އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު

ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު

ރާއްޖެ ދުށް އެންމެ ކާމިޔާބު ޑިޕްލޮމޭޓް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ކުރިމަގު އުޖާލާކަން ރަމްޒުކޮށްދޭ ކަމެކެވެ. އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވަފައިވާ ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވުމަކީ އެމްޑީޕީއަކީ ދުނިޔެ ގަބޫލުކުރާ ޑިމޮކްރެޓިކް މުއައްސަސާއަކަށް ވެގެން ދިޔަ ކަމެކެވެ. 

ރާއްޖޭގެ ހާރިޖީ ވަޒީރުކަން އެއްފަހަރަށްވުރެ ގިނަ ފަހަރު ކުރައްވަފައިވާ އޮނަރަބަލް އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ނިކުންނެވުމަކީ ހެޔޮފާލެކެވެ. އޮނަރަބަލް ޝާހިދަކީ ދޫފުޅު ފަސޭހަ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.

އާރާ ބާރުގެ ގޮތުން ކުޑަކުޑަ ދިވެހިރާއްޖެއަށް އދ މަޖިލީހުގެ ރައީސްކަން ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. އޮނަރަބަލް ޝާހިދުގެ ހިކުމަތްތެރިކަމާއި ވިސްނުންފުޅުގެ ތޫނު ކަމުންނެވެ. މިވަގުތަކީ އެމްޑީޕީއަށް އެފަދަ ހިކުމަތްތެރި ސިކުނޑިއަކަށް ބޭނުން ވެފައިވާ ހައްސާސް ވަގުތެކެވެ. ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާ ސިޔާސީ ލީޑަރޝިޕަކަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތެކެވެ.

ރައީސް ސޯލިހުގެ ކެތްތެރި ދުރުވިސްނޭ ސިޔާސަތު ދެމެހެއްޓެވުމުގައި ދެގޮތެއްނުވެ އެމަނިކުފާނު އަރިހުގައި ހުންނެވި އެންމެ ވަރުގަދަ އެއް ފަހުލަވާނަކީ އޮނަރަބަލް ޝާހިދެވެ. ޒުވާން އުމުރުފުޅުއްސުރެ މިއަދާ ހަމައަށްވެސް ގައުމީ ހިދުމަތުގައި ދެގޮތެއްނުވެ ދެމިހުންނެވި އޮނަރަބަލް ޝާހިދަކީ އެމްޑީޕީއަށް އައު ބޭފުޅެއް ނޫނެވެ. 

ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ސިޔާސީ ތަޖުރިބާއިން ލާފުރާ ފުރިހަމަވެފައިވާ އެންމެ ކާމިޔާބު އެއް ދިވެއްސަކީ އޮނަރަބަލް ޝާހިދެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަމަކީ އެ މަނިކުފާނަށް އައު ކަންކަމެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ދުނިޔޭގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެހެން ދިވެއްސަކު ރާއްޖޭގެ ތާރީހު އަދި ދެކިފައެއް ނެތެވެ.  

އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާކަމަށް އޮނަރަބަލް ޝާހިދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެ އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ "އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނަން" ކަމަށެވެ. 

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުސަތު ހުޅުވިފައިވަނީ ފެބްރުއަރީ 20، 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ.