ސަރުކާރުގެ %60 ކޯލިޝަނަށް ދޫކޮށްލީ ނަޝީދު!
ސަރުކާރަށް ދޮގު ތުހުމަތުކޮށް ހަޖޫ ޖެހުމަށް އެމްޑީޕީ މެންބަރުން އޯކޭއެއް ނޫން.
ސަރުކާރުގެ 60 އިންސައްތަ ކޯލިޝަނަށް ދޫކޮށްލިއްޔާ ދޫކޮށްލެއްވީ ރައީސް ނަޝީދެވެ. އިއްވާފައިވާ 13 އަހަރުގެ ހުކުމުން ސަލާމަތްވެ ވަޑައިގަތުމަށެވެ. އަމިއްލަފުޅަށް ހުރިހާ ގޯހެއް ހައްދަވާފައި ނިކުންނަވާ ސަރުކާރު ބަދުނާމު ކުރައްވަން ރައީސް ނަޝީދު އުޅުއްވިޔަސް ރައްޔިތުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ފިސާރި މޮޅުތަކެއްވެ ވަޑައިގަންނަވާނެ ކަމަށް ތިޔަ ގިރުއްވާ ރަނބައިން ހަރާބު ވަނީ ރައީސް ނަޝީދުގެ އަމިއްލަފުޅު ހަށިކޮޅެވެ.
މިއަދަކީ ތިޔަހެން ދައްކަވާހާ ވާހަކަފުޅުތައް އަޅާކިޔާ ބެލެން އޮތް ދުވަހެވެ. ކުރިން ކުރެއްވި ކަންކަމާއި ނުކުރައްވާ ދޫކުރެއްވި ކަންކަން އަމިއްލަ އަތުގައި އޮތް ފޯނުން ވެސް އެންމެނަށް ބަލާލެވޭ ދުވަހެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީއިން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކަންވީ ވަގުތު ރައީސް ނަޝީދަކަށް މިހާރަކު އެނގި ވަޑައެއް ނުގަންނަވާނެއެވެ. ގައުމީ މަޖިލީހާއި ޕިޖީ ގްރޫޕާއި ސެކެޓްރިއޭޓާއި އާއްމުން މެންބަރުންގެ މެޖޯރިޓީ މިއަދު ތިބީކީ ރައީސް ނަޝީދު އަޅުއްވާހާ ބަތަކަށް ރިހަވެގެނެއް ނޫނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭނީތޯ ނުވަތަ ބަޔަކާ ކޯލިޝަން ހަދާނީތޯ ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. ރައީސް ނަޝީދެއް ނޫނެވެ. އަމިއްލަފުޅު ޕަޓީއަށް ފުރައްސާރަ ކުރެއްވުމުގައި އިދިކޮޅު ވާދަވެރިންނަށް ވުރެ އަމަލުފުޅު ހުތުރެވެ. ފަސް ޕަސެންޓޭ ވައްކަމޭ ވިދާޅުވެ ރައީސް ނަޝީދު ދޮގު ތުހުމަތުތަކާއި ހުތުރު ހަޖޫ ޖައްސަވާއިރު އެމްޑީޕީގެ މެންބަރުން އެތިބީ އެކަންކަން އޯކޭ ވެގެނެއް ނޫނެވެ. ފަހަކަށް އައިސް ބޭއްވި އެތެރޭގެ އިންތިހާބުތަކުން އެކަން އެއޮތީ ދައްކާފައެވެ.
