް ތިޔަ ދިމާވީ ތަފާތު ގޮތެކެވެ. ތަރުޖަމާނަކަށް އަދި ތިޔަ ހުންނެވުނީ އަދި މިވަގުތު މަގާމާ ހަވާލުވެ ވަޑައިވެސް ނުގަންނަވާ އިންތިޚާބީ ރައީސްގެ ތަރުޖަމާނަކަށެވެ. އެ މަނިކުފާނާ ދިމާއަށް ފުރަތަމަ ދިއްކޮށްލެވުނު ހެޔޮވަރު ވަރުގެ މައިކަކީ އަލްޖަޒީރާގެ މައިކެވެ. އަނެއް ދުވަހު އެރި އިރާއެކު ފިރުޒުލްއަށް ތިޔަ ޖެހިވަޑައިގަތީ ވިދާޅުވިއެތި އަނެއް ކޮޅަށް ތަރުޖަމާ ކުރައްވާށެވެ. އޭރު ދުނިޔޭގެ ތެރެއަށް އިންތިހާބީ ރައީސްގެ ބަސްފުޅުތައް ވައިކަޑާފައި ފެތުރި ނިމިއްޖެއެވެ. ފިރުޒަލެއް ކަމަކު ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ. ޑރ. މުއިއްޒު ވިދާޅުވީ މޫސުމީ ބަދަލު ތަކުގެ ބިރަކީ މީހުން ދައްކާ އަސްލެއް ނެތް ވާހަކައެއް ކަމުގައެވެ. އެ ވާހަކަފުޅު އެހެން ގޮތަކަށް އިތުރަށް ތަރުޖަމާ ކުރައްވަން ތަރުޖަމާނު ނޫޅުއްވާށެވެ.
ދެން ބުނަމެވެ. ހެލްތް ކޮންޒިއުމަބްލް ހުސްވެގެން ގޮތް ހުސްވާ ކަމަށް ތިޔަ ވިދާޅުވެވުނީ އިންތިގާލީ ކޮމެޓީ ތަކުން ތަންތަނަށް ޒިޔާރަތް ކުރާ ވާނުވާގައި ތިބި މީހުންދޭ މައުލޫމާތުގެ މައްޗަށް ބުރަވެއެވެ. ދަންނަވަންތޯއެވެ؟ އިންތިގާލީ އޮފީހުގެ އިސްވެރިޔަކީ އަދުރޭއެވެ. ސިޔާސީ ޙީލަތް ހަދަން އަދުރޭ ކިތަންމެހާ ވެސް މޮޅުވެދާނެއެވެ. އެކަމު ފިރުޒުލް ތިޔައީ އިންތިޚާބީ ރައީސްގެ ތަރުޖަމާނެވެ. އަދުރޭގެ ތިޔަރީއެއް ތިޔަ ޕޯޑިއަމަކަށް ފިޓެއް ނުވާނެއެވެ.
ދުނިޔެއަށް ކުރިމަތިވި މާސިންގާ ޞިއްޙީ ޢާލަމީ ވަބާ އެއްގައި ނުވިކަމެއް ކުރިއަށް އޮތް ތަނުގައި ވެދާނެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކީމާ އެކަމުން ބޮލާ ފޮށާ އެޅޭނީ ތިޔަ ބޭފުޅުންގެއެވެ.