އަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް ޑރ. މުއިއްޒު؟
ރޫހާނީ ލީޑަރު ރައީސް ޔާމީނު ސަރުކާރާ ވަތްކަނޑާލައިފި
ޑިމޮކްރެޓިކް ހަޔާތުގައި ވެރިކަން ބަދަލު ކުރުމުގެ ތަޖުރިބާ ރާއްޖޭން ތަފާތު ގޮތް ގޮތަށް ކޮށްފިއެވެ. ޑިމޮކްރަސީގެ ޅަފަތުގެ ތަޖުރިބާއޭ ކިޔަމާ ހިނގާށެވެ. ޑިމޮކްރަސީގެ މައިގަޑު އަސާސަކީ ގިނަ މީހުން އެދޭގޮތެވެ.
2008ގައި ވަތަން އެދުނީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ވޯޓުން ނިންމުމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ އެކަކަށްވެސް ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ނުލިބި ރައީސް މައުމޫނު ކުރީގައި އޮވެއެވެ. ދެވަނަ ބުރުގައި ރައީސް މައުމޫނުގެ ވެރިކަން ނިންމުމަށް ވަތަން އެދޭ އިއްތިހާދު ހަދައިގެން ރައީސް މައުމޫނު ބަލިކޮށް ރައީސް ނަޝީދަށް ވެރިކަން ހޯދާދިނީއެވެ.
ރައީސް ނަޝީދުގެ ވެރިކަމަށް މަހެއް ނުވެ ކޯލީޝަން ރޫޅި ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިދިކޮޅު ހަރަކާތްތައް ފެށުނެވެ. އެންމެ ފަހުން ޕްރެޝަރ ބޮޑުވެ ދައުރު ނުނިންމާ ވެރިކަމުން އިސްތިއުފާ ދެއްވަން ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. އޭރު ކޯޓްތަކާއި ސިފައިންނާ ފުލުހުންނާ މަޖިލީހުގެ މެޖޯރިޓީއާއި ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމްއިއްޔާތަކަށް ދާންދެން އޮތީ ރައީސް ނަޝީދާ ދެކޮޅަށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެން ދައުރުގެ ނުނިމި އޮތްބައި ފުރިހަމަ ކުރެއްވީ ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ހިންގެވީ ރައީސް ނަޝީދުގެ ސިޔާސަތެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން އިންގިލާބު ކޮށްލި ކޮށްލުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީން އަދިވެސް ދެކެނީ ބަގާވާތެއްގެ ގޮތުގައެވެ.
2013 ގައިއޮތް ރިޔާސީ އިންތިހާބަކީ މައްސަލަތަކުން ފުރިފައިވާ އިންތިހާބެކެވެ. އިންތިހާބުގެ ފުރަތަ ބުރުގެ ނަތީޖާ އައީ ވެރިކަން ލިބޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓުނުލިބި ދެވަނަ ބުރަށް ދާންޖެހޭ ގޮތަށެވެ. 2013ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު އެންމެ ކުރީގައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ނަޝީދެވެ. ދެވަނައިގައި އޮތީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުއްލާ ޔާމީނެވެ. އެހެން ނަމަވެސް އިންތިހާބުގައި މައްސަލަ ތަކެއް އޮތްކަމަށް ބުނެ ކޯޓުން އިންތިހާބު ބާތިލު ކުރިއެވެ. ސްޕްރީމް ކޯޓުގެ ގައިޑް ލައިނެއްގެ ދަށުން އަލުން އިންތިހާބު ބޭއްވުމަށް އަމުރުކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ދެވަނަ ފަހަރަށް ބާއްވާ ހުވާގެ ދުވަސް ލަސްކޮށްގެންވެސް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދިނީ ކޯޓުންކަމަށް ގިނަ ބަޔަކު ތުމަތު ކުރެއެވެ.
ރައީސް ޔާމީނު ވެރިކަމުގައި މަޖިލިސްތެރެއިން ދެނައިބު ރައީސުން އަޒުލް ކުރިއެވެ. ރައީސް ބޭނުންފުޅު ވެގެންނެވެ. ރައީސް ޔާމީނުގެ ފަސް އަަހަރުގެ ދައުރު ނިންމާ 2018ގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ނުހޯއްދެވި ބަލިވެ ވަޑައިގަތީ އެއްބުރުންނެވެ. ކޯލިޝަން ވެރިކަމެއް ކުރައްވާ ދައުރެއް އެެއް ނައިބު ރައީސަކާއެކު މައްސަލަ ނުޖެހި ނިންމަވާލެއްވުމުގެ ރެކޯޑާއެކު ރައީސްް ސޯލިހު ފަސް އަހަރުގެ ވެރިކަން ނިންމަވާލެއްވީ ޑރ. މުއިއްޒާ ވާދަކުރައްވާ ބަލިވެ ވަޑައިގެންނެވެ.
2023 ގެ ރިޔާސީ އިންތިހާބުވީ ޑިމޮކްރެޓިކް ހަޔާތުގެ ތަފާތު ތަޖުރިބާ ތަކެއް ކުރެވުނު އިންތިހާބަކަށެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަ ކުރިޔަސް ރައްޔިތުންގެ ތާއީދު ބޮޑުކޮށް އޮތީ ދެ ޕާޓީއަކަށް ކަން ކަށަވަރު ވެގެން ދިޔައެވެ. އެންމެ ގިނަވޯޓު ހޯދި ދެޕާޓީއާއި އެންމެ ގާތުން ވާދަކުރި ތިންވަނަ ޕާޓީއަށް އެންމެ %7 ވޯޓް ލިބުމުން ރައްޔިތުން ޕާޓީ ނިޒާމަށް ފަރިތަވެފައި ވާވަރު ސާފުވެގެން ދިޔައެވެ.
2023ގައި އިންތިހާބު ކުރެވުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު ހިސާބުން ވެސް ކުޅުއްވަން ޖެހިވަޑައިގެންފައި އޮތީ ދިފާއަށެވެ. މަޖިލީހުގައި ތިއްބެވީ ސަރުކާރަށް ތާއީދުކުރާ ގިނަވެގެން ހައެއްކަ މެންބަރުންނެވެ. ސަރުކާރުގެ ސީދާ ކޮންޓްރޯލް އޮތީ އެންމެ ދެ މެންބަރުންގެއެވެ. ތާއީދު ހޯއްދެވުމަށް ބޭނުން ކުރެއްވި ރޫހާނީ ލީޑަރު ރައީސް ޔާމީނު ސަރުކާރާ ވަތްކަނޑާލައިފިއެވެ. މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ސަރުކާރުގެ މާލީ ފޯރުން ތެރިކަން އޮތީ އިންތިހާއަށް ދަށުގައެވެ.
ވައިމަތި ފެންނަގޮތުން ރާއްޖެ މިދަނީ އަނެއްކާވެސް ޑިމޮކްރަސީގެ އައުތަޖުރިބާއެއް ކުރުމާ ދިމާއަށެވެ. ވޯޓުންނާ ކޯޓުންނާ މަގުމަތީން ވެރިކަން ބަދަލުކޮށްފިއެވެ. ނުކޮށް އޮތީ ގާނޫނީ އިމުގެތެރެއިން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމެވެ. އަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް ޑރ. މުއިއްޒު ނުވެދާނެ ބާވައެވެ.