ރައީސް ނަޝީދު ޕަޓީގެ ރައީސް ކަމުގައި ހުންނަވާ މުޅި ޕާޓީ އަތްޕުޅުން ގެއްލިވަޑައިގެން މަގުމަތިވެ ވަޑައި ގަންނަވަމުން ދާކަން މި ކަމުގެ ހެއްކަކަށް ފުދެއެވެ. އެކަމަކު ރައީސް ނަޝީދަށް އަދިވެސް އެކަން އިހުސާސެއް ނުކުރެއްވޭ ނޫންތޯއެވެ. ވީހާލެއްގައި ވާން ތިއްބެވި ސިޔާސީ އެކުވެރިން ރައީސް ނަޝީދު ދޫކޮށްލާ ގައުމާ އެމްޑީޕީއަށް ރަގަޅުގޮތް ހިޔާރު ކުރައްވައިފިކަން އެނގިވަޑައި ނުގަންނަވަހާ ބުއްދި ފަސްވެވަޑައިގަތީތީ ދެރަވެއެވެ.
މިއަދު މިއޮތީ އެމްޑީޕީ ސަރުކާރެއް ނޫނޭ ރައީސް ނަޝީދު އެބަ ވިދާޅުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް އޮތް ސްޕަރމެޖޯރިޓީގެ ތާއީދު އޮތީ ސަރުކާރަށެވެ. އެމްޑީޕީ ތަމްސީލުކުރާ ސިޔަސީ މަގާމުތަކުގައި ތިއްބެވީ ރައީސް ނަޝީދު ހުށަހަޅުއްވާ ރުހުން ދެއްވި ބޭފުޅުންނެވެ. ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނޫންނަމަ އެ ސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށް ދެކިވަޑައިގަންނަ ގަތުމަކީ އެމްޑީޕީ މިހާރު ގަބޫލުކުރާ ގޮތެއް ނޫނެވެ. ކޯލިޝަނޭ ވިދާޅުވެ ސަރުކާރަށް ރައީސް ނަޝީދު ފާޑު ވިދާޅުވާއިރު ކޯލިޝަން ސަރުކާރެއްގެ ހުރިހާ ކަމެއް ކުރެއްވީ ރައީސް ނަޝީދު ނޫން ދެވަނަ ބޭފުޅެއް ނޫނެވެ.
2018 ގައި 40 ޕަސެންޓް އެމްޑީޕީއަށް އޮންނަ ގޮތަށް ކޯލިޝަން ސަރުކާރެއް ހަދަން އެއް ބަސްވި ސޮއިކުރެއްވީ ވެސް ރައީސް ނަޝީދެވެ.
އުކުޅަހު ބަގާވާތޭ ފަސްޕަސެންޓޭ ވިދާޅުވެ މުޅި އެމްޑީޕީގެ ޑިމޮކްރެޓިކް ނިންމުން ތަކަށް ފުރައްސާރަ ކުރައްވަމުން އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް އަމިއްލަ ފުޅަށް ވެރިކަން ހޯއްދަވަން ތިޔަ ޖައްސަވަނީ މަރުފައްޔެވެ. އެމްޑީޕީގެ ހެޔޮވެރިކަމުގައި ކުރިހާ ކަންކަން ނުކުރާ ކަންކަމަށް ހައްދަވައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިންޕުޅު ތިޔަ ނަންގަވަނީ ނިޒާމާމެދު ފިސާރި މޭނުބައި ކުރައްވާ ހުންނަވާ ނުންތޯއެވެ. ރައީސް ނަޝީދަށް އަނބުރާ ރައީސްކަން ލިބި ވަޑައިގަންނަވަންޏާ ރިޔާސީ ނިޒާމްވެސް އޯކޭ ދެއްތޯއެވެ. ރައީސް ނަޝީދަށް ރިޔަސީ ޓިކެޓް ވެދުމަށް އަރުވާ ރައީސް ސާލިހު ފަހަތަށް ޖެހިވަޑައި ގަންނަވަންޏާ ރައީސް ސާލިހު ވަރެއް ދުނިޔެތާކު ނުހުންނާނެ ދެއްތޯއެވެ. އޭރުން ރައީސް ސާލިހު ކުރައްވަނީ މުޅި ދުނިޔެ ދުށް އެންމެ ހެޔޮ ވެރިކަމަށް ރައީސް ނަޝީދަށް ވެވަޑައި ގަންނަވާނެއެވެ.