ވެރިކަމަށް ވަޑައިގެންނެވެންޏާ ރިޔާސީ ނިޒާމް އޯކޭ

ނިޒާމީ ވޯޓަށް ނުގޮސް ރިޔާސީ ޕްރައިމަރީއަށް ވަޑައިގަތުން: އުނބަށް ޖެއްސެވުމެއް

ވެރިކަމަށް ވަޑައިގެންނެވެންޏާ ރިޔާސީ ނިޒާމް އޯކޭ

ހިޔަޅަށް މޭބިސްކަދުރު ހުތްވާ ބީދައިން އޮތް ވެރިކަމުގެ ނިޒާމު ގޯސްވާ ސިޔާސީ ލީޑަރުން އެބައުޅެއެވެ. ވެރިކަމުގެ އާރާބާރު ލިބެން އޮތްކުރު މަގަކީ ނިޒާމު ބަދަލުކުރުން ކަމަށް ވަންޏާ އެކަންނޫނީ ކުރަން އޮތް އެހެން ކަމެއް ނޯންނަ ކަމަށް ވެއެވެ. ރައީސް އަމީނާއި ނާސިރު ނިޒާމު ބަދަލު ކުރެއްވީ ރަސްކަން ވަރުތަވާން ނެތިގެންނެވެ. އެމްޑީޕީ އުފެދިގެން އައި އިރު ނިޒާމު ބަދަލު ކުރަން އުޅުނީ ރާއްޖޭގައި އޮތް މައުމޫނިޒަމް ފުޑުފުޑުކޮށްލުމަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުން މުހިންމު ވެގެންނެވެ.

ގާނޫނު އަސާސީ އިސްލާހު ކުރި ކުރުމުގައި ނިޒާމީ ވޯޓަކަށް ދާން ޖެހުނީ އެހެން ވެގެނެވެ. ނިޒާމީ ވޯޓް ނިމިގެން ދިޔައީ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު ބޭނުންފުޅުވި ގޮތަށް ރިޔާސީ ނިޒާމް ދަމަހައްޓާށެވެ. 30 އަހަރުވީ މައުމޫނިޒަމް ބަދަލު ކުރުމުގެ ރޫހު އުފެދިފައި އޮތް ވަރުން 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫނު ބަލިވެ ވަޑައިގަތެވެ. ރިޔާސީ އިންތިހާބުގައި ރައީސްކަން ކާމިޔާބު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް އެންމެ ބޮޑަށް ވަކަލާތު ކުރެއްވި ރައީސް ނަޝީދެވެ. ރައީސްކަން ލިބި ވަޑައިގަތުމާ އެކު ބަރުލަމާނީ ވާހަކަ ހުއްޓިއްޖެއެވެ. ދައުރެއްގެ މެދުތެރެއިން ވޯޓަކަށް ދާވާހަކަ ދެއްކުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ވެއްޓި މަގުމަތި ވުމުން އަނެއްކާ ވެސް ބަރުލަމާނީވައިގަ ހިފަން ފެށިއެވެ.

ރައީސް ޔާމީނުގެ ގޮށްމުށުގެ ވެރިކަން ނިމެމުން އައިއރު އެމްޑީޕީގައި ބަރުލާމާނީ އޮތީ ވަރަށް ބޮޑަށް ވައިގަ ހިފާފައެވެ. ސިޔާސީ ވާދަވެރިން ޖަލަށްލާ ގަދަ ހިފުމަކަށް ދިޔުމަށް ރައީސް ޔާމީނު ތައްޔާރުވެ ވަޑައިގަންނަވަމުން ދިޔައިރު އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ލިޔުނެވެ. އެހެނަސް ރިޔާސީ އިންތިހާބު ކުޑަތަން ވީއިރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ވާދަވެރި ޕާޓީތައް ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެއް ކެންޑިޑޭޓަކު ނެރެން މަޖުބޫރު ވިއެވެ. ހުރިހާ ސިޔާސީ ވާދަވެރި ލީޑަރުން ޖަލުގައި ތިބީމައެވެ.

އެންމެން ގުޅިގެން ފަސޭހަ ކަމާއެކު އެމްޑީޕީ އިސްވެ އޮވެ ވެރިކަން ކުރާނެ ކޯލިޝަން ސަރުކާރެއް ރައްޔިތުން ހޮވާދީނީ އެއްބުރުން ތަނަވަސް އަގުލަބިއްޔަތުންނެވެ. ރައީސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހެވެ. މެނިފެސްޓޯއަކީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކައެއް ނެތެވެ.

ކުރީގެ ރައީސްް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވެސް އުފެދުނު ކޯލިޝަން ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވިއެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ރޫހާ ހިލާފަށް ރައީސް ނަޝީދު އިސްވެހުންނަވާ އެމްޑީޕީއަށް މަޖިލިސްގެ ސުޕަރ މެޖޯރިޓީ ލިބުމުން ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާ ވައިގައި ހިފިއެވެ.

މަޖިލިސްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރު ފުރޮޅާ ލެއްވުމުގެ ހުވަފެންފުޅު ނަޝީދު ކުރިއަށް ނެރުއްވިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލުކޮށް ރައީސުލްޖުމްހުރިއްޔާ ރަމްޒީ ބޭފުޅަކަށް ހައްދަވާ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ މަސްތުގައި ނަޝީދު ޖެހި ވަޑައިގަތެވެ. ނިޒާމީ ވޯޓަކަށް ދިޔުމަށް ކެތް ނުކުރެއްވިގެން ރައީސް ސާލިހަށް ވެސް ދެންނެވީއެވެ. އެކަމާ ރައީސް އެއްބަސްވެ ވަޑައި ނުގަތުންވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި އެއް ފެކްޝަނުން ސަރުކާރު ހިންގަން ދަތިކުރަން ފެށި ފެށުމަށެވެ.

ނިޒާމީ ވޯޓު ނުނަގާ ރިޔާސީ އިންތިހާބަށް ދިޔުމަކީ ކުރަން ނުވާވަރުގެ ބޮޑުފާފައެއް ކަމަށް ނަޝީދު ދެކި ވަޑައިގެން ނިޒާމީ ކެންޕެއިންތައް ފައްޓުވާ މެންބަރުންގެ ތެރޭގައި ސަރުކާރަށް ނަފްރަތު އުފައްދަން ފެއްޓެވީއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވަނިކޮށް  އެމްޑީޕީ ޕީޖީގްރޫޕާއި ގައުމީ މަޖިލީހާއި ސެކެރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތީއެވެ. އެންމެ ފަހުން ނިޒާމީ ވޯޓަށް ނުގޮސް ރިޔާސީ ޕްރައިމަރީގެ ވާހަކަ ވެސް ދައްކަން ނުވާނެ ކަމަށް ވިދާޅުވި ރައީސް ނަޝީދު އުނބަށް ޖައްސަވާ ރިޔާސީ ޕްރައިމަރީއަށް ވެސް ނިކުމެ ވަޑައިގަތީއެވެ.