މުއިއްޒުގެ ވެރިކަން ނިންމުމުގެ ބަރުގޮނުގެ އަޑު އައްސަވާ
ހެޔޮގޮތަކީ ދައުރު ހަމަކުރަން ނުބަހައްޓާ އަވަހަށް މުއިއްޒު އަޒުލުކުރުން
ދުނިޔޭގެ ތާކު ވެރިއަކު އަޒުލު ކުރަންޏާ ދެން އެންމެ އަވަހަށް އަޒުލު ކުރެވޭނެ ވެރިއަކީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުއިއްޒެވެ. ސަބަބުތައް ބައިވަރެވެ. ދައުރު ހަމަނުކޮށް ވެރިކަން ބަދަލު ކުރުމަކީ މާސަޅި ކަމަކަށް ވަނީއެއް ނޫނެވެ. އެހެން ގޮތެއް ނެތެނީއެވެ.
ފަސް އަަހަރުގެ ދައުރަކަށް ރައްޔިތުން ވެރިކަމަށް މީހަކު ހޮވުމަކީ އެ މީހަކު ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރުމަށް ދެވޭ ލައިސަނެއް ނޫނެވެ. ދައުރު ހަމަނުކޮށް ވެރިކަން ބަދަލު ކުރެވޭނެ އިޖުރާތެއް ލިޔެވިފައި އޮންނަނީ ވެރިކަމުން ވެރިން އަޒުލް ކުރަން ޖެހޭނެ ތީއެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި އެ ވާހަކަ ލިޔެފައި އޮތީ އޮޅުމަކުން ނޫނެވެ. އެ ވާހަކައަކީ އެހެން ތަންތާގެ ގާނޫނު ތަކުގައި ލިޔެފައި އޮންނާތީ ލިޔެފައި އޮތް އެއްޗެއްވެސް ނޫނެވެ.
ދާދި މިދާކަށް ދުވަހު ރައީސް ނަޝީދުގެ ވެރިކަމަށް މަހެއް ނުވެ ކޯލީޝަން ރޫޅި ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިދިކޮޅު ހަރަކާތްތައް ފެށި ޕްރެޝަރ ބޮޑުވެ ދައުރު ނުނިންމާ ވެރިކަމުން އިސްތިއުފާ ދެއްވަން ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. އޭރު ކޯޓްތަކާއި ސިފައިންނާ ފުލުހުންނާ މަޖިލީހުގެ މެޖޯރިޓީއާއި ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމްއިއްޔާތަކަށް ދާންދެން އޮތީ ރައީސް ނަޝީދާ ދެކޮޅަށެވެ. ރައީސް ނަޝީދުގެ ވެރިކަން އިންގިލާބު ކޮށްލި ކޮށްލުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީން އަދިވެސް ދެކެނީ ބަގާވާތެއްގެ ގޮތުގައެވެ. އެކަމަކު އެކަން ވެސް އެ އޮތީ ވެފައެވެ.
ރައީސް ނަޝީދަށް ފަހު ވެރި މީހާ ބަދަލު ވަމުން އައިސްފައިވަނީ ވޯޓުންނެވެ. ވޯޓުން ރައީސަކާއި ނައިބު ރައީސަކު ހޮވާފައި ތިއްބަސް ރައީސް ބަހައްޓާފައި ނައިބު ރައީސް ވައްޓާލުމަކީ ވެސް ރާއްޖެ ކޮށްފައިވާ ތަޖުރިބާއެކެވެ. ރައީސް ޔާމީނު ވެރިކަމުގައި މަޖިލިސް ތެރެއިން ދެ ނައިބު ރައީސުން އަޒުލް ކުރިއެވެ. އެގޮތްވެސް ރައްޔިތުން އޮތީ ލޮލުން ބޮލުން ގަބޫލުކޮށްފައެވެ. ރައްޔިތުން އިންތިހާބު ކުރި ނައިބު ރައީސް އަޒުލު ކުރުމަކުން އެއީ ނުކުރެވޭނެ ކަމަކަށް ވެގެނެއް ނޫޅެއެވެ.
ދައުރު ހަމަނުކޮށް ނައިބު ރައީސް އަޒުލުކޮށްގެން ކަމުދަންޏާ ރައީސަކު ދައުރު ހަމަ ނުކުރަނީސް ވެރިކަމުން ބޭލުމަކީ މައްސަލައެއް ނޫންތާއެވެ. މަކަރާ ހީލަތުން ވެރިކަން ހޯދުމާއި ގާނޫނާ ހިލާފަށް ވެރިކަން ކުރުމަކީ ރައީސް އަޒުލު ކުރެވޭނެ ކަންކަމެވެ.
ފްލެޓް ދައްކައިގެން މަކަރާ ހީލަތުން ފައިސާ ޓަކައިގަންނަ މަންޑޭމެން ކަހަލަ މީހުން ކުށްވެރި ވަންޏާ ސަހުސު އޮޅުވާލައިގެންނާއި ގައުމީ ސަލާމަތައް ނުރައްކާވާ ޒާތުގެ ދޮގު ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ޓަކައިގެންކަން ސާބިތު ވުމުން މުއިއްޒެއް ކަމަކު ވެރިކަމުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތެވެ.
ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދުނިޔޭގެ ކޯޓަކުން ނިންމާ ނިންމުމަކަށް އިހުތިރާމްނުކޮށް ރާއްޖޭގެ ކަނޑު ކުރީ ސަރުކާރުން ވިއްކާލި ކަމަށް ބުނެ ރައްޔުތންނަށް މުއިއްޒު ވަނީ އޮޅުވާލާފައެވެ. އައްޓެރި ގައުމަކުން ރާއްޖޭގެ މިނިވަންކަން ފޭރިގަންނަ ވާހަކައާއި އެ ގައުމުގެ އެތައް ހާސް ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބިކަމަށް ބުނެ ރައްޔިތުން ބިރުގެންނެވިއެވެ. އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރާވަރުގެ ތުހުމަތު އިންޑިއާ އާއި ދެކޮޅަށް ކުރުމުގެ ސަބަބުން ބައިނަލް އަގުވާމީ ގުޅުމަށް މުއިއްޒު ބުރޫ އެރުވިއެވެ. މުއިއްޒު ވެރިކަމުގައި ހުރެއްޖެ ނަމަ ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު ނާޅާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.
މުއިއްޒު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދެއްކި ވާހަކަތައް ސާބިތު ވުމުން ރާއްޖޭގެ ވެރިކަމުން މުއިއްޒު އަޒުލު ކުރަން މަޖުބޫރެވެ. މުއިއްޒު ރާއްޖޭގެ ރައީސް ކަމުގައި އިތުރަށް ބަހައްޓައިގެން ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ތެރެއަށް ވަނުމުގެ ބިރު އެބަ އޮތެވެ. ރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އެބައޮތެވެ. ވެރިކަން ހޯދުމަށްޓަކާ ހިތުހުރި ވާހަކައެއް ދައްކާ ހިތުހުރި ކަމެއް ކޮށްގެން ވެރިކަން ޓަކައިގަތުމުގެ ދޮރު އަބަދުގެ އަބަދަށް ބަންދު ކުރުމަކީވެސް ކުރަން ޖެހޭކަމެކެވެ. މިހާރު ގައުމާ ރައްޔިތުންނަށް އޮތް އެންމެ ހެޔޮގޮތަކީ ދައުރު ހަމަކުރަން ނުބަހައްޓާ އަވަހަށް މުއިއްޒު އަޒުލުކުރުމެވެ.