ނައިބު ރައީސްގެ ރެކޯޑްވެސް ރައީސް ސާލިހަށް

ނައިބު ރައީސް ބަދަލުނުކޮށް ރިޔާސީ ދައުރެއް ނިންމަލާ ފުރަތަމަ ރައީސަކީ ސާލިހު

ނައިބު ރައީސްގެ ރެކޯޑްވެސް ރައީސް ސާލިހަށް

އަދަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުތާ 11 އަހަރު ފުރުނު ދުވަހެވެ. މިއަދާ ގުޅިގެން ހަނދާނަށް އަންނަނީ ނައިބު ރައީސްސުންގެ ވާހަކައެވެ. 2008 ގައި އަމަލު ކުރަންފެށި އައު ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރަކަށް މީގެ ކުރިއަކުން އެއް ނައިބު ރައީސަކާއެކު ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓާލުމުގައި ނައިބުރައީސްގެ ދައުރު ވަރަށް ބޮޑެވެ. ރައީސް ޔާމީނަށް ދައުރެއް ނިންމާ ލެއްވުނީ ދެ ނައިބުން ބޭރުކޮށް 3ވަނަ ނައިބު ރައީސާއި އެކުގައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި އެބާގަޑެއް ނުހެދުނެވެ. އެހެނަސް އެމަގަށް ރައިސް ސާލިހުގެ ވެރިކަން ފޮރޮޅާލަން ބަޔަކު އެބައުޅެއެވެ. ރައީސް ސާލިހުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ޝައްކު އުފައްދަން އެބައުޅެއެވެ. މާ ބޮޑެތި ސިޔާސީ ވެރިންނަށް ވެގެން ރައްޔިތުންނަށް އޮޅުވާލަން އަދުރޭމެން މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ޕީއެންސީ ކިޔާ ސިޔާސީ ޕާޓީގެ ލީޑަރ އަދުރޭއަށާއި އިދިކޮޅަށް ގާނޫނު އަސާސީއެއް ނޭގެއެވެ. ގާނޫނު އަސާސީގައި ބުނާ އެއްޗެއް ފަހުމެއް ނުވެއެވެ. ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސްއަކީ ވެސް އަދުރޭމެންގެ ކުރިމަތީގައި މަރުމޯލުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރިމަތިވެ ވަޑައިގެން އާލާސްކަންފުޅަކާއި ގުޅިގެން ރައީސް ކަމުގެ ވާޖިބުތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތީ ގާނޫނު އަސާސީއާއި އެއްގޮތަށެވެ. ގާނޫނު އަސާސީ ބަޔާންކޮށްފައިވާ އިޖުރާއީ ތަރުތީބުން ކުރައްވަން ޖެހޭ ކަންކަން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތީ ވެސް ގާނޫނު އަސާސީގައި އޮތް ގޮތަށެވެ. ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތުމަށް މަޖިލިސްގެ ރައީސްގެ ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ހުވާލާދެއްވީ ވެސް ގާނޫނު އަސާސީގައި އެކަން އެ ގޮތަށް ކުރަން ބުނެފައި އޮވެގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި އަލުން  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަވާލު ވަޑައިގަތީ ވެސް ގާނޫނު އަސާސީ ބަޔާންކޮށްފައި އޮތް ގޮތަށެވެ. އެކަމުގައި ނުކަސިޔާރު ގާނޫނު އަސާސީއާއި ތައާރަޒުވާ އެއްވެސް ކަމެއް ހިނގަފައި އޮތްނަމަ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ލޯމަރުއްވަލައްވައިގެން ނުހުންނެވީއެވެ. އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ހަނު ނުހުންނެވީހެވެ. އަމްދުން އާރާ ބާރު ލިބި ވަޑައިގަތުމުން ނައިބުރައީސް ފައިސަލް ނަސީމަކީ ދައުރުގެ ބާކީ އޮތްބައިގައި ރައީސްކަން ކޮށްލައްވަން ލިބި ވަޑައިގެން ވަގުތު އެކަން ނުކުރައްވާ ފޭވެ ވަޑައިގަންނަވާ ވަރުގެ މޮޔައެއް ނޫނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައީސް ކަމުގެ ވާޖިބު ތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ހަވާލު ކުރެއްވި ކުރެއްވުމުން ލިބުނު ފިލާވަޅު ތަކެއް އެބައޮތެވެ. ރައީސްއާއި ނައިބު ރައީސްގެ ގުޅުމުގެ ވަރުގަދަކަމެވެ. އެކަކު އަނެކަކަށް އޮތް އިތުބާރެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ނައިބުރައީސުން ފަދަ ހަރާންކޯރު ނައިބު ރައީސަކަށް ރައީސް ސާލިހުގެ ނައިބު ރައީސް ނުވިކަމެވެ. ނައިބު ރައީސް ބަދަލުނުކޮށް ރިޔާސީ ދައުރެއް ނިންމަލެވޭ ފުރަތަމަ ރައީސަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް ސާލިހު ގާއިމު ކުރެއްވުމެވެ